Roadha Mihaaru
ބޮންޑްގެ ރޯލަކީ އެންމެ ބޮޑު ޝަރަފު: ކްރެއިގް

ޖޭމްސް ބޮންޑްގެ ރޯލު ކުޅެން ލިބުމަކީ އެންމެ ބޮޑު ޝަރަފު: ކްރެއިގް

19 ސެޕްޓެމްބަރ 2021

"ޖޭމްސް ބޮންޑް" ގެ ރޯލު ކުޅެން ލިބުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށާއި ފަސް ފިލްމެއްގައި އެ ރޯލު ކުޅެން ހޭދަކުރެވުނު ކޮންމެ ހިނދުކޮޅަކީ މުހިއްމު ތަޖުރިބާއެއް ކަމަށް އެކްޓަރު ޑެނިއަލް ކްރެއިގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޖޭމްސް ބޮންޑް" ގެ ރޯލު ކުޅެން ލިބުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށާއި ފަސް ފިލްމެއްގައި އެ ރޯލު ކުޅެން ހޭދަކުރެވުނު ކޮންމެ ހިނދުކޮޅަކީ މުހިއްމު ތަޖުރިބާއެއް ކަމަށް އެކްޓަރު ޑެނިއަލް ކްރެއިގް ބުނެފި އެވެ.

ބޮންޑްގެ ސީރީޒްގެ 25 ވަނަ ފިލްމު އަދި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކްރެއިގް ބޮންޑްގެ ރޯލު ކުޅުނު ފަހު ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ޝޫޓިން ނިންމައިލި ދުވަހު ކާސްޓާއި ކްރޫއާ އޭނާ ދެއްކި ވާހަކައެއްގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭގައި ކްރެއިގް ބުނީ ޖޭމްސް ބޮންޑްގެ ސީރީޒްގެ ފަސް ފިލްމެއް ކުޅެން ލިބުމުން ވަރަށް ގިނަ ބަޔަކާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދިޔަ ކަމަށެވެ.

"އެއިން ކޮންމެ ފިލްމެއްގައި މަސައްކަތްކުރި ކޮންމެ ސިކުންތަކީ އަހަރެން ވަރަށް ގަޔާވެގެން ކުރި މަސައްކަތެއް،" އޭނާ ބުންޏެވެ.

އިނގިރޭސިވިލާތަށް އުފަން ކްރެއިގް، 53، ބުނި ގޮތުގައި ވަކިން ހާއްސަކޮށް "ނޯ ޓައިމް ޓު ޑައި" އަށް ކުރަން ޖެހުނު މަސައްކަތްތައް ވަކިން ބޮޑަށް ފާހަގަކޮށްލެވެ އެވެ.

ކުރިން މިދިޔަ އަހަރު ރިލީޒްކުރަން އުޅެނިކޮށް ކޮވިޑާ ހެދި އެކި ފަހަރުމަތިން ފަސްކުރަމުން އައި ފިލްމުގެ ފުރަތަމަ ޕްރީމިއާ މި މަހުގެ 30 ގައި ގައި އިނގިރޭސިވިލާތުގައި އޮންނާނެ އެވެ. އަދި އިންޓަނޭޝަނަލް މާކެޓްތަކުގައި ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ 8 ގަ އެވެ.

"ނޯ ޓައިމް ޓު ޑައި" ޑައިރެކްޓްކުރީ ކެރީ ޖޯޖީ ފުކުންގާ އެވެ. މީގެ ކާސްޓްގައި ރަމީ މާލިކް، ލިއާ ސެޑޫ، ލަޝާނާ ލީންޗް، ބެން ވިޝޯ، ރާފް ފިއެނެސް، ޖެފްރީ ރައިޓް، ނިއޯމީ ހެރިސް އަދި ކްރިސްޓޯފާ ވޯލްޒް ހިމެނެ އެވެ.

ބޮންޑްގެ ރޯލު ކުޅެގެން ހޮލީވުޑްގައި އެންމެ ބޮޑ އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ވެސް ކްރެއިގް ހިމެނޭ އިރު، އޭނާ އެ ރޯލަށް ނުކުތީ 2006 ގެ "ކެސިނޯ ރޯޔޭލް" އިންނެވެ. އޭގެ ފަހުން 2008 ގެ "ކްއަންޓަމް އޮފް ސޮލޭސް" އާއި 2012 ގެ "ސްލައިފޯލް" އަދި 2015 ގެ "ސްޕެކްޓާ" ގައި ބޮންޑްގެ ރޯލު ކުޅެގެން ބޮޑު އާންމުންގެ ބޮޑު ތަރުހީބެއް ހޯދި އެވެ.

ކްރެއިގަށް ފަހު ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ބަހުސަކީ މީޑިއާތަކުގައި ވަރަސް ހޫނު ބަހުސެކެވެ. މީގެ ކުރިން އެތައް އެކްޓަރަކާ ގުޅުވައިގެން އެ ވާހަކަ ދެކެވިފައިވެ އެވެ. އަދި ބޮންޑްގެ ރޯލު ބަތަލާ އެކު ކުލެފާނެކަމުގެ އަޑުތަކެއް އެރުމުން ފިލްމުގެ ޕްރޮޑިއުސަރުން އެކަން ދޮގުކޮށްފައިވެ އެވެ.