Roadha Mihaaru
ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެއްޖެ

ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެ މަނިކު ކުރުދޮށިން ދީފި!

09 ސެޕްޓެމްބަރ 2024

ދިވެހި ފިލްމެއްގެ ޕްރޮމޯޝަނަށް ކުރި ސަމާސާ ވިހަވެ، އެކްޓަރު މުހައްމަދު މަނިކު އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސަށް ކުރުދޮށިން މިރޭ ދީފި އެވެ.

ދިވެހި ފިލްމެއްގެ ޕްރޮމޯޝަނަށް ކުރި ސަމާސާ ވިހަވެ، އެކްޓަރު މުހައްމަދު މަނިކު އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސަށް ކުރުދޮށިން މިރޭ ދީފި އެވެ.

މަނިކު އޭނާގެ ފޭސްބުކްގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ، ޑާކްރެއިންގެ ފިލްމު "ބިބީ" ގެ ޕްރޮމޯޝަނަކަށް އެ ފިލްމުގައި އުޅޭ އެކްޓަރު އަހްމަދު ސައީދު ދީފައިވާ އިންޓަވިއުއަކާ މެދުގައި އޭނާގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ އިންޓަވިއުގައި ސައީދު ސަމާސާ ކުރަމުން ބުނެފައި ވަނީ މަނިކުގެ އަންހެނުން އަދި އެކްޓްރެސް ޝީލާ ނަޖީބާ އެކު، އޭނާ މި ފަހުން ދެތިން ފިލްމެއް ކުޅުމުން މަނިކު އެކަމާ ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ. އެކަމާ ހެދި މަނިކު މިހާރު އޭނާއާ ވާހަކަ ނުދައްކާ ކަމަށް ވެސް ސައީދު ބުންޏެވެ.

"އެކަމާ އެއްޗެއް ބުނެލަން ބޭނުން، މަނިކުއޭ އެއްވެސް ގޮތަކަށް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު އިތުބާރު ކުރަން ވާނެއޭ އަހަރުންމެންނަށް ދޯ،" ސައީދު ބުންޏެވެ.

"ބިބީ" ގައި ސައީދާއި ޝީލާ ކުޅެނީ ލޯބިވެރިންގެ ރޯލެވެ.

ސައީދުގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ މީހުން ގުޅައި، އެއީ ތެދު ވާހަކައެއްތޯ އެހި ކަމަށް ވެސް މަނިކު ބުންޏެވެ.

"ޕަބްލިކަށް މީހަކު އަރާ އެގޮތަށް ވާހަކަ ދެއްކީމަ މީހުން ހީކުރާނެ ދޯ، އެއީ ތެދު ވާހަކައެކޭ. އެކަމަކު، އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫން، ހަގީގަތެއް އޮތް ވާހަކައެއް ނޫން،" މަނިކު ބުންޏެވެ.

މަނިކު ބުނީ ސޯޝަލް މީޑިއާގައި އެ އިންޓަވިއު އަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގެ ސަބަބުންނާ އަދި އޭނާގެ ގާތް މީހުން ވެސް ގުޅައި އެ ވާހަކަ އަހާތީ ވަރަށް ބޮޑަށް ދެރަވެފައި ހުރި ކަމަށެވެ.

"އެއީ ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހުން ކުރަން ނުވާ ކަހަލަ ކަންތައްތައް. ޑާކްރެއިނުން އެ ކަންތައް އެ ގޮތަށް ކުރީތީ ވަރަށް ދެރަވެއްޖެ،" މަނިކު ބުންޏެވެ.

"ހަގީގަތަކީ އަހަރެމެންގެ ދިރިއުޅުމުގައި ނޯންނާނެ އެއްވެސް ކުންޏެއް، އެހެންވެ 21 އަހަރު އިނދެގެން އެއްކޮށް މި އުޅެވުނީ މިއަދާ ހަމައަށް."

ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްގެން ގެނެސްދިން ފިލްމު "ކަމަނާ" ގެ ރެޑްކާޕެޓުގައި އެކްޓަރު މުހައްމަދު މަނިކާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޝީލާ ނަޖީބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްގެން ގެނެސްދިން ފިލްމު "ކަމަނާ" ގެ ރެޑްކާޕެޓުގައި އެކްޓަރު މުހައްމަދު މަނިކާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޝީލާ ނަޖީބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝީލާ އާއި މަނިކުއަކީ ދިވެހި ސިނަމާގެ އެންމެ ފޭވަރިޓް އެއް ޖޯޑެވެ.

ސައީދު އިނދެގެން އުޅެނީ އެކްޓްރެސް ފާތިމަތު އާޒިފާ (އަޒޫ) އާ އެވެ.

އަލަށް ފީޗާ ފިލްމެއް ޑައިރެކްޓުކުރާ ޝަހުދާ މަހުމޫދު ގެނެސްދޭ މި ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އަދި އަބްދުﷲ ޝާފިއު (ފުބޫ) އެވެ.