Roadha Mihaaru
ވެމްބްލީގައި ކުޅުމަކީ ސްޕޭނާއި އިޓަލީއަށް ބޭއިންސާފެއް

ވެމްބްލީގައި ކުޅުމަކީ ސްޕޭނާއި އިޓަލީ އަށް ބޭއިންސާފެއް: މަންޗިނީ

06 ޖުލައި 2021

ލަންޑަން (ޖުލައި 7) - ވެމްބްލީ ސްޓޭޑިއަމްގައި މެޗު ކުޅެން ސްޕޭން އާއި އިޓަލީ އަށް ވެސް އިންސާފުވެރި ނޫން ކަމަށް، އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖުލައި 7) - ވެމްބްލީ ސްޓޭޑިއަމްގައި މެޗު ކުޅެން ސްޕޭން އާއި އިޓަލީ އަށް ވެސް އިންސާފުވެރި ނޫން ކަމަށް، އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ޔޫރޯގެ ފުރަތަމަ ސެމީ ފައިނަލްގައި މިރޭ އިޓަލީ އާއި ސްޕޭން ވާދަކުރާ މެޗު އޮންނާނީ އިންގްލެންޑްގެ ގައުމީ ސްޓޭޑިއަމް، ވެމްބްލީގަ އެވެ. ޔޫރޯގެ ސެމީ ފައިނަލު ދެ މެޗާއި ފައިނަލް މެޗު ވެސް ކުޅެން، ޔޫއެފާ އިން ހަމަޖައްސައިފައި ވަނީ އެ ދަނޑުގަ އެވެ.

އެކަމަކު އިނގިރޭސި ވިލާތުގައި ކޮވިޑް-19 ގެ ހާލަތުގެ އޮތްގޮތުން ސަޕޯޓަރުން ދަނޑަށް ވެއްދުމުގައި ހަރުކަށި ގަވާއިދެއް ޔޫއެފާ އިން ވަނީ ތަންފީޒު ކުރަން ނިންމައިފަ އެވެ. މެޗު ބަލަން ވެމްބްލީ އަށް ވަދެވޭނީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖަހައި 48 ގަޑިއިރު ތެރޭ ހަދައިފައިވާ ކޮވިޑް ޓެސްޓް ނެގެޓިވް ވެފައިވާ މީހުންނަށެވެ. އެހެން ގައުމަކުން އަންނަ ސަޕޯޓަރުންނަށް ވެމްބްލީ އަށް ވަނުމުގެ ފުރުސަތެއް ނެތެވެ.

"އަހަރެން އިހްލާސްތެރިކަމާ އެކު ބުނާ ވާހަކައެއް މިއީ. އަހަރެމެން ދެ ޓީމާ މެދު ވެވޭ ބޭއިންސާފެއް މިއީ،" މަންޗިނީ ބުންޏެވެ. "ދެން ކުޑަ ކްރައުޑެއްގެ ކުރިމަތީގައި ކުޅުމަށް ވުރެ އެހެން ކްރައުޑެއްގައި ކުޅުން ވެސް ރަނގަޅު. އެއީ ފުޓްބޯޅައިގެ ރަނގަޅު ކަމަކީ. އެކަމަކު ސްޓޭޑިއަމްގެ ދެބައި ކުޅަ އެއްބައި އިޓަލީ މީހުންނަށް އަނެއް ބައި ސްޕެއިން މީހުންނަށް ނުލިބުމަކީ ބޭއިންސާފެއް."

އިޓަލީން ވަނީ މި ފަހަރުގެ ޔޫރޯގައި ވެމްބްލީގައި ކުޅެފަ އެވެ. ދެ ވަނަ ބުރުގައި އޮސްޓްރީއާ އާ ދެކޮޅަށް އިޓަލީ ކުޅުނު މެޗު އެކްސްޓްރާ ޓައިމްގައި އިޓަލީ ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މި މުބާރާތުގައި އިޓަލީން ކުޅުނު މެޗުތަކުގެ ތެރެއިން އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނަތީޖާ ނެރެން ޖެހުނު ހަމައެކަނި މެޗެވެ.

ނަމަވެސް ސްޕޭން ނޮކައުޓް ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެ ހާފު ވެސް ކުޅެގެންނެވެ. ދެވަނަ ބުރުގައި ކްރޮއޭޝިއާ ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ އިތުރު ވަގުތު ކުޅެ ޖެހި ލަނޑުތަކުންނެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

އިޓަލީން މުބާރާތުގައި ދެއްކި ކުޅުމާ އެކު އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލު ކުރަނީ ސްޕޭންގެ މައްޗަށް ކާމިޔާބު ހޯދައި އިޓަލީ އަށް ފައިނަލަށް ދެވޭނެ ކަމަށެވެ. ނަމަވެސް މަންޗިނީ ބުނީ ކުރިން ކުޅުނު މެޗުތަކަށް ވުރެ ސްޕޭން އާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށެވެ.

ސްޕޭންގެ ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމުން މަސައްކަތް ކުރާނީ މެޗު ޑޮމިނޭޓް ކުރުމަށް ކަމަށެވެ.

އިޓަލީ އާއި ސްޕޭން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު އެވެ.