Roadha Mihaaru
"މޭނޭ ޕިޔާރު ކިޔާ" ގެ ދެ ތަރިއެއްގެ ދަރިންގެ ލޯބި

"މޭނޭ ޕިޔާރު ކިޔާ" ގެ ދެ ތަރިއެއްގެ ދަރިންގެ ލޯބި

18 އޮކްޓޯބަރ 2021

ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ ބޮލީވުޑްގެ އާ ޖޯޑަކީ އަބިމަންޔޫ ދައްސާނީ އާއި ޕްރަނޫޓާން ބާލް އެވެ. ޒުވާން މި ދެ ތަރިންނަކީ ވެސް 2019 ގައި ބޮލީވުޑަށް ނުކުތް ތަރިންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ ބޮލީވުޑްގެ އާ ޖޯޑަކީ އަބިމަންޔޫ ދައްސާނީ އާއި ޕްރަނޫޓާން ބާލް އެވެ. ޒުވާން މި ދެ ތަރިންނަކީ ވެސް 2019 ގައި ބޮލީވުޑަށް ނުކުތް ތަރިންނެވެ.

އަބިމަންޔޫ އާއި ޕްރަނޫޓާންގެ ލޯބީގެ ވާހަކަތައް މިހާރު މީޑިއާތަކުގައި ހޫނުކޮށް ދެކެެވެމުން އަންނަ އިރު، މި ދެ ތަރިން ގުޅުމުގެ ވާހަކަ ގުޅެނީ ސަލްމާން ޚާންގެ 1989 ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" އާ އެވެ. އަބިމަންޔޫ އަކީ އެ ފިލްމުގެ ބަތަލާ ބަގިޔާޝްރީގެ ދަރިއެކެވެ. ޕްރަނޫޓާން އަކީ ފިލްމުގައި ނެގަޓިވް ރޯލެއް ކުޅުނު މޯނީޝް ބޭލްގެ ދަރިއެކެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަބިމަންޔޫ އާއި ޕްރަނޫޓާން އަކީ ވަރަށް ކުރިއްސުރެ ވެސް ގާތް ދެ އެކުވެރިންނެވެ. އެކަމަކު މިހާރު އެކުވެރި ކަމަކަށް ވުރެ އެ ގުޅުން ބަދަހި ވެފައި، ހާއްސަ ކަމަށް ބުނެ އެވެ. އެގޮތުން ދެ ތަރިން އެކީގައި ވަރަށް ގިނައިން ފެންނަ ކަމަށާއި ފެންނަ ފެނުމަށް ބަލާ އިރު، އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އަބިމަންޔޫ އާއި ޕްރަނޫޓާން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ނޫޓާންގެ މާމަދަރި ޕްރަނޫޓާން، 28، ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިންނެވެ. އޭނާގެ ބައްޕަ މޯނިޝް އާއި ސަލްމާނަކީ އަބަދު ވެސް ވަރަށް ގާތް ދެ ރައްޓެހިންނެވެ. ޕްރަނޫޓާންގެ ދެވަނަ ފިލްމަކީ މިދިޔަ މަހު ޒީ5 އިން ޕްރީމިއާކުރި "ހެލްމެޓް" އެވެ.

ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ، 31، ގެ ފުރަތަމަ ފިލްމަކީ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އެވެ. އަންނަ މަހުގެ 5 ގައި އޭނާގެ "މީނާކްޝީ ސުންދަރޭޝްވަރް" ނެޓްފްލިކްސް އިން ޕްރީމިއާ ކުރާނެ އެވެ. އުންމީދީ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނިކައްމާ" އަދި "އާނކް މިޗޯލީ" ހިމެނެ އެވެ.