Roadha Mihaaru
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ

ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ

01 މާޗް 2020

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބާއްވާ އެވޯޑް ހަފުލާ އަލުން ބާއްވަން ނިންމައި، އެވޯޑް ހަފުލާ އިންތިޒާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އެ އެވޯޑު މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބާއްވާ އެވޯޑް ހަފުލާ އަލުން ބާއްވަން ނިންމައި، އެވޯޑް ހަފުލާ އިންތިޒާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އެ އެވޯޑު މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ސާފް ވިއު ރެސްޓޯރަންޓްގައި ބޭއްވި ހަފުލާއެއްގައިި އެމްއެފްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާޕަސަން އަދި މަޝްހޫރު ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. އެވޯޑް ހަފުލާގެ އޮގަނައިޒިން ޕާޓްނަރަކަށް ހަމަޖެއްސި އަ ބިޒްނަސް ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް (އޭބީސީ)ގެ ފަރާތުން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު މަރިޔަމް ސުހާނާ އެވެ.

ހަ އަހަރަށް ފަހު އެމްއެފްއޭގެ ހަތަރު ވަނަ ފިލްމު އެވޯޑްސް މި އަހަރު ބާއްވަން ނިންމި ނަމަވެސް، އެވޯޑް ހަފުލާ ބާއްވާނެ ސީދާ ތާރީހަކާއި ފިލްމުތައް ބައިވެރިކުރަން ހުޅުވައިލާނެ އިރެއް އިއުލާނެއްނުކުރެ އެވެ. އަދި މި ފަހަރުގެ އެވޯޑް ހާއްސަކުރަނީ ކޮން އަހަރުތަކެއްގައި ނުކުތް ފިލްމުތަކަށް ކަމެއް ވެސް ހާމައެއްނުކުރެ އެވެ.

ނަމަވެސް މާސްކޭ ބުނީ އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ 16 ގައި އެވޯޑް ހަފުލާ ބޭއްވޭތޯ އާއި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެވޯޑާ ގުޅޭ ގިނަ ކަންކަން ކުރިއަށް ގެންދަން ކަމަށެވެ. އަދި ވަރަށް ފުރިހަމަ ރީތި އެވޯޑް ހަފުލާއެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

އެމްއެފްއޭ ފިލްމު އެވޯޑްސް ބާއްވަން އެންމެ ފަހުން ރަސްމީކޮށް އިއުލާންކުރީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ނިންމީ 2014-2015 އަށް ރިލީޒްވި ފިލްމުތަކަށް ހާއްސަކޮށްގެން އެ އަހަރުގެ އޮކްޓޯބަރުގައި އެވޯޑް ހަފުލާ ބާއްވާށެވެ. އަދި އެވޯޑް ހަފުލާ ބާއްވަން ނިންމީ ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެންނެވެ.

ނަމަވެސް އެ އެވޯޑް ހަފުލާ އެކި ފަހަރު މަތިން ލަސްވަމުން ގޮސް ބާއްވާފައެއް ނުވެ އެވެ.

އެމްއެފްއޭ އަށް 2018 ގައި އާ ބޯޑެއް ވެސް އިންތިހާބުކޮށްފައި ވަނިކޮށް އަލުން އެމްއެފްއޭ އެވޯޑް ހަފުލާ ބާއްވަން އިއުލާން މިކުރީ ހަތަރު އަހަރު ފަހުންނެވެ. އެންމެ ފަހުން އެމްއެފްއޭ އެވޯޑް ހަފުލާ ބޭއްވީ 2014 ގަ އެވެ.

ރާއްޖޭގައި އުފައްދާ ފިލްމުތަކަށް މި ވަގުތު ދެމުން އަންނަ ހަމައެކަނި އެވޯޑަކީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި ފިލްމު އެވޯޑްސް އެވެ.

ރާއްޖޭގައި ކުރިން ފިލްމުތަކަށް ދިން އެވޯޑްތަކުގެ ތެރޭގައި ކުރީގެ ދުވަހު ނޫސް އާފަތިސް އެވޯޑާއި ދުވަހު ނޫސް މިއަދުން އިންތިޒާމުކޮށްގެން ދިން ކްރިސްޓަލް އެވޯޑް ހިމެނެ އެވެ.