Roadha Mihaaru
އިރާގުގެ އިންތިހާބުގައި ވޯޓުލީ 41 ޕަސެންޓް މީހުން

އިރާގުގެ އިންތިހާބުގައި ވޯޓުލީ 41 ޕަސެންޓް މީހުން

11 އޮކްޓޯބަރ 2021

މިދިޔަ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި ވޯޓުލާފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެންމެ 41 ޕަސެންޓް މީހުން ކަމަށް، އިރާގުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި ވޯޓުލާފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެންމެ 41 ޕަސެންޓް މީހުން ކަމަށް، އިރާގުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި، ވޯޓުލުމަށް ބެހެއްޓި ފޮށިތަކުގެ ގާތްގަނޑަކަށް 94 ޕަސެންޓް ފޮށީގެ ނަތީޖާތަކަށް ބަލާއިރު، ވޯޓުލުމުގައި ބައިވެރިވި މީހުންގެ ނިސްބަތަކީ، 44.5 ޕަސެންޓެވެ. މިއީ 2018 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދަށް ވުރެ ވެސް ދަށް އަދަދެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި ވޯޓުލުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތީ، ސިޔާސީ މަސްރަހާ މެދު އެއްވެސް ވަރަކަށް އިތުބާރު ނެތުމުންނެވެ. ސިޔާސީ ވެރިން މަސައްކަތް ކުރަނީ ރައްޔިތުންގެ މަސްލަހަތަށް ވުރެ، އެ މީހުންގެ އަމިއްލަ ފައިދާއަށް ކަމަށްވެސް އެމީހުން ބުނެ އެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިހާބަކީ، ކުރިން ކަނޑައެޅިފައިވާ ތާރީހަށް ވުރެ މަސްތަކެއް ކުރިން ބޭއްވި އިންތިހާބެކެވެ. އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވި ގޮތުގައި އިންތިހާބު އަވަސްކުރީ، ރައްޔިތުން އެދޭ ފަދަ އިސްލާހީ ބަދަލުތަކެއް ގެންނާނެ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމުގެ ގޮތުންނެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލުމުގައި ބައިވެރިވީ، އަމިއްލަ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ކުރުދީންގެ ސަރަހައްދެއް ކަމަށްވާ ދަހޫކް ޕްރޮވިންސްގަ އެވެ. އެ ޕްރޮވިންސްގެ 54 ޕަސެންޓް މީހުން ވޯޓު ލާފައިވެ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވީ، އިރާގުގެ މެދުތެރޭގައި އޮންނަ ސަލާހުއްދީން ޕްރިވިންސުންނެވެ. އެ ޕްރޮވިންސްގެ 48 ޕަސެންޓް މީހުން ވޯޓު ލާފައިވެ އެވެ.

އެންމެ މަދު އަދަދެއްގެ މީހުން ވޯޓު ލުމުގައި ބައިވެރިވީ ވެރިރަށް ބަގުދާދުންނެވެ. ބަގުދާދުގެ އިރުމަތީ ސަރަހައްދުން ވޯޓު ލާފައިވަނީ އެންމެ 31 ޕަސެންޓް މީހުންނެވެ. ބަގުދާދުގެ ހުޅަނގު ސަރަހައްދުން ވޯޓު ލާފައިވަނީ އެންމެ 34 ޕަސެންޓް މީހުންނެވެ.

ވޯޓުގެ ވަގުތީ ނަތީޖާ މިއަދު މެންދުރު ފަހު އިއުލާންކުރެވޭނެ ކަމަށް، އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނެ އެވެ. މިފަހަރުގެ އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 3،249 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި 951 އަންހެނުން ވެސް ހިމެނެ އެވެ.