Roadha Mihaaru
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި

އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި، ޕީޖީން އެދެނީ މީހުން ބަންދުކުރަން

07 އޯގަސްޓް 2024

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައި، އެ މީހުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައި، އެ މީހުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުން މިއަދު އިސްތިއުނާފް ޝަރީއަތް ފެށިއިރު، ދައުވާލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުނެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން އެކަމަށް ފުރުސަތު ދެއްވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެއީ ވަކީލުން ހަމަޖައްސަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވަކީލުން ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި ގޮތުގައި ދައުވާލިބޭ މީހުން ބަންދުކުރަން ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފައިވާތީ އެ ބައި ވަކީލުން ހަމަޖެހުމުން ކުރިއަށް ގެންދަން ބެންޗުން ނިންމެވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.

އަނަސްގެ މަރާ ގުޅިގެން ކުޑަކުދިންތަކެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުދިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭގެ ތެރެއިން އެއް ކުއްޖަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.