Roadha Mihaaru
މާލޭ މަގުތަކުގައި ބޮޑުވާ ފެން ބިމުއަޑީގައި ރައްކާކުރަނީ

މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ބިމު އަޑީގައި ރައްކާކޮށް، ބޭނުންކުރަނީ

11 އޮކްޓޯބަރ 2021

މާލޭގެ މަގުތަކުގައި ބޮޑުވާ ފެން، ބިމު އަޑީގައި ރައްކާކޮށް، އެ ފެން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފަށައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މާލޭގެ މަގުތަކުގައި ބޮޑުވާ ފެން، ބިމު އަޑީގައި ރައްކާކޮށް، އެ ފެން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކުން ރާއްޖެ އަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް (އެމްޔޫޑީއާރުޕީ) ގެ ދަށުން ކަމަށެވެ.

އެ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ މާލޭގައި ފެންބޮޑުވާ ސަރަހައްދުތައް ހޯދައި އެ ފެން ބިމު އަޑީގައި ރައްކާކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިންކުރުމެވެ.

އެމްޔޫޑީއާރުޕީގެ ކޮމިއުނިކޭޝަން އޮފިސަރު މޫސާ ރިލްވާން "މިހާރު" އަށް ވިދާޅުވީ މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމާލެވޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމަކު ސްޓޯރޭޖް ސިސްޓަމްތައް ޑިޒައިން ކުރުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ތަކުގެ ބިމު އަޑީގައި ރައްކާކުރާ ވާރޭ ފެން ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑަށް ވިސްނުން ހުރީ އަލިފާން ނިއްވުމަށް އެ ފެން ބޭނުންކުރަން ނަމަވެސް ވަކި ގޮތަކަށް ނިންމާނީ ދިރާސާތަކަށް ފަހު ކަމަށް ރިލްވާން ވިދާޅުވި އެވެ.

"ހުށަހެޅިފަ ހުރި ކަންތައްތަކަށް ބަލާއިރު އެއީ އެއް ކަންތައް، ފަޔާ ހައިޑްރެންޓް ސިސްޓަމަށް އެ ފެން ގުޅުން. ދެން މިހާރު މާލޭގައި ގްރީން އޭރިޔާ އިތުރުކުރުމުގެ ކަންކަން ވެސް ކުރިއަށް ދާއިރު، އެފަދަ ގްރީން އޭރިއާތަކަށް ފެން ދިނުމާ އެފަދަ ކަންކަމަށް އެ ފެން ބޭނުންކުރެވިދާނެތޯ އެއީވެސް އޮޕްޝަނެއް،" ރިލްވާން ވިދާޅުވި އެވެ.

މި މަޝްރޫއަށް ބޭނުންވާ ސްޓޯރޭޖް ސިސްޓަމްތައް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ހުޅުވާލާފައި ވާއިރު، އެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ހަ މަސް ދުވަހެވެ.