Roadha Mihaaru
ޑާކް ރެއިނުން އިތުރު ޕްރޮޖެކްޓްތަކެއް

ޑާކް ރެއިނުން އިތުރު ޕްރޮޖެކްޓްތަކެއް

15 ސެޕްޓެމްބަރ 2020

މިހާރު ވެސް މަސައްކަތް އެއްކޮށް ނިމިފައިވާ ފީޗާ ފިލްމަކާއި މަސައްކަތް ކުރިއަށްދާ ދެ ފީޗާ ފިލްމެއް ހަދަމުން އަންނަ ޑާކް ރެެއިން އެންޓަޓައިންމަންޓުން އާ އިތުރު ޕްރޮޖެކްޓްތަކެއް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވެސް މަސައްކަތް އެއްކޮށް ނިމިފައިވާ ފީޗާ ފިލްމަކާއި މަސައްކަތް ކުރިއަށްދާ ދެ ފީޗާ ފިލްމެއް ހަދަމުން އަންނަ ޑާކް ރެެއިން އެންޓަޓައިންމަންޓުން އާ އިތުރު ޕްރޮޖެކްޓްތަކެއް އިއުލާންކޮށްފި އެވެ.

މި އަހަރު އަޅުވަން ނިންމާފައި ކޮވިޑް-19 އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައިވާ ފިލްމު "ނޮވެމްބާ" ގެ ހުރިހާ މަސައްކަތެއް ނިމިފައިވާ އިރު، ރާއްޖޭގެ މި ވަގުތު އެންމެ ކާމިޔާބު އަދި ހަރަކާތްތެރި ސްޓޫޑިއޯ އިން ހަދަމުން އަންނަ ދެ ފިލްމަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އަލަތު ފީޗާ "ބީވީމާ" އާއި އަހުމަދު ޝިނާންގެ "ބަޅިނދު" އެވެ.

މި ފިލްމުތަކުގެ އިތުރުން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސްޓޫޑިއޯ އިން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ކައިވެނީގެ އަމާޒު" އާއި ރާއްޖޭގެ ފުރަތަމަ ބޮޑު ސްކްރީން ބައޮގްރަފިކަލް/ޕީރިއަޑް ޑްރާމާ "ރެހެންދި ހަދީޖާ" ހިމެނެ އެވެ.

މި އެއްޗެހީގެ އިތުރުން އަލަށް އިއުލާންކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ އަހުމަދު ތޮލާލް ލިޔެ، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އަދި މި ވަގުތު ޕްރި-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މިނީ-ވެބް ސީރީޒް "ހަޝިވާ" އާއި ޗިއްޕެ ލިޔެ، ޑައިރެކްޓްކުރާ ޑާކް ރެއިން ކްރޮނިކަލްސް ސީޒަން އެކަކާއި ޑާކް ރެއިން އެންތޮލޮޖީ ސީޒަން އެކެކެވެ. އެ އެންތޮލޮޖީގެ ބައިތަކުގެ ތެރޭގައި ތޮލާލް ލިޔާ "ފުރޭތަ" އާއި މޫމިން ފުއާދުގެ "ބައިސާ" ހިމެނެ އެވެ.

މީގެ އިތުރުން ވެސް އިތުރު ސްކްރީން ރައިޓަރުންނާއި ޑައިރެކްޓަރުންގެ ސެގްމަންޓްތައް އޭގައި ހިމެނޭނެ އެވެ.

ޑާކް ރެއިނުން ބުނިގޮތުގައި މިހާރު ޝޫޓްކުރަމުން އަންނަ "ބީވީމާ" ގެ 50 ޕަސަންޓް ނިމިފައިވާ އިރު "ބަޅިނދު" ގެ 15 ޕަސަންޓް އޮތީ ނިމިފަ އެވެ. އަންނަ އަހަރު ގެނެސްދޭން އަމާޒު ހިފާފައިވާ މި ފިލްމުތަކުގެ ޕޯސްޓަރުތަކެއް ވެސް ވަނީ ދައްކާލައިފަ އެވެ.

މީގެ 14 އަހަރު ކުރިން ފިލްމީ ދާއިރާ އަށް ނުކުތް ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމުތަކަކީ މިދިޔަ އަހަރުގެ "ގޮށްރާޅު" އާއި "މާމުއި" އެވެ.