Roadha Mihaaru
މުއާ އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް

މުއާ އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް

14 އޮކްޓޯބަރ 2021

އާޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގައި ކުރިން ވެސް ދެ ފަހަރެއްގެ މަތިން އިސް މަގާމުތައް އަދާކުރި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އަށް އެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގައި ކުރިން ވެސް ދެ ފަހަރެއްގެ މަތިން އިސް މަގާމުތައް އަދާކުރި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އަށް އެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ދީފި އެވެ.

ސިޔާސީ މި މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މުއާ ވަނީ މި މަގާމު ލިބުނު ކަން "މިހާރު" އަށް މިއަދު ކަށަވަރުކޮށްދީފަ އެވެ.

ދެ ފަހަރެއްގެ މަތިން އެންސީއޭގެ އެގްޒެކެޓީވް ކޯޑިނޭޓަރުކަން ކުރި މުއާ އަށް އެ މަގާމުތައް ދީފައި ވަނީ ކުރީ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ދަށުން އެންސީއޭ ހިންގަމުން އައި އިރު އެވެ. އެންމެ ފުރަތަމަ އޭނާ އެ މަގާމާ ހަވާލުވީ 2014 ގަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ވަޒީފާއިން ވަކިކުރުމަށް ފަހު، އަނެއްކާ ވެސް އެ މަގާމަށް ހަމަޖެއްސީ 2017 ގަ އެވެ. ޖެހިގެން އައި އަހަރު އަނެއްކާ ވެސް އޭނާ ވަޒީފާއިން ވަކިކުރި އެވެ.

އެ ދެ ފަހަރު ވެސް އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޔަގީން ނުވިޔަސް، އޭރު އަޑު ފެތުރިފައި އޮތީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ.

ސަރުކާރުގެ އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި މަހު މުސާރާއިގެ ގޮތުގައި 25،000ރ. ލިބެ އެވެ. އާޓް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެކި އޮފީސްތަކުގައި މި ވަގުތު ވެސް ސިޔާސީ މަގާމުތަކުގައި 21 ބޭފުޅުން ތިއްބަވަ އެވެ.