Roadha Mihaaru
ބ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވައިފި

ފޯ ސީޒަންސްގެ ފުރަތަމަ ޕްރައިވެޓް އައިލެންޑާ އެކު ބ. އަތޮޅުގައި ދެ ރިސޯޓް ހުޅުވައިފި

04 ޑިސެމްބަރ 2016

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ފޯ ސީޒަންސް އިން ތަރައްގީ ކުރި ފުރަތަމަ ޕްރައިވެޓް އައިލެންޑް ރިސޯޓް ކަމަށްވާ ވޯވަށް ޕްރައިވެޓް އައިލެންޑާ އެކު، ބ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ފޯ ސީޒަންސް އިން ތަރައްގީ ކުރި ފުރަތަމަ ޕްރައިވެޓް އައިލެންޑް ރިސޯޓް ކަމަށްވާ ވޯވަށް ޕްރައިވެޓް އައިލެންޑާ އެކު، ބ. އަތޮޅުގައި އިތުރު ދެ ރިސޯޓް ހުޅުވައިފި އެވެ.

ފޯ ސީޒަންސް އިން ބ. އަތޮޅުގައި ހިންގާ ލަނޑާގިރާވަރު ރިސޯޓުން ގާތްގަނޑަކަށް 20 މިނިޓުން ދެވޭ ވޯވަށް ހުޅުވާފައިވަނީ، އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެވެ.

ވޯވަށް ރިސޯޓުގައި އޮންނަ ޔޮޓް.-- ފޮޓޯ: ފޯ ސީޒަންސް

ވޯވަށް ރިސޯޓުގައި އޮންނަ ޔޮޓް.-- ފޮޓޯ: ފޯ ސީޒަންސް

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ވޯވަށުގައި ހުންނަނީ އެންމެ ހަތް ކޮޓަރި އެވެ. މީގެ އިތުރުން، ގިނަވެގެން ފަހަރަކު 22 ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ރަށުގައި ދެ ބުރީގެ ބީޗް ހައުސްއެއް ހުރެ އެވެ. އެ ތަނުގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީއެއް އަދި ޖިމެއް ހުރެ އެވެ.

މި ރަށުގައި ސްޕާއަކާއި ޔޯގާ އަދި މެޑިޓޭޝަން ފަދަ ކަންކަން ކުރެވޭނެ ތަނެއް ވެސް ވަނީ ތަރައްގީ ކޮށްފަ އެވެ. އަދި އިސްތަށިގަނޑުގައި ބޭނުންކުރާ ތަކެތި އުފައްދާ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޮސާނޯ ފެރޭޓީގެ ތަޖުރިބާކާރަކު ވެސް ގެސްޓުންގެ ހިދުމަތުގައި ހަރަކާތްތެރިވާނެ އެވެ.

ވޯވަށް ރިސޯޓުގެ ބީޗް ހައުސް.-- ފޮޓޯ: ފޯ ސީޒަންސް

ވޯވަށް ރިސޯޓުގެ ބީޗް ހައުސް.-- ފޮޓޯ: ފޯ ސީޒަންސް

ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ވޯވަށް ތަރައްގީކޮށްފައިވަނީ ސަލާމަތީ ގޮތުން ވެސް ގިނަ ފިޔަވަޅުތަކެއް ހިމަނައިގެންނެވެ. އެ ގޮތުން، އެންމެ ކޮޅަކުން އެ ރަށަށް ދެވޭ ގޮތަށް ހަދާފައިވާ އިރު، ރަށުގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާގެ އިތުރުން ނައިޓް ވިޝަން ކެމެރާ ވެސް ވަނީ ހަރުކޮށްފަ އެވެ. އަދި 24 ގަޑިއިރު ސެކިއުރިޓީން ރަށު ތެރޭގައި ހަރަކާތްތެރިވާނެ އެވެ.

މީގެ އިތުރުން، ބަޔޮސްފިއަ ރިޒާވްގައި އޮންނަ ބ. މިލައިދޫގައި ދިވެހި ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އިން ތަރައްގީކުރި ރިސޯޓް ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުވައިފަ އެވެ. މިލައިދޫ އައިލެންޑް މޯލްޑިވްސްގެ ނަމުގައި ހިންގާ މި ރިސޯޓުގައި 30 މޫދު ކޮޓަރި އާއި 20 ބީޗް ވިލާ ހުންނަ އިރު، ކޮންމެ ކޮޓަރިއެއްގައި ވެސް ސިވިމިން ޕޫލެއް އޮވެ އެވެ.

މިލައިދޫ ރިސޯޓުގެ މޫދު ކޮޓަރިއެއް.-- ފޮޓޯ: މިލައިދޫ

މިލައިދޫ ރިސޯޓުގެ މޫދު ކޮޓަރިއެއް.-- ފޮޓޯ: މިލައިދޫ

މިލައިދޫ ރިސޯޓުގެ އެންމެ ހާއްސަ ކަމަކީ ދިވެހި ސަގާފީ ސިފަތައް އެކުލެވޭ ގޮތަށް އެ ރިސޯޓް ފަރުމާކޮށްފައިވުމެވެ. އެގޮތުން، މި ރިސޯޓުގައި ހުންނަ ތިން ރެސްޓޯރަންޓުގެ ތެރެއިން އެއް ތަން ފަރުމާކޮށްފައިވަނީ ރިޔާ ނެގި ތިން ބައްތެލީގެ ގޮތަށެވެ.

ބ. އަތޮޅުގައި ދެ ރިސޯޓް ހުޅުވި އިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހުޅުވާފައިވެ އެވެ. އޭގެ ތެރޭގައި، މި ފަހުން ހުޅުވި ސޮނޭވާގެ އާ ރިސޯޓް، ސޮނޭވާ ޖާނީ އާއި ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓާއި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި، ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް ހިމެނެ އެވެ. އަދި މި މަހުގެ ތެރޭގައި ވެސް ބައެއް ރިސޯޓުތައް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، އަންނަ އަހަރު 20 އާ ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.