23 ސެޕްޓެމްބަރ 2019
މާލޭގެ މަގުތަކުގައި ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގައި ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލޭގައި އިހަކަށް ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ސަރުކާރުން އުފެއްދި ޓާސްކްފޯހުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ ވެހިކަލް ތޮއްޖެހުން ކުޑަކުރުމުގައި ސަރުކާރުން ވިސްނަނީ މީހުންގެ ދިރިއުޅުމަށް ވެސް ދަތި ނުވާ ގޮތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެހެންވެ، މަގުތަކުން ވެހިކަލް ހުސް ކުރުމަށްޓަކައި ޕާކް ކުރާނެ ސަރަހައްދުތަކެއް ކަނޑައަޅައި، އެތަންތަނުގެ ކައިރީގައިވާ މަގުތަކުން ވެހިކަލް މަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން އަލަށް ހުޅުވައިލި ބައެއް ޕާކިން އޭރިއާތަކާއި އޭގެ ސަބަބުންވީ ލުޔާ ބެހޭ ގޮތުން އަސްލަމް އިއްޔެ ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ. މިހާރު މަސައްކަތް ނިމި ބޭނުންކުރަމުން އަންނަ ތަންތަނާއި އަލަށް ހަދަން ރާވާފައިވާ ތަންތަނުގެ ތަފްސީލު ދެއްވި އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް. އޭނާ ވިދާޅުވީ މަގުތައް ހުސްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އންނަ ކަމަށް. ފައިލް ފޮޓޯ/މިހާރު
އަލަށް ހެދި ޕާކިން އޭރިއާތަކުން ލިބުނު ފަސޭހަތަކުގެ ވާހަކަ ދައްކަވަމުން ފުރަމަތަ މިސާލެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ ހީނާ މާގޭ ޕާކިން އޭރިއާގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ އެ ތަން ބޭނުން ކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސް މަޖީދީ މަގު ބްރާންޗްގެ ކައިރިން ވެހިކަލް މަދުކުރެވިފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ވެސް އެތަން އޮތީ ހުސްކޮށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިސާލަކަށް ހީނާމާގެ ހުރި ތަނުގައި ޕާކިންއެއް ހަދާފައި، ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް، އެ ސަރަހައްދު އެކީގައި އޮންނާނީ ހުސްކޮށްފައި، ތިޔަ ވިދާޅުވި ހާދިސާއެއް ހިނގި އިރު. އެހެން ނަމަވެސް އެ އެތާކު ނޫން އަލިފާނުގެ ހާދިސާ ހިނގީ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ތަނެއް ކަމަށް އޭނާ އަސްލަމް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ފުރަގަހުގައި ހަދާފައިވާ ޕާކިން އޭރިއާ އެވެ. އެ އޭރިއާ ހެދުމުން އަމީނީ މަގުން ފިނޭންސް މިނިސްޓްރީން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް ވެހިކަލް ހުސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީ ކުރިމަތިން ފެށިގެން ގޮސް ޣިޔާސުއްދީން ސްކޫލް ހިމެނޭ މި ބްލޮކް އެކީގައި، ހުރި ހުރިހާ ސައިކަލެއް، ދުއްވާ އެއްޗެއް ހުންނާނީ ހުސްކޮށްފައި. ފިނޭންސް މިނިސްޓްރީގެ ފުރަގަހުގައި އޮތް ތަނުގައި ޕާކިން ދައްކާފައި،" އަސްލަމް ވިދާޅުވި އެވެ.
ތިން ވަނަ ތަނަކީ މާފަންނު އަސަރީ ކެފޭ ކުރިން ހުރި ތަނެވެ. އަސްލަމް ވިދާޅުވީ އެ ތަން ދެއްކުމުން ހާބަރުގައި ކެފޭތަކުގެ ކައިރީގައި ހުރި ސައިކަލްތައް ހުސްކުރެވުނު ކަމަށެވެ.
ޕާކިން އޭރިއާ މިހާރު ހަދަމުން އަންނަ ތަންތަނުގެ ތެރޭގައި ސޯސަންމަގުގައި، އިންޑިއާގެ އެމްބަސީ އަޅަން ކުރިން ދޫކޮށްފައި އޮތް ބިމާއި މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ވަކި ސަރަހައްދަކާއި ހުޅުމާލެއަށް ދަތުރުކުރާ ހައިވޭ ނިމޭ ހިސާބުން ހުޅުމާލޭގައި ހަދާ ޕާކިން އޭރިއާއެއް ހިމެނެ އެވެ.
ސޯސަން މަގުގައި ޕާކިން އޭރިއާ ހަދާ ސަރަހައްދު މިހާރު އޮތީ އޭނާ ވިދާޅުވި ގޮތުގައި ސާފުކޮށް ނިމިފަ އެވެ. އަދި އިންޑަސްޓްރިއަލް ވިލެޖްގައި ހަދާ ޕާކިން އޭރިއާއަށް ބޭނުންވާ ބިން ވެސް ސާފުކޮށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލޭގައި، މާލޭ ކޮޅުން ގޮސް ހުޅުމާލެއަށް އަރާ ސަރަހައްދުގައި ކާރު ޕާކިންއެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑު ސަރަހައްދެއް ސާފުކޮށް ނިންމާފައި، އެތަނުހައި ގާއެޅުމުގެ މަސައްކަތް ކުރަން މިހާރު ސާފުކޮށް ނިންމާފައި އޮތީ،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖްގައި ހަދަނީ ކަސްޓަމް ސަރަހައްދުގައި ޕާކްކޮށްފައި މިހާރު ހުންނަ ބޮޑެތި ވެހިކަލްތައް ޕާކް ކުރުމަށެވެ.
"އެހެންވީމާ ތޮއްޖެހިފައި މިއޮތް އޮތުމާ އެކީގައި ހޯދެން ހުރި [ހައްލުތައް]. މިހާރު އެންމެ ފުރަތަމަ އެންމެ ތިރިން ބިނދެވެން ހުރި މޭވާތައް ބިނދެ އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ގޯތި ދޭން މާލޭ މީހުން ކަމުގައި ބަލާ އުސޫލަށް ލުޔެއް
މާލޭ މަގުތަކުގައި ބޮޑުވާ ފެން ބިމުއަޑީގައި ރައްކާކުރަނީ
"ގުދަން ހަދަން އިންޑަސްޓްރިއަލް ޒޯން ކަމަކު ނުދޭ"
މުއްދަތު ހަމަވިއިރު ވެސް ނިއު ޕޯޓް ވިއު ހުހެއް ނުކުރޭ
މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން މުބާރާތެއް
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
މާލެ ދިރިނޫޅެވޭ ވަރުކުރީ ކުރީ ސަރުކާރުތަކުން: އަމީން
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!