Roadha Mihaaru
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު

އަނަސްގެ މަރު: ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު

23 އޮކްޓޯބަރ 2024

މާލޭގައި ގުރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ގޭންގުތަކާ ގުޅުވައިގެން ދައުލަތުން ވާހަކަ ދެއްކުމުން، އެފަދަ ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދަވައިފި އެވެ.

މާލޭގައި ގުރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ގޭންގުތަކާ ގުޅުވައިގެން ދައުލަތުން ވާހަކަ ދެއްކުމުން، އެފަދަ ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދަވައިފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި އަނަސް އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، އިސްތިއުނާފް ނިމެންދެން އެ މީހުން ބަންދުކުރަން ހައި ކޯޓުގައި އޮތީ އެދިފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އަނަސް އަށް ހަމަލާ ދީފައިވަނީ ގުރޫޕް ހަދައިގެން ގޮސް އަދި މީހެއްގެ އަމިއްލަ އިމާރާތެއްގެ ތެރޭގައި ހުއްޓާ ކަމަށާއި އެ މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުންނަކީ ތަކުރާރުކޮށް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. ބައެއް މީހުންނަކީ ގޭންގްތަކާ ގުޅުން އޮންނަ މީހުން ކަމަށާއި އެކަން އެނގޭނެ އިންޓެލިޖެންސް މައުލޫމާތުތައް ވެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އަނަސް މަރާލީ ވެސް ދެ ގޭންގެއްގެ ދެމެދުގައި އޮތް ހަމަނުޖެހުމެއްގެ ތެރެއިން އޮޅުމަކުންނެވެ. އެހެންވެ، އިސްތިއުނާފް މަރުހަލާގައި އެ މީހުން ދޫވެފައި ތިބުމަކީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ ދައުލަތުން އެދުނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އެގޮތަށް ދައުލަތުން ބުނުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ނުރައްކާތެރި ގޭންގުތަކަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރާއިރު، އެއީ ގޭންގުތަކެއް ކަމަށް ކަނޑައެޅި ގޮތާއި އަދި އެހާ ނުރައްކާތެރި ގޭންގުތަކެއް މުޖުތަމައުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ނުރައްކާތެރި ގުރޫޕްތަކެއް ކަމަށް ކިހިނެއްތޯއޭ ބައްލަވާފައި ހުރީ. ދެން އެއީ ނުރައްކާތެރި ގުރޫޕްތަކެއް ކަމަށްވާ ނަމަ މިނިވަންކަމާ އެކު އެ ގްރޫޕްތައް މުޖްތަމައުގައި ހަރަކާތްތެރިވަނީ ކޮން ގޮތަކަށްތޯއޭ. އެއީ ގާނޫނީ ގޮތުން ކުރެވޭ ކަމެއްތޯ،" އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުވާލު ކުރެއްވި އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން

ދައުލަތުން ބުނީ ކޯޓުތަކުގެ ހުކުމްތަކާ އެކު، ގޭންގުތަކުގެ މީހުން މިނިވަންވެ، މުޖުތަމައުގައި އުޅެމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ގޭންގުތައް ހުއްޓުވޭނެ ގޮތެއް ނެތީތޯ އާއި ވަކި ބަޔަކު ބަންދު ކުރުމުން ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުމަކަށް އަންނާނެތޯ ސުވާލު ކުރައްވައިފަ އެވެ.

"ގްރޫޕްތަކާ ގުޅުން އޮތީމަ ހަމައެކަނި މި ފަރާތްތައް ބަންދު ކުރީމަ ނުވަތަ ޖަލަށްލީމަ އެއީ މުޖްތަމައުގެ ސަލާމަތަށް އޮތް ނުރައްކާ އެ ހިސާބުން ނެތިގެން ދަނީތޯ،" އިސް ފަނޑިޔާރު ޝަހީދު އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ގޭންގު ކުށްތަކުގެ ގާނޫނު މިހާރު އޮތީ ގޭންގު ކުށްތައް ހުއްޓުވޭނެ ގޮތަކަށް ނޫން ކަމަށެވެ.

އެ މައްސަލާގައި ދައުވާ ލިބޭ އެކަކު މިދިޔަ މެއި މަހު މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު އެ ދުވަހު ދޫކޮށްލި އެވެ. އެހެންވެ، އެކަމާ ބެހޭގޮތުން ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އޭނާ ދޫކޮށްލީ ބަންދު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތުމުން ކަމަށެވެ.

ރައްދުގައި ދިފާއީ ވަކީލުން ބުނީ ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމި އޮތްއިރު، އެ މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް މި މައްސަލާގައި ނެތް ކަމަށް ވަކީލުން ބުންޏެވެ. އަދި ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ނުވަތަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ވަކީލުން ބުންޏެވެ. އެ މައްސަލާގައި، ބަންދާ މެދު ނިންމާ ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އިއުލާން ކުރައްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.