Roadha Mihaaru
ކެރިއަރުން ސުމިތަށް ކަމުދަނީ ދެ ފިލްމެއް

ކެރިއަރުން ސުމިތަށް އެންމެ ކަމުދަނީ ދެ ފިލްމެއް

05 އޮކްޓޯބަރ 2021

މިހާތަނަށް ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދަނީ ދެ ފިލްމެއް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދަނީ ދެ ފިލްމެއް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ބުނެފި އެވެ.

ޖީކިއު އަށް ދިން އިންޓަވިއުއެއްގައި 53 އަހަރުގެ އެކްޓަރު ބުނީ މިހާތަނަށް ކުޅުނު އެންމެ ކަމުދާ ދެ ފިލްމަކީ "މެން އިން ބްލެކް" ސީރީޒްގެ ފިލްމުތަކުގެ ތެރެއިން 1997 ގައި ގެނެސްދިން އޭގެ ފުރަތަމަ ފިލްމާއި 2006 ގެ "ޕާސުއިޓް އޮފް ހެޕިނެސް" ކަމަށެވެ.

މި ދެ ފިލްމަށް ބަލާ އިރު މިއީ ޖޯންރާގެ ގޮތުން ވެސް ވަރަށް ތަފާތު އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ. "މެން އިން ބްލެކް" އަކީ ސައިންސް ފިކްޝަން އެކްޝަން ކޮމެޑީއެކެވެ. އޮސްކާގައި ތިން ނޮމިނޭޝަން ލިބި، ކާމިޔާބުކުރެވުނީ އެންމެ މޮޅު މޭކަޕްގެ އެވޯޑެވެ.

"ޕާސުއިޓް އޮފް ހެޕިނެސް" އަކީ ބައޮގްރަފިކަލް ޑްރާމާއެކެވެ. ސުމިތުގެ ދަރިފުޅު ޖޭޑެން ސުމިތު ވެސް މުހިއްމު ރޯލެއް ކުޅުނު އެ ފިލްމަކީ އޮސްކާ އާއި ގޯލްޑެން ގްލޯބްސްގައި ސުމިތު އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.

"އަހަރެން ބުނާނީ މެން އިން ބްލެކް އާއި ޕާސުއިޓް އޮފް ހެޕިނެސް އަކީ ކެރިއަރުގެ އެންމެ ޕާކެޓް ދެ ފިލްމޭ." އޭނާ ބުންޏެވެ.

ކެރިއަރުގައި މިހާތަނަށް ފާހަގަ ކޮށްލެވޭ އެތައް ފިލްމެއް ކުޅުނު އެކްޓަރު ބުނި ގޮތުގައި މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުނުދާ ފިލްމަކީ 1999 ގެ "ވައިލް ވައިލްޑް ވެސްޓް" އެވެ.

"އެއީ ހަމަ އެއްގޮތަކަށް ވެސް ކަމުދާ ފިލްމެއް ނޫން. އޭތި ސިފަ ކުރަނީ ވެސް ހެރުނު ކައްޓެއްގެ ގޮތުގައި." ސުމިތު ބުންޏެވެ.

މިދިޔަ އަހަރު "ބޭޑް ބޯއިސް ފޯ ލައިފް" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކަކީ އަންނަ މަހު ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ކިންގް ރިޗަޑް" އާއި ރިލީޒްކުރާނެ އިރެއް އަދި ހާމަނުކުރާ އެކްޝަން ތުރިލާ "އެމަނިސިޕޭޝަން" އެވެ.

ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ސުމިތުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި އަލީ (2001)، ހިޗް (2005)، ހޭންކޮކް (2007)، ސުއިސައިޑް ސްކޮޑް (2016) އަދި އަލައްދިން (2019) ހިމެނެ އެވެ.