04 އޮކްޓޯބަރ 2021
މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ދައުވާލިބުނު ދެ މީހުން ސަލާމަތްވެފައި ވަނިކޮށް، އޭނާ މަރުމަތީގައި ބުނި ބަހަށް ރިއާޔަތްކޮށް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ދައުވާލިބުނު ދެ މީހުން ސަލާމަތްވެފައި ވަނިކޮށް، އޭނާ މަރުމަތީގައި ބުނި ބަހަށް ރިއާޔަތްކޮށް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި އޭޕްރީލް، 2011 ގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަންގެ ކަރަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން 2014 ގައި ނިންމާފައި އޮތީ އެ ދެ މީހުުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އޭގެ ތެރެއިން ޝަހުމަކީ މަރުގެ އެހެން މައްސަލައެއްގައި މިހާރު ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
މަރުމަތީގައި ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް ފުރަތަމަ ފަހަރަށް އުފުލި މައްސަލާގައި ހައި ކޯޓުން މިއަދު ހުކުމްކުރީ ޝަހުމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެކަމަކު އަދަބު ކަނޑައެޅުމުގެ ކުރިން އަހުސަންގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ އެ މީހުންގެ މައްޗަށް މިއަދު އަދަބެއް ކަނޑަނާޅަ އެވެ. އަދި ބަންދުން ދޫވެފައި ހުރި ޝިމާޒްގެ އަދަބާ މެދު ގޮތެއް ނިމެންދެން 10 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ވަނީ އަމުރުކޮށްފަ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަވަމުން ވިދާޅުވ އަހުސަން ހަމަލާދިނީ ޝަހުމް ކަމަށް ހެކިން ބުނެފައިވާއިރުު، ޝަހުމް ގޮވައިގެން ސައިކަލު ދިޔައީ ޝިމާޒް ކަމަށް ހެކިން ބުނާ ކަމަށެވެ. ހެކިންގެ ބަހުގައި ފުށުއެރުންތައް ހުރި ކަމަށް ދަށު ކޯޓުން ބުނެފައި ވިޔަސް، އެ ފުށުއެރުންތަކަކީ ހެކިވެރިން އެތަނުގައި އުޅުނު ގޮތުން ހުރި ކުދިކުދި ތަފާތުތަކެއް ކަމަށާއި އެއީ އާދަޔާ ޚިލާފް ކަމެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
"ހަމަލާދިނީ ޝަހުމް ނޫން ކަމަށް ދިފާއުން ދައްކާ ވާހަކައަކީ ޝައްކެއް ކަމަކަށް ނުވޭ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމް އިއްވަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
އަހުސަނަށް ހަމަލާދިނީ ޝަހުމާއިި ޝިމާޒް ކަމަށް އޭނާ މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތު ބުނި ކަމަށް އެ މީހުން ދަށު ކޯޓުގައި ހެކިބަސް ދީފައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް، ހަމަލާދިނީ ޝަހުމް ކަމަށް އަހުސަން ބުނި ކަމަށް އެހެން ހެއްކަކު ބުނެފައިވެ އެވެ.
"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ" ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮންނަ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު އޭނާގެ މަރާ ގުޅޭގޮތުން ދައްކާ ވާހަކަ ކޯޓުތަކުން ބަލައިގަނެވޭނެ ކަމަށް ގިނަ ގައުމުތަކުގައި ބަލަމުން އަންނަ ކަމަށެވެ. އެއީ އިވުނު އަޑުގެ ހެކިބަސް (ހިއަސޭ އެވިޑެންސް) ގެ ތެރޭގައި ހިމެނޭ ހެއްކެއް ކަމަށާއި އެފަދަ ހެކިތައް ރާއްޖޭގެ ހެއްކާބެހޭ ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
"އެ ހެކިބަހަކީ މިފަދަ ޚާއްސަ ހާލަތަށް ކަނޑައެޅިފައިވާ ޑައިން ޑިކްލަރޭޝަންގެ އުސޫލުން ޝަރީއަތް ބަލައިގަންނަންޖެހޭ ހަރުދަނާ ގަރީނާއެއް." ގުޅުވާލެވޭ ހެކިތަކުން މަރުގެ އެހެން މައްސަލައެއް މީގެކުރިން ވެސް ސާބިތުވާ ކަމަށް ނިންމެވި ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
އަހުސަނަށް ހަމަލާދިނީ ޝަހުމާއި ޝިމާޒް ކަމަށް އޭނާ ބުނީ އޭނާއަށް ބޮޑެތި އަނިިޔާތަކެއް ލިބިގެން އަދި މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ދުނިޔޭގެ ހަޔާތާ މެދު އުއްމީދެއް ނެތް މީހަކު ދެއްކި ވާހަކައަކީ ހަދައިގެން ދެއްކި ވާހަކައެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.
ކުށްކުރާ މީހުން ކުށް ކުރުމަށްފަހު އެކަމުން ސަލާމަތްވުމަށްޓަކައި ހެކި ފޮރުވަން މަސައްކަތް ކުރާނެ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެފަދަ މައްސަލަތައް ސާބިތު ކުރުމުގައި ފުރިހަމަ ހެއްކަކަށް ނުވިޔަސް، ގަރީނާތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވެސް ހެކިބަސް ބަލައިގަނެވޭނީ ފިރިހެނުންގެ ހެކިބަސް އެކަނި ނޫން ކަމަށް ކަމެއް ސާބިތުވާ ކޮންމެ އެއްޗަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަހުސަނަށް ހަމަލާދިނީ ޝަހުމް ނޫން ކަމަށް އޭނާގެ ފަރާތުން މިހާރު ބުންޏަސް، ތަހުގީގު މަރުހަލާގައި އޭނާ އިހްތިޔާރުކުރީ ހަނު ހުރުމުގެ ހައްގު ކަމަށެވެ. އަދި ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަށްފަހު ޝަރީއަތުގައި ދިފާއުތައް ނެގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި ހަމަލާއަށްފަހު ޝަހުމް އަތުލައިގަނެވުނީ ފިލައިގެން އެހެން ރަށެއްގައި އުޅެނިކޮށް ކަމަށްވާތީ އެއީ ވެސް އެ ތުހުމަތަށް އިތުރަށް ބާރުދޭ ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
"ބަޔާންވެދިިޔަ ހެކިތަކާއި ގަރީނާތަކުން ޖަވާބެއް ދިނުމަށް ޝަހުމަށް ލާޒިމް ކުރޭ." ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ޝަހުމް މިހާރު އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނީ 2010 ވަނަ އަހަރު ޔޫތް ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލާގަ އެވެ.
އަހުސަންގެ މަރު: ހަތް އަހަރު ފަހުން ޝިމާޒް ހައްޔަރަށް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ނަދީމްގެ މަރު: ބަންދުނުކުރި މައްސަލަ ހުކުމާ ހަމައަށް
"ނަދީމްގެ މަރުގެ ދައުވާލިބޭމީހުން ބަންދުނުކުރުން ގޯސް"
ނަދީމްގެ މަރު:މީހުން ބަންދުނުކުރި މައްސަލަ ބަލަނީ