Roadha Mihaaru
އިންތިހާބުގެ ނަތީޖާއަށް އިރާގުގެ ސުޕްރީމް ކޯޓުން ތާއީދު

އިންތިހާބުގެ ނަތީޖާ އިރާގުގެ ސުޕްރީމް ކޯޓުން ތަސްދީގުކޮށްފި

28 ޑިސެމްބަރ 2021

އިރާގުގައި މިދިޔަ އޮކްޓޫބަރު މަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް، އީރާންގެ މަދަދު ލިބޭ ގުޅިފައިވާ ޝީއީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމަށް ފަހު، އެ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އިރާގުގައި މިދިޔަ އޮކްޓޫބަރު މަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް، އީރާންގެ މަދަދު ލިބޭ ގުޅިފައިވާ ޝީއީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމަށް ފަހު، އެ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ގުޅިފައިވާ ޝީއީ ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ. ޝީއީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، އިންތިހާބުގެ ނަތީޖާގައި ވަރަށް ބޮޑެތި މަކަރާއި އޮޅުވައިލުންތައް ހިމެނެ އެވެ. އެހެންކަމުން، އެ ނަތީޖާ ބާތިލުކޮށްދިނުމަށް، ގުޅިފައިވާ ޝީއީ ޕާޓީތަކުން ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

ސުޕްރީމް ކޯޓުން އިންތިހާބުގެ ނަތީޖާ ތަސްދީގުކުރުމާ އެކު، އަލަށް އިންތިހާބުވި މެމްބަރުންނާ އެކު، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފެށުމަށް މަގު ފަހިވީ އެވެ. އިރާގުގެ ގާނޫނު ބުނާ ގޮތުން، އިންތިހާބުގެ ރަސްމީ ނަތީޖާ، ސުޕްރީމް ކޯޓުން ތަސްދީގުކޮށްފި ހާލަތެއްގައި، މަދުވެގެން ދެ ހަފުތާގެ ތެރޭގައި، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ އެވެ.

އޮކްޓޫބަރު 10 ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ މެދު އެންމެ ބޮޑަށް ދެކޮޅު ހަދަނީ، އީރާންގެ މަދަދު ލިބިގެން އިރާގުގައި ހިންގާ ޝީއީ ޕާޓީތަކާއި، އީރާނުގެ މަދަދާ އެކު ހަނގުރާމަކުރާ ޖަމާއަތްތަކުންނެވެ. މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޝީއީންގެ ނުފޫޒު ގަދަ ދީނީ އަދި ސިޔާސީ ލީޑަރު މުގްތަދާ އައް ސަދްރުގެ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ކުދި ޕާޓީތަކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފަށައި، އާ ބޮޑުވަޒީރަކު ކަނޑައެޅުމާ އެކު، މިހާރު އޮތް ސަރުކާރުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ މަގާމުން ވަކިވާނެ އެވެ.

މިފަހަރުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުން، އީރާންގެ މަދަދު ލިބޭ ޕާޓީތަކަށް މަޖިލީހުގައި ކާމިޔާބު ނުލިބުނުކަން އެނގުމާ އެކު، އެ ޕާޓީތަކަށް ތާއީދުކުރާ ހަނގުރާމަވެރިން ވަނީ، ވެރިރަށް ބަގުދާދުގައި އޮންނަ ގްރީން ޒޯންއޭ ކިޔާ ސަރަހައްދުގެ ވަށައިގެންވާ ބައެއް ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ނަމަވެސް ދާހިލީ ހަނގުރާމައަކަށް މަގު ފަހިކުރަން ބޭނުން ނުވާ ކަމަށް ބުނެ، އަދި އިންތިހާބުގެ ނަތީޖާގެ މައްސަލަ ކޯޓަށް ހުށަހަޅާފައި އޮތުމާ އެކު، އިރާގު ސަރުކާރުން ނިންމީ، ގްރީން ޒޯނުގެ ބޭރުގައި ތިބި ހަނގުރާމަވެރިންނާ އެކު ކުރިމަތިލުމަކަށް ނުދިއުމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވަނީ އަލުން ވޯޓު ގުނުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއުލާންކޮށްފައިވާ ރަސްމީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ވަރުގެ ހެކިތަކެއް، މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައި ނުވާތީ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ އެވެ.