Roadha Mihaaru
ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް

ޔޫރޯގެ ހިތްދަތިކަން ފިލުވާލައި ސްޕެއިން، ނޭޝަންސް ލީގު ފައިނަލަށް

07 އޮކްޓޯބަރ 2021

މިލާން (އޮކްޓޯބަރު 7) - ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލްގައި ޔޫރޯ މުބާރާތުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (އޮކްޓޯބަރު 7) - ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލްގައި ޔޫރޯ މުބާރާތުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ސްޕެއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި އަހަރުގެ ޖުލައި މަހު އިޓަލީން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީގެ މި ބައްޔަކީ ވޭތުވެދިޔަ ތިން އަހަރުތެރޭ އެ ޓީމުގެ ފުރަތަމަ ބައްޔެވެ. މި މެޗުގެ ކުރިން އެ ޓީމު ވަނީ ބަލިނުވެ ޖެހިޖެހިގެން 37 މެޗު ހަމަކޮށްފަ އެވެ. އަދި މިއީ އިޓަލީ އަމިއްލަ ފަސްގަނޑުގައި ވޭތުވެދިޔަ ދިހަ އަހަރުތެރޭ ބަލިވި ފުރަތަމަ މެޗެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ރޭގެ މެޗަށް ސްޕެއިން ނުކުތީ އެޓީމުގެ ފުރަތަމަ އެގާރައިގައި، މި އަހަރު ބާސެލޯނާގެ މިޑްފީލްޑުގައި މޮޅަށް ކުޅޭ 17 އަހަރުގެ ޒުވާން މިޑްފީލްޑަރު ގަވީ ހިމަނައިގެންނެވެ. މިއީ އޭނާ ސްޕެއިން ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

އިޓަލީން މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް ސްޕެއިން ވަނީ މެޗުގެ 17 ވަނަ މިނިޓުގައި ލީޑް ނަގައިފަ އެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބު ކޮށްދިނީ މިކެލް އޮޔާޒަބަލްގެ އެހީތެރިކަމާ އެކު، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ފެރަން ޓޯރޭޒް އެވެ. އެއަށް ފަހު މާކޮސް އޮލޮންސޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ އަތުން ދޫވެ ގޯލު ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ސާފުކޮށްލީ އިޓަލީގެ ޑިފެންޑަރު ލިއެނާޑޯ ބޮނޫޗީ އެވެ.

ބާސެލޯނާއަށް ކުޅޭ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ޕަބްލޯ ގަވީ. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާއަށް ކުޅޭ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ޕަބްލޯ ގަވީ. -- ފޮޓޯ: އޭއެފްޕީ

މި ގޯލަށް ފަހު ވެސް އިޓަލީން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް އެޓީމަށް މައްސަލަ ދިމާވީ ޓީމުގެ ކެޕްޓަން ބޮނޫޗީ އަށް މެޗުގެ 42 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކުމުންނެވެ. ރެފްރީއާ ދެބަސްވެގެން ރީނދޫ ކާޑެއް ވެސް ދައްކާފައިވާ ބޮނޫޗީއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ މަތިން އައި ބޯޅައެއް ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް އަަށް ލިބުމުގެ ކުރިން ހޯދަން އުޅުމުގެ ތެރޭގައި ބުސްކެޓްސް ކަރުގައި އުޅަނބޮށިން ޖެހުމުންނެވެ.

މި ރަތް ކާޑު ދެއްކިތާ ހަތަރު މިނިޓް ތެރޭ ސްޕެއިން ވަނީ އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އޮޔާޒަބަލްގެ އެހީތެރިކަމާ އެކު މި ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ފެރަން ޓޯރޭޒް އެވެ. މި ލަނޑާ އެކު ޓޮރޭޒް ވަނީ މި ސީޒަނުގެ ނޭޝަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ނޯވޭގެ އާލިން ބްރައުޓް ހާލަންޑާ ލަނޑުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ހާލަންޑް ވަނީ މުބާރާތުގައި ހަ ލަނޑު ޖަހައިފަ އެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރު މިނިޓުތެރޭ ފެރަން ޓޯރޭޒް އަށް އަނިޔާވެ، ބަދަލުކުރަން ޖެހުނު އިރު، މެޗު ނިމުމުގެ ކުރިން އިޓަލީ އަށް ކުޑަވެސް އުންމީދެއް ލިބުނީ 83 ވަނަ މިނިޓުގައި ފެޑެރިކޯ ކިއޭސާ ހުސް ކޮށްލާފައި ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރިނީ ލަނޑު ޖެހުމުންނެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ރޮބާޓޯ މަންޗިނީގެ އިޓަލީއަށް އިތުރު ލަނޑެއް ޖެހޭގޮތް ވަނީ ނުވެފަ އެވެ.

ނޭޝަންސް ލީގު ސެމީފައިނަލަށް ހޮވެނީ ޑިވިޝަން އޭގައި ވާދަކުރާ ހަތަރު ގުރޫޕުގެ އެއްވަނަ ހޯދާ ޓީމުތަކެވެ. މުބާރާތުގެ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭނެ ޓީމެއް ޔަގީންވާނީ މިރޭ ރާއްޖެ ގަޑިން 11:45 ގައި ފްރާންސް އާއި ބެލްޖިއަމް ކުޅޭ މެޗަށް ފަހު އެވެ.