Roadha Mihaaru
ޖޭމްސް ބޮންޑް މާވެލް ޔުނިވާސްއާ ގުޅެނީ

ޖޭމްސް ބޮންޑްގެ ރޯލު ކުޅުނު ކްރެއިގް މާވެލް ޔުނިވާސް އަށް ގެންނަނީ

15 އޮކްޓޯބަރ 2021

މިދިޔަ މަހު ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އެ ކެރެކްޓާ އަށް އަލްވަދާއު ކިޔާފައިވާ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް މާވެލް ޔުނިވާސްއާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އެ ކެރެކްޓާ އަށް އަލްވަދާއު ކިޔާފައިވާ އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް މާވެލް ޔުނިވާސްއާ ގުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯތައް ބުނެފި އެވެ.

ސުޕަހީރޯ ފިލްމުތައް ގެނެސްދޭން އަރާހުރި ކުންފުނީގެ އުފެއްދުމަކަށް އޭނާ ގެންނަން އުޅޭ ވާހަކަ ތަންކޮޅެއް ކުރިން ވެސް މީޑިއާތަކުން ދެކެވިފައި ވަނިކޮށް މިކަމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ކްރެއިގް، މާވެލްއާ ގުޅޭނީ ދެމިގެންދާ ކަހަލަ ވަރުގަދަ ވިލަންއެއްގެ ކެރެކްޓާއަކުންނެވެ. ކްރިސް ހެމްސްވޯތުގެ ސުޕަހީރޯ ފްރެންޗައިޒް "ތޯ" ގެ މަސައްކަތް ފެށި ދުވަސްވަރު އެންމެ ފުރަތަމަ އެ ކެރެކްޓާ އަށް ވެސް ގެންނަން ވާހަކަ ދެކެވުނު އެއް ތަރި އަކީ ކްރެއިގް އެވެ. އަދި އެކަން ކަށަވަރު ކޮށްދީ، އޭނާ ބުނެފައި ވަނީ "ތޯ" ގަބޫލު ނުކުރީ އޭނާ އަށް އެހާ ކަމުދާ ކަހަލަ ފިލްމަކަށް އެ ނުވުމުން ކަމަށެވެ.

ޖަޔަންޓް ފްރީކް ރޮބޮޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރެއިގް މާވެލް ޔުނިވާސް އަށް ގެންނަން އެ ކުންފުނީގެ ސީއީއޯ ކެވިން ފީޖް މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް ވިސްނަމުންނެވެ. ސަބަބަކީ އައިކޮނިކް ކެރެކްޓާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ބޮންޑްގެ ރޯލު ފަސް ފިލްމެއްގައި ކުޅެގެން ކްރެއިގް ހޯދި ކުރިއެރުމާއި އެ ރޯލަށް އޭނާގެ ސަބަބުން އައި ހެޔޮ ބަދަލުތަކާ ހެދި އެވެ.

މާވެލް ސްޓޫޑިއޯގެ ލޯ ކްރެއިގާ ދިމާއަށް މިހާރު ހުއްޓިފައި އޮތަސް ރަސްމީކޮށް އަދި ދެ ފަރާތުގައި މިކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. އެކަމަކު ވަރަށް އަވަހަށް މިކަމާ ބެހޭ ފަހުގެ އަޕްޑޭޓްތަކެއް އަންނާނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.

ކްރެއިގް، 53، މިހާރު އަންނަނީ 2019 ގައި ރިލީޒްކުރި ކާމިޔާބު މިސްޓްރީ ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްގެ މަސައްކަތް ކުރަމުންނެވެ.