Roadha Mihaaru
ކްރިކެޓް ތަރި ޔުވްރާޖްގެ ފިލްމު ކަރަން ނަހަދާނެ

ކާސްޓަށް ނުފޫޒު ފޯރުވާތީ ކްރިކެޓް ތަރި ޔުވްރާޖްގެ ބައޮޕިކް ނަހަދަން ކަރަން ނިންމައިފި

08 އޮކްޓޯބަރ 2021

އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އޭނާ އާއި ކަރަން ޖޯހަރާ ދެމެދު މަޝްވަރާތަކެއް ކުރެވުނަސް، އެ ފިލްމުގައި ޔުވްރާޖްގެ ރޯލު ކުޅެން އޭ-ލިސްޓް ތަރިއަކަށް ޑީމާންޑް ކުރާތީ ކަރަން އެ ފިލްމު ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކްރިކެޓް ތަރި ޔުވްރާޖް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އޭނާ އާއި ކަރަން ޖޯހަރާ ދެމެދު މަޝްވަރާތަކެއް ކުރެވުނަސް، އެ ފިލްމުގައި ޔުވްރާޖްގެ ރޯލު ކުޅެން އޭ-ލިސްޓް ތަރިއަކަށް ޑީމާންޑް ކުރާތީ ކަރަން އެ ފިލްމު ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޔުވްރާޖް ބޭނުން ވަނީ އޭނަގެ ރޯލު ފިލްމުގައި ރިތިކް ރޯޝަން ނުވަތަ ރަންބީރް ކަޕޫރް ލައްވައި ކުޅުވާށެވެ. ނަމަވެސް ކަރަން ބޭނުންވީ ފިލްމު ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެތީ ފަދަ ތަންކޮޅެއް އާ އެކްޓަރަކު ލައްވައި ފިލްމު ކުޅުވާށެވެ. ދެހާސް ނަވާރައިގެ "ގަލީ ބޯއި" އިން ބޮލީވުޑަށް ނުކުތް ސިދާންތު، 28، އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އާ އެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކެކެވެ. އޭނާގެ އަތުގައި މިހާރު ވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ކަރަންގެ ދަރުމާ ޕްރޮކްޝަނުން ބަތަލާ ދީޕިކާ ޕަދްކޯނާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ޑާކް ތުރިލާއެއް ވެސް ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާ އން ބުނި ގޮތުގައި ޔުވްރާޖްގެ ބައޮގްރަފިކަލް ޑްރާމާއެއް ހެދުމަކީ ކަރަން ވަރަށް ޝައުގުވެރިވި ކަމަކަށް ވިޔަސް، އޭގެ ކާސްޓަށް ޔުވްރާޖް މާ ބޮޑަށް ނުފޫޒު ފޯރުވާތީ ކަރަންހެ ދަރުމާ ޕްރޮޑަކްޝަނުން މިހާރު ނިންމާފައި ވަނީ ޔުވްރާޖްގެ ބައޮގަރްފިކަލް ޑްރާމާ ނަހަދާށެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭނަގެ ރޯލަށް ރިތިކް ގެންނަން ޑިމާންޑް ކޮށްފައިވާ އިރު، ކްރިކެޓް ތަރި ސޯރަވް ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާގައި އޭނާގެ ރޯލު ކުޅެން ގަންގޫލީ ވެސް ބޭނުން ވަނީ ރިތިކް ކަމެވެ.

ގަންގޫލީގެ ފިލްމު ދާދި ފަހުން އިއުލާންކުރި ނަމަވެސް އެ ފިލްމުގައި އޭނާގެ ރޯލު ކުޅޭނެ އެކްޓަރަކު އަދި ހަމައެއްނުޖައްސަ އެވެ.

ޔުވްރާޖް، 39، އަކީ އިންޑިއާގެ މި ޖީލުގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ މަޝްހޫރު އެކެކެވެ. ކެންސަރަށް ވެސް ފަރުވާހޯދި ޔުވްރާޖަކީ ބަތަލާ ހޭޒަލް ކީޗްގެ ފިރިމީހާ އެވެ. ހޭޒަލް އަކީ ސަލްމާން ޚާނާއި ކަރީނާ ކަޕޫރްގެ 2011 ގެ "ބޮޑީގާޑް" ގެ ރޯލެއް ކުޅުނު ބަތަލާއެކެވެ.

މި ފަހުން ގެނެސްދިން ކްރިކެޓް ތަރިއެއްގެ ވާހަކަ ކިޔައިދިން އެންމެ ކާމިޔާބު ފިލްމަކީ އެމްއެސް ދޯނީގެ ބައޮގަރްފިކަލް ޑްރާމާ 2016 ގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. އޭގައި ދޯނީގެ ރޯލު ކުޅުނީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތެވެ.