Roadha Mihaaru
ރާއްޖެއަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް: ސުޒޭން

އިންޑިއާއާ ދެކޮޅަށް ރާއްޖެއަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް: ސުޒޭން

12 އޮކްޓޯބަރ 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހި ޓީމަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް ކަމަށް ގައުމީ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހި ޓީމަށް އޮތީ ޕޮޒިޓިވް ޕްރެޝަރެއް ކަމަށް ގައުމީ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ ޕްރެސްގައި ސުޒޭން ބުނީ ޕްރެޝަ ޕޮޒިޓިވް ވަނީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމާ މެދު ކުރާ އުންމީިދު ބޮޑުވުމުން ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި 1997 ވަނަ އަހަރު ރާއްޖެއިން ފައިނަލް ކުޅުނު ހިސާބުން ފެށިގެން ދެކުނު އޭޝިއާގެ ކޮންމެ މުބާރާތެއްގައި ކުޅުނަސް ދިވެހިން ބޭނުން ވަނީ ތަށި ކަމަށް ސުޒޭން ބުންޏެވެ.

"ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ މެޗަކީ ޕްރެޝަރެއް. ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް ދިވެހިންގެ އުންމީދުތައް މިހާރު ގުޅިފައި މިއޮންނަނީ ތައްޓާ. އެހެންވީމާ އެއީ ޕްރެޝައެއް. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްމެއް ވެސް މެ،" ސުޒޭން ބުންޏެވެ.

"އެ ހިތްހަމަޖެހުމަކަށް ވަނީ އަޅުގަނޑުމެންގެ ޓީމަށް އިތުބާރުކޮށް، ދިވެހިންގެ 12 ވަނަ ކުޅުންތެރިޔާ [ސަޕޯޓަރުން] އެބަ ގަބޫލު ކުރޭ އަޅުގަނޑުމެން މިކަން ކުރާނެކަން. ގަބޫލުކޮށްގެން އަދި ކާމިޔާބަށް ބޭނުންވެގެން އެ ވާހަކަ މި ދައްކަނީ. އެހެންވީމާ އަޅުގަނޑުމެން އެ ޕްރެޝަ ނަގާނީ ވަރަށް ޕޮޒިޓިވް އެއްޗެއްގެ ގޮތުގައި. ކޮންމެ ގޮތެއްވިޔަސް ކަމަކަށް ކުރިމަތިލާއިރު ހުންނާނެ އެކަހަލަ ކަންތައްތަކެއް [ޕްރެޝަރެއް]. އެކަމަކު އެއީ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ މެޗަށް ހުރަސް އެޅޭނެ ކަމެއް ނޫން."

ލަންކާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ދިވެހި ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނީޝާން އަލީ | މިހާރު

ލަންކާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ދިވެހި ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނީޝާން އަލީ | މިހާރު

ޕޮއިންޓް ތާވަލަށް ބަލާއިރު ނޭޕާލާއި ރާއްޖެ މިއޮތީ އެންމެ ކުރީގަ އެވެ. އެކަމަކު ސުޒޭން ބުނީ ފައިނަލްގެ ކުރިން އެއް މެޗު އޮއްއިރު އަނެއް ދެ ޓީމަށް ވުރެ ރާއްޖެއަށް ރާއްޖެ އާއި ނޭޕާލަށް ކުރިއަށް ދެވުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

އޭނާ ބުނީ މިސަރަހައްދުގެ ކޮންމެ ގައުމަކުން ވެސް އެންމެ ވާދަކުރަން ޖެހޭ އެއްޗަކަށް ވާނީ އިންޑިއާ ކަމަށެވެ. އެއީ އިންޑިއާގެ ފުޓްބޯޅައިގެ އޮތް ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

"މި ސަރަހައްދުގެ ހުރިހާ ގައުމެއް، ނޭޕާލް ވިއަސް ބަންގްލަދޭޝް ވިއަސް ގަބޫލު ކުރާނެ އިންޑިއާ އަތުން މޮޅުވެގެންކަން ސާފް ޗެމްޕިއަންޝިޕް ހޯދޭނީ. ނޫނީ އިންޑިއާ އާ ވާދަކޮށްގެން ހޯދާ ކާމިޔާބެއް ބިނާ ވެފައި މިއޮތީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން."

ދިވެހި ސަޕޯޓަރުން ރާއްޖެ ޓީމަށް ސަޕޯޓް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ސަޕޯޓަރުން ރާއްޖެ ޓީމަށް ސަޕޯޓް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސުޒޭން ބުނީ ސަޕޯޓަރުން ޓިކެޓް ގަންނަން އެތައް ގަޑިއިރެއް ކުރިން ކިޔުގައި ޖެހުމަކީ ދިވެހިންގެ ހިތުގައި ގައުމީ ޓީމަށް އޮތް ލޯބި ހާމަކޮށްދޭ ކަމަށެވެ. ސަޕޯޓަރުން މާޔޫސް ނުވާނެ ހުރިހާ ގޮތަކަށް ދިވެހި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ އުންމީދު އޭނާ ދިނެވެ.

މާދަމާ ރޭ ގެ މެޗަކީ ލީގު އުޅުން ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މާދާމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. އެކަމަކު މެޗު އެއްވަރު ކޮށްލައިގެން ފަރުޖައްސާލުމުގެ ވިސްނުމެއް ނުގެންގުޅެ ޓާގެޓަކީ މެޗުން މޮޅުވުން ކަމަށް ސުޒޭން ބުންޏެވެ.

"އެކަމަކު އެއީކީ [މެޗު އެއްވަރު ކުރަން ވިސްނުމަކީ] އަޅުގަނޑުމެން ފޯކަސް ކުރާ ޓާގެޓެއް ނޫން. ހިސާބު ޖަހާއިރު އެގޮތަށް އޮތް ވާހަކަ މިދަންނަވާލީ،" ސުޒޭން ބުންޏެވެ. "އެކަމަކު އޭއެފްސީ ކަޕު ގުރޫޕް ސްޓޭޖުގައި ކުޅެވިދަޔަ މެޗުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އުންމީދު އެބައޮތް އަޅުގަނޑުމެންނަށް ބޭނުންވާ ޓާގެޓަށް ދެވޭނެކަމުގެ."

މާދަމާ ރޭ ގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ.