Roadha Mihaaru
ސަދްރުގެ ޕާޓީން ކޯލިޝަން ސަރުކާރެއް އުފައްދަނީ

ސަދްރުގެ ޕާޓީން ކޯލިޝަން ސަރުކާރެއް އުފައްދަނީ

17 އޮކްޓޯބަރ 2021

މިދިޔަ ހަފުތާ ބަންދުގައި އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައްސަދްރުގެ ޕާޓީން، އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި އިރާގުގައި ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައްސަދްރުގެ ޕާޓީން، އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުގްތަދާ އައްސަދްރު މިއަދު ވިދާޅުވި ގޮތުގައި އޭނާ މިވަގުތު މަސައްކަތް ކުރަނީ، ވަތަނީ ސަރުކާރެއް އެކުލަވައިލެވޭ ފަދަ ޕާޓީތަކަކާ އެކުގައި ކޯލިޝަން ހެދުމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، އީރާނުގެ ނުފޫޒެއް ނެތް ސަރުކާރެއް އެކުލަވައިލައްވަން ބޭނުންވާ ކަމަށެވެ.

އިރާގުގެ ބައެއް ސިޔާސީ ޕާޓީތަކަކީ އީރާންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ އަދި އީރާނުން އެކި ގޮތްގޮތުން މަދަދު ލިބޭ ޕާޓީތަކެވެ. ނަމަވެސް މުގްތަދާ އައްސަދްރު ފާހަގަކުރެވެނީ، އިރާގުގެ ސިޔާސީ މައިދާނުގައި އީރާންގެ ނުފޫޒު އޮތުމަށް ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ސަދްރުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބާ ބެހޭ ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގައި ބަލާނީ ވަކި ޕާޓީތަކެއް ބައިވެރި ކުރުމުގެ ބަދަލުގައި، ރައްޔިތުން އެދޭ ފަދަ ބަދަލުތަކަށް މަސައްކަތް ކުރެވޭނެ ވަތަނީ ޚިޔާލާތުގެ ބަޔަކު ބައިވެރިކޮށްގެން ސަރުކާރެއް އެކުލަވައިލުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިރާގު ސިފައިން ވެރިރަށް ބަގުދާދުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ

އިރާގު ސިފައިން ވެރިރަށް ބަގުދާދުގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ މުގްތަދާ އައްސަދްރުގެ ޕާޓީ އެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 73 ގޮނޑި އެވެ. ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، ނިމި ދިޔަ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހްމޫދުލް ހަމްބޫސީގެ ތަގައްދުމު ޕާޓީ އެވެ. އެ ޕާޓީއަށް 38 ގޮނޑި ލިބުނު އިރު، 37 ގޮނޑި ކާމިޔާބުކޮށްގެން ތިން ވަނަ އަށް ދިޔައީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ޕާޓީ އެވެ.

މުގްތަދާ އައްސަދްރުގެ ފަރާތުން ނެރުނު ބަޔާނުގައި، އިރާގުގައި އުފައްދާ އާ ސަރުކާރާ އެކުގައި މަޝްވަރާތައް ފެށުމަށް އެމެރިކާ އަށް ގޮވާލާފައިވެ އެވެ. އިރާގުގައި މިހާރު ތިބި އެމެރިކާ ސިފައިންނާއި، އަސްކަރީ ސާމާނުތަކާ ގުޅޭ ގޮތުން އިރާގުގެ އާ ސަރުކާރާ އެކުގައި މަޝްވަރާ ކުރުމަށާއި، އިރާގާ އެކުގައި ވެސް، މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން މުއާމަލާތު ކުރަމުން ގެންދިއުމަށް ވެސް އެމެރިކާ އަށް ގޮވާލާފައިވެ އެވެ.

އެ ބަޔާނުގައި ސަދްރު ވިދާޅުވި ގޮތުގައި އިރާގުގެ ރައްޔިތުން ކުރާ މުޒާހަރާތަކާއި އުފެދޭ ހަމަނުޖެހުންތަކަކީ އިރާގުގެ އަމިއްލަ ދާހިލީ ކަންކަމެވެ. އެއީ އެއްވެސް ހައިސިއްޔަތަކުން އެމެރިކާ އެ ކަންކަމުގެ ތެރެއަށް ވަންނަންޖެހޭ ކަންކަމެއް ނޫން ކަމަށާއި، އެމެރިކާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކާ ދެމެދު އޮތް ކޯޅުމުގެ ތެރެއަށް އިރާގު ނުވެއްދުމަށް ވެސް ގޮވާލާފައިވެ އެވެ.

އިރާގުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި، އެ ގައުމުގައި ބޭއްވި އިންތިހާބުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 43 ޕަސެންޓް މީހުން ވޯޓު ލާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 9.6 މިލިއަން މީހުންނެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ދެ ހަފުތާގެ މުއްދަތު ލިބޭއިރު، މިހާރު ކުރިއަށް ދަނީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ މަރުހަލާ އެވެ. އިންތިހާބާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް 1,300 އަށް ވުރެ ގިނަ ޝަކުވާ ލިބިއްޖެ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ޝަކުވާތަކަކީ، އިންތިހާބުގެ ނަތީޖާއާ ގުޅުމެއް ނެތް ޝަކުވާތަކެވެ.