Roadha Mihaaru
އިޓަލީ އާއި ސްޕެއިން ޔޫރޯ އަށް ކޮލިފައިވުމާ ގާތަށް

އިޓަލީ އާއި ސްޕެއިން ޔޫރޯ އަށް ކޮލިފައިވުމާ ގާތަށް

09 ސެޕްޓެމްބަރ 2019

މެޑްރިޑް (ސެޕްޓެމްބަރު 9) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ސްޕެއިނާއި އިޓަލީ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 9) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ސްޕެއިނާއި އިޓަލީ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ފެރޯ އައިލެންޑާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން މޮޅުވީ 4-0 އިންނެވެ. ރަށުންބޭރުގައި ފިންލޭންޑްގެ މައްޗަށް އިޓަލީ ކުރިހޯދީ 2-1 އިންނެވެ. ސްޕެއިނާއި އިޓަލީ ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ކޮންމެ ކޮލިފައިން ގްރޫޕަކުން ވެސް ދެ ޓީމު މުބާރާތަށް ކޮލިފައިވާއިރު، ސްޕެއިނާއި އިޓަލީ އަށް ބާކީ އޮތް ހަތަރު މެޗަށް ހަމަޖެހިލައިގެން ނުކުތުމުގެ ފުރުސަތު އެބައޮތެވެ.

ފެރޯ އައިލެންޑާ ދެކޮޅަށް ސްޕެއިނުގެ ލަނޑުތައް ޖެހީ ވެލެންސިއާގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕަކޯ އަލެކްސޭރު އެވެ. ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ސްޕެއިނުން ކުޅުނީ ގިނަ ބަދަލުތަކެއް ޓީމަށް ގެނެސްގެންނެވެ. ރޭގެ މެޗު އެންމެ ހާއްސަވާނެ ސްޕެއިނުގެ ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށެވެ. އެއީ ރޭގެ މެޗާ އެކު އޭނާ ވަނީ ސްޕެއިނަށް 167 މެޗު ކުޅެދީގެން ކުރީގެ ކީޕަރު އިކާ ކަސިއަސް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ސްޕެއިނުގެ ކޯޗުގެ މަގާމް 11 މަސް ދުވަސް ވަންދެން ފުރި ކޯޗު ލުއިސް އެންރިކޭ ޖޫން މަހު އިސްތިއުފާ ދިނީ، އޭނާގެ ދަރިފުޅަށް ކަށީގެ ކެންސަރު ޖެހުމުންނެވެ. އުމުރުން ނުވަ އަހަރުގެ ޒާނާ، އެ ބަލީގައި މަރުވިކަން އެންރީކޭ ވަނީ މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. ރޭގެ މެޗު ފެށުމުގެ ކުރިން ވަނީ އެ ހިތާމައިގައި ބައިވެރިވުމަށް ސުކޫތެއް ގެނެސްފަ އެވެ.

ސްޕެއިނުގެ ކޯޗު ރޮބާޓޯ މޮރޭނޯ ބުނީ މި ވަގުތަށް ބެލިޔަސް ކޮލިފައިވެފައި އޮތުމަށް ގިނަ ބަޔަކު ދެކޭނެ ކަމަށާއި އެކަމަކު މެތަމެޓިކަލީ މީގެ އަދިވެސް ސްޕެއިނަށް ޔޫރޯގައި ނުކުޅެވުމުގެ ފުރުސަތު އޮތުމުން ކުޅެވޭނެ ކަމުގެ ޔަގީންކަން ލިބެންދެން އެ ޓީމުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި ސްޕެއިން އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޑެން އަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރުމޭނިއާ އަށް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި އިޓަލީން ޗީރޯ އިމޯބިލްގެ ގޯލުން ލީޑުނަގާފައިވަނިކޮށް މެޗުގެ 72 ވަަނަ މިނިޓްގައި ފިންލެންޑަށް އެއްވަރުކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޓީމޫ ޕޫކީ އެވެ. އޭގެ ހަތް މިނިޓް ފަހުން އިޓަލީ އަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދިނީ ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ޖެހި ގޯލުންނެވެ.

އިޓަލީގެ ކޯޗުކަމާ ރޮބާޓޯ މަންޗިނީ ހަވާލުވެ ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި ކުޅެން ނުލިބުމުގެ މާޔޫސްކަން ހަނދާން ނައްތާލުމެވެ.