Roadha Mihaaru
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް

ނަދީމްގެ މަރު: މަފާޒް އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދަށް

13 ޖޫން 2024

މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަދީމަށް ހަމާދިން ކަމުގެ ތުހުމަތު ކުރީ މަފާޒްގެ މައްޗަށެވެ. ދެން ތިބި މީހުން ތުހުމަތު ކުރީ ހަމަލާދިން ސަރަހައްދަށް ސައިކަލުތަކުގައި ގޮސް އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން ދައުލަތުން ހައި ކޯޓުގައި އެދުނެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނެރުނު އަމުރުގައިވަނީ އެ މައްސަލާގައި މަފާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އަދި މަފާޒް މިވަގުތު ބަންދުން ދޫވެފައި ހުރެއްޖެނަމަ އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެ އަމުރުގައިވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އަމުރުގައިވަނީ މަފާޒްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ހުރުމާއި ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށް ބެލެވޭތީ އެވެ.

އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ނިމެންދެން މަފާޒް ބަންދުކުރަން އަމުރުކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.

އެ މައްސަލާގައި މަފާޒްގެ އިތުރުން ދެން ދައުވާލިބޭ މީހުން ބަންދުކުރަން ވެސް ދައުލަތުން ކުރިން އެދުނެވެ. ނަމަވެސް ހައި ކޯޓުން އޭރު ނިންމީ ދައުވާލިބޭ ނިފާޒް ފިޔަވައި އިތުރު މީހަކު ބަންދުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަޒީދެވެ.