07 އޮކްޓޯބަރ 2021
ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަހުއްތަށް ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރޭ ދެއްވި ވަގުތަކީ އޭނާގެ ކުޅިވަރު ހަޔާތުގައި އެންމެ އުފާވެރި ވަގުތު ކޮޅެވެ.
ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަހުއްތަށް ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރޭ ދެއްވި ވަގުތަކީ އޭނާގެ ކުޅިވަރު ހަޔާތުގައި އެންމެ އުފާވެރި ވަގުތު ކޮޅެވެ.
"ލޮލުން ކަރުނަ އައި،" "މިހާރު" އަށް މައްލާ ވިދާޅުވި އެވެ.
ފީފާގެ ރެފްރީ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެއްސަކީ މައްލާ އެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހެވެ. ރާއްޖޭގެ އެތައް ރެފްރީއަކަށް ފީފާގެ ބެޖް މިހާރު ލިބިއްޖެ އެވެ. އެކަމަކު އެހެން އެއްވެސް ރެފްރީއަކަށް ނުލިބުނު ޝަރަފެއް މައްލާ އަށް ލިބިވަޑައިގެންނެވި އެވެ.
"ރައީސުލްޖުމްހުރިއްޔާއެއްގެ އަތްޕުޅުން ފީފާގެ ބެޖު ލިބުނު ހަމައެކަނި ދިވެއްސަކީ އަޅުގަނޑު،" އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން ބެޖް ލިބިވަޑައިގެންނެވި މައްލާ ވިދާޅުވި އެވެ.
އެއީ އެންމެ އުފާވ ދުވަހެވެ. އެކަމަކު ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ އޭނާ އަށް ލިބިވަޑައިގެންނެވި އެންމެ ހާއްސަ އުފަލެވެ.
ފީފާގެ ބެޖުގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗަކަށް މައްލާ ނުކުންނެވީ، ސްރީ ލަންކާގައި 1991 ގައި ބޭއްވި ސާފް ގޭމްސްގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗުގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ވެސް ރެފްރީކަން ކުރުމަށް ފުރުސަތު ދޭން އޮތީ މައްލާ އަށެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔަ ހިސާބުން އެ ލިސްޓުން އޭނާގެ ނަން އުނި ކުރީ އެވެ
ދިވެހި ކުޅިވަރުގެ ހިދުމަތުގައި ބައިގަރުނަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރެއްވި މައްލާ އަކީ، މިހާރު ދިވެހި ރެފްރީންގެ އެންމެ ބޮޑު އެހީތެރިޔާ އެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީ އެސެސާއެއްގެ ހައިސިއްޔަތުން ދަނޑަށް ވަޑައިގެން މެޗުތަކުގައި ރެފްރީންނަށް ހެދޭ ގޯސްތައް ފާހަގަ ކުރައްވަ އެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ރެފްރީންނަށް ވަކިވަކިން ބުނެ ދެއްވަ އެވެ.
ތަފާތު ކުޅިވަރުތައް ކުރިން ކުޅުވައިފައިވީ ނަމަވެސް މައްލާގެ ހާއްސަ ދާއިރާއަކީ ރެފްރީންނާ ގުޅުން ހުރި މަސައްކަތްތަކެވެ. ދިވެހި ރެފްރީން އުފެއްދެވުމުގެ މަސައްކަތް އަމަލީގޮތުން އެންމެ ފުރަތަމަ ފެއްޓެވީ އޭނާ އެވެ. ފަހުން ފީފާގެ ބެޖު ލިބުނު ގިނަ ރެފްރީންނަކީ އޭނާގެ ދަރިވަރުންނެވެ.
ރެފްރީއެއްގެ އިތުރުން މައްލާއަކީ ފުޓްބޯޅަ އެޑްމިނިސްޓްރޭޓާއެއް ވެސް މެ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާ ކުރެއްވިއެވެ. ރެފްރީ ކޯސް ހަދަން އިނގިރޭސި ވިލާތަށް މައްލާ ވަޑައިގެންނެވީ އަމިއްލަ ހަރަދުގަ އެވެ. ކޯހަށް ބޭނުންވާ ހަރަދުތައް ވެސް ކުރެއްވީ އަމިއްލަ އަށެވެ. އޭރުގެ ނިސްބަތުން ބޮޑު ހޭދައެއް ކުރެއްވި އެވެ. އެ އަހަރު އޭނާ ރާއްޖޭގައި ނެތިސް ސަރުކާރުން ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ އާންމު ހިދުމަތުގެ އިނާމު ދީފަ އެވެ. އެފްއޭއެމުން ވަނީ 2018 ގައި މައްލާ އަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފަ އެވެ.
މައްލާ ޅައިރުގެ ފޮޓޯއެއް
މައްލާގެ އެންމެ ހާއްސަ މަސައްކަތަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ މޭމަތީގައި ޖަހާފައިވާ ދިވެހި ފުޓްބޯޅައިގެ ލޯގޯ އެވެ. އެފްއޭއެމްގެ ލޯގޯގެ ޑިޒައިނަކީ މައްލާގެ ހިޔަލަށް ފަރުމާ ކުރެއްވި ދިވެހި ރެފްރީންގެ ބެޖެވެ.
ކުރީގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ލިޔުއްވާފައވާ ގޮތުގައި ދިވެހި ފުޓްބޯޅަ ރެފްރީންނަށް ހާއްސަ ބެޖެއް 1969 މައްލާ ފަރުމާ ކުރެއްވި އެވެ. އަދި ފަހުން އެ ލޯގޯ އަށް "އެފްއޭއެމް" ގެ ލެޓިން އަކުރުތައް އިތުރު ކުރެއްވީ އެފްއޭއެމްގެ ކުުރީގެ ރައީސް ސަމަރުބުލޫ އިބްރާހިމް މަނިކު ކަމަށް ޝަހީބު ލިޔުއްވާފައިވެ އެވެ. މައްލާގެ ހިޔާލަށް ކުރެއްސެވި ލޯގޯގެ ވަށައިގެން ހިމެނެނީ ކަޅު ކޫލައިގެ ފަލަ ރޮނގެކެވެ. އެކަމަކު އެ ލޯގޯގައި ހިމެނޭ ކުލަތަކާއި ފާހަގަތައް އެފްއޭއެމްގެ ލޯގޯގައި މިހާރު ވެސް އެބަހުއްޓެވެ. ތަފާތަކީ ހިމަ ރޮގަކުން ބެޖު ވަކި ކޮށްފައި ވުމެވެ. އެކަމުގައި މައްލާ ވަނީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ މަރުހޫމު މައިޒާން ހަސަން މަނިކުގެ އެހީތެރިކަން ހޯއްދަވައިފަ އެވެ.
ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ތިން ބޭފުޅަކަށް ރޭ ދެއްވި އެވެ. އެއީ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދާއި ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ.
ފިކުރީހަނގުރާމައިން ދިފާއުވާން ގައުމިއްޔަތު ދިރުވަންޖެހޭ
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި
"ތިމާވެށި ހިމާޔަތްކުރަން ލިބޭ ފަހު ފުރުސަތަށް ވެދާނެ"
ގައުމީ އިނާމުތައް ދީފި
ގައުމީ އިނާމު މިއަހަރު 26 ބޭފުޅަކަށް
ގައުމީ އިނާމް، ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކޮށްފި
ނާބެ އާއި ދޮނާ އަށް ކުޅިވަރުގެ ޝަރަފުވެރިކަމުގެ އިނާމު
ހާއްސަ ހިދުމަތުގެ އިނާމު ހާޖަރާގޭ ތައުފީގަށް
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް