Roadha Mihaaru
ޗައިނާ- އިންޑިއާގެ އަސްކަރީ ވާހަކަތައް ފަނުފުލުން

ޗައިނާ- އިންޑިއާގެ އަސްކަރީ ވާހަކަތައް ފަނުފުލުން

12 އޮކްޓޯބަރ 2021

ބިމުގެ މިލްކުވެރިކަމާ މެދު، ދެ ގައުމުގެ މެދުގައި އަރައިރުން އުފެދިފައިވާ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތައް ހިނގިޔަ ނުދިނުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހުއްޓައިލަން ޖެހިއްޖެ ކަމަށް ޗައިނާ އާއި އިންޑިޔާ އިން އިއްޔެ ބުނެފި އެވެ.

ބިމުގެ މިލްކުވެރިކަމާ މެދު، ދެ ގައުމުގެ މެދުގައި އަރައިރުން އުފެދިފައިވާ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތައް ހިނގިޔަ ނުދިނުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ހުއްޓައިލަން ޖެހިއްޖެ ކަމަށް ޗައިނާ އާއި އިންޑިޔާ އިން އިއްޔެ ބުނެފި އެވެ.

ދެ ގައުމު ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ލަޑަކް ސަރަހައްދުގައި ޗައިނާގެ ސިފައިންނާއި އިންޑިއާގެ ސިފައިންނާ ދެމެދު، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، ހަމަލާތަކެއް ބަދަލުކުރި ފަހުން، މިއަދާ ހަމައަށް ވެސް، އެ ސަރަހައްދުގެ މަސްރަހު ހަމައަކަށް ނޭޅެ އެވެ. އެހެންކަމުން، އެ ސަރަހައްދުގެ އެންމެ ކުރީ ސަފުގައި ދެ ފަރާތުގެ ސިފައިން ތައްޔާރީ ހާލަތުގައި ތިބޭތާ މިހާރު 17 މަސް ދުވަސްވީ އެވެ.

ލަޑަކް ސަރަހައްދަކީ ކަނޑުގެ ސަތަހައިން ފެށިގެން 5000-7000 މީޓަރު އުސް ސަރަހައްދެކެވެ. އެހެންކަމުން ފިނި މޫސުމުގައި އެ ސަރަހައްދުގެ ފަރުބަދަ މަތީގައި ސިފައިން ތައްޔާރީ ހާލަތުގައި ބޭތިއްބުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެކެވެ.

ދެ ފަރާތުގެ ލަޝްކަރުގެ މެދުގައި ކުރިމަތިލުންތައް އެންމެ އާންމުކޮށް ހިނގާ ސަރަހައްދުގައި، ޖެނުއަރީ މަހުގެ ތެރޭގައި ފިނިހޫނުމިން ހުންނާނީ އެވްރެޖް ގޮތެއްގައި މައިނަސް 30 ޑިގްރީ ސެލްސިއަސްގަ އެވެ.

މިދިޔަ އަހަރު ހިނގި ކުރިމަތިލުމަށް ފަހު، ޗައިނާގެ އަސްކަރިއްޔާ އިން ވަނީ، ފިނިން ރައްކާތެރިކަން ލިއްބައިދޭ ހާއްސަ ވަގުތީ ހިޔާތަކެއް އެ ސަރަހައްދުގައި ގާއިމުކޮށް، ސިފައިންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

ދެ ފަރާތުގެ މެދުގައި ބޭއްވި ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ފެއިލްވުމުން، ކުރިއަށް އޮތް ފިނި މޫސުމުގައި ވެސް، އަނެއް ފަރާތުން އުދުވާނީ ހަމަލައެއް ދީފާނެ ކަމުގެ ބިރަށްޓަކައި، ދެ ގައުމުގެ ސިފައިން ވެސް، ލަޑަކް ފަރުބަދަތަކުގެ މަތީގައި ތިބޭނެ އެވެ.

ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދެ ފަރާތުގެ މެދުގައި ދެކެވުނު ވާހަކަތައް ކޮޅެއްގައި ނުޖެހި ނާކާމިޔާބުވީ، އިންޑިޔާ އިން ކުރިމަތިކުރި، ބުއްދި ގަބޫލުނުކުރާ ޒާތުގެ ޝަރުތުތަކާ ހެދި އެވެ. އަދި އެއީ ހަގީގަތަކަށް ނުހެދޭ ފަދަ ޝަރުތުތަކަކަށް ވާތީ، މަޝްވަރާގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅުނު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުންގެ ބައްދަލުވުން ބޭއްވީ ލަޑަކްގެ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ފަޅީގެ މޮލްޑޯ ކިޔާ ސަރަހައްދުގަ އެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ މެއި މަހު އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ޗައިނާގެ ހަތަރު ސިފައިން މަރުވި އެވެ. އަދި އިންޑިއާގެ 20 ސިފައިން މަރުވި އެވެ.

މިހާރު ވެސް ކޮންމެ ގައުމެއްގެ އެތައް ހާސް ސިފައިންނެއް، ބަރު ހަތިޔާރާއި އަސްކަރީ މަތިންދާބޯޓުތަކާ އެކުގައި، ލަޑަކް ސަރަހައްދުގައި ތައްޔާރީ ހާލަތުގައި އެބަތިއްބެވެ.