Roadha Mihaaru
ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ

ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ

16 އޮކްޓޯބަރ 2021

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތާ ގުޅޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތާ ގުޅޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ވިޔަފާރީގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމްގެ ހަޔާތުގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދެނީ ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ-ޗެއާ އަދި މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

ގާސިމްގެ ވީޓީވީގެ ޕްރޮގްރާމެއްގައި އޭނާ ބުނީ، ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހެދުމުގެ ވާހަކަތައް ދެއްކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެން ކަމަށާއި އަމާޒަކީ ވަރަށް ފުރިހަމަ، ޝައުގުވެރި ފިލްމެއް ގެނެސްދިނުން ކަމަށެވެ.

ކޮޕީ އިއްސެ ބުނިގޮތުގައި ގާސިމްގެ ވާހަކަ ފިލްމެއްގެ ގޮތުގައި ހަދާފައި އޮތުމަކީ އޭނާގެ ގައުމީ ހިދުމަތް ކުރިއަށް އޮތް ޖީލުތަކަށް ދައްކުވައި ދޭނެ އަދި ކުރަން އެހާމެ މުހިއްމު ކަމެކެވެ. އެހެންވެ، އެއީ އާދައިގެ ފިލްމަކަށް ނުވާނެ ކަމަށާއި އަމާޒަކީ "އިންޓަނޭޝަނަލް ފެންވަރު" ގެ ފިލްމެއް ހެދުން ކަމަށް ސާކް ފިލްމު ފެސްޓިވަލްގައި މޮޅު އެކްޓަރުގެ މަގާމު ހޯދި ރާއްޖޭގެ ހަމައެނި އެކްޓަރު ބުންޏެވެ.

އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ނުދެ އެވެ.

ރާއްޖޭގައި ބައޮގްރަފިކަލް ޑްރާމާތައް ހެދުމަކީ އާންްމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. މީގެ ކުރިން ޝަހުސިއްޔަތަކަށް ބިނާކޮށް ހެދި ހަމައެކަނި ފިލްމަކީ މީގެ އެތައް އަހަރެއް ކުރިން ޓީވީ މޯލްޑިވްސް (ޓީވީއެމް) އިން ގެނެސްދިން "ބޮޑުތަކުރުފާނު" ފިލްމެވެ. ހުސައިން ޝިހާބު ޑައިރެކްޓްކުރި ފިލްމުގައި ބޮޑުތަކުރުފާނު ނުވަތަ އުތީމު މުހައްމަދު ތަކުރުފާނުގެ ރޯލު ކުޅުނީ އާދަމް ޒާހިރެވެ.

"ބޮޑުތަކުރުފާނު" ގެ ވާހަކަ އަލުން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމިކަން މި އަހަރުގެ ގައުމީ ދުވަހު ހޯމް މިނިސްޓްރީން އިއުލާންކުރި އެވެ. އެއީ އަންނަ އަހަރުގެ ގައުމީ ދުވަހު ނެރޭ ގޮތަށެވެ.

ރާއްޖޭގައި މި ފަހުން ދެން އިއުލާނުކުރި ބައޮގްރަފިކަލް ޑްރާމާ އަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން 2019 ގައި އިއުލާންކުރި "ރެހެންދި ޚަދީޖާ" އެވެ.