Roadha Mihaaru
މުރްނާލްގެ ބައިވެރިޔަކީ ކުރީގެ ކޯ-އެކްޓަރު

މުރްނާލްގެ ބައިވެރިޔަކީ ކުރީގެ ކޯ-އެކްޓަރު

19 ނޮވެމްބަރ 2021

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ މުރްނާލް ތާކޫރް، އޭނާ ކުރިން މަސައްކަތްކުރި ޒީޓީވީގެ ސިލްސިލާ "ކުމްކުމް ބަގިއާ" ގައި އެކީގައި ރޯލެއް ކުޅުނު އަރިޖިތު ތަނެޖާއާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ މުރްނާލް ތާކޫރް، އޭނާ ކުރިން މަސައްކަތްކުރި ޒީޓީވީގެ ސިލްސިލާ "ކުމްކުމް ބަގިއާ" ގައި އެކީގައި ރޯލެއް ކުޅުނު އަރިޖިތު ތަނެޖާއާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަތާ އަހަރުތަކެއްވީ ނަމަވެސް، އެ މީހުން މިހާތަނަށް ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މުރްނާލް، 29، އާއޮ އަރިޖިތު ތަނޭޖާ އަކީ މިހާރު ސީރިއަސް ދެ ލޯބިވެރިން ކަމަށާއި އެ މީހުން ބޭނުން ވަނީ ވަރަށް ޕްރައިވެޓްކޮށް ގުޅުން ބާއްވަން ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 1 ގައި މުރްނާލްގެ އުފަން ދުވަހާ ދިމާކޮށް އޭނާއާ އެކީގައި ނަގާފައިވާ ފޮޓޯތަކަކާ އެކު އަރިޖިތު އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔާފައިވެ އެވެ. އެކަމަކު އެ ނޫނީ އެކީގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް މިހާތަނަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެއް ނުވެ އެވެ.

މުރްނާލް 2014-2016 އަށް ބުލްބުލް ކަންނާގެ ރޯލު ކުޅުނު "ކުމްކުމް ބަގިއާ" ގައި އަރިޖިތު ކުޅުނީ ޕޫރަބް ކަންނާގެ ރޯލެވެ. އޭނާ ވެސް އެ ސިލްސިލާގައި މަސައްކަތްކުރީ 2014-2016 އަށެވެ. އަރިޖިތު ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި 2019-2020 އަށް ކަލާޒް އިން ގެނެސްދިން "ބަހޫ ބޭގަމް" ހިމެނެ އެވެ.

ދެހާސް އަށާރައިގެ "ލަވް ސޯނިއާ" ގައި ކުޅުނު ރޯލަށް ފަހު، ގިނަ ފުރުސަތުތައް ލިބެމުން އަންނަ މުރްނާލްގެ އެންމެ ފަހުގެ ފިލްމަކީ ފަރުހާން އަޚްތަރާ އެކު ކުޅުނު "ތޫފާން" އެވެ.

މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކުރާ ކާތިކް އާރިޔަންގެ "ދަމާކާ" ގެ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ "ޖާޒީ" އާއި ޝާހިދުގެ ކޮއްކޮ އިޝާން ހައްތަރުގެ "ޕިއްޕާ" އާއި އަބިމަންޔޫ ދައްސާނީގެ "އާނކް މިޗޯލީ އާއި އަދިތިޔާ ރޯއި ކަޕޫރްގެ "ތަޅަމް" ގެ ހިންދީ ރިމޭކްގެ އިތުރުން ދެކުނުގެ އެކްޓަރު ދަލްގޫރް ސަލްމާނާ އެކު ކުޅޭ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.

މުރްނާލް އަކީ 2019 ގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ހަމަ އެ އަހަރުގެ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ ވެސް ބަތަލާ އެވެ.