Roadha Mihaaru
ވިލް ސުމިތާއި ކެވިން ހާޓަށް ރިމޭކެއް

ވިލް ސުމިތާއި ކެވިން ހާޓަށް ރިމޭކެއް

21 އޯގަސްޓް 2020

ކުރީގެ ކާމިޔާބު ފިލްމެއްގެ ރިމޭކަކުން ވިލް ސުމިތާއި ކެވިން ހާޓް އެކީގައި ސްކްރީނަށް އަންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ކާމިޔާބު ފިލްމެއްގެ ރިމޭކަކުން ވިލް ސުމިތާއި ކެވިން ހާޓް އެކީގައި ސްކްރީނަށް އަންނަން ނިންމައިފި އެވެ.

ދެ ތަރިނން ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވެގެން ހަދަން ނިންމާފައިވާ ފިލްމަކީ 1987 ގެ ރޯޑް ކޮމެޑީ "ޕްލޭންސް، ޓްރެއިންސް އެންޑް އޮޓޮމޮބައިލްސް" އެވެ. ފިލްމަކީ އެމެރިކާގެ ދެ ވިޔަފާރިއަކު ނުކުންނަ ޗުއްޓީ ދަތުރެއް ބޮޑު ހާޖާނުގަނޑަކަށްވެ، އެ މީހުންގެ ވަޒަން ކަމަށްވާ ޝިކާގޯ އަށް ނުދެވި ކުރިމަތިވާ މަޖާ ހާދިސާތަކެއް ދައްކުވައިދިން ފިލްމެކެވެ.

މީގެ ރިމެކެއް ވިލްގެ ވެސްޓްބްރުކް ސްޓޫޑިއޯސް އާއި ކެވިންގެ ހާޓްބީޓްސް ޕްރޮޑަކްޝަން އެކުވެގެން ގެނެސްދޭން ނިންމާފައި ވަނީ އޮރިޖިނަލް ފިލްމު ވެސް ގެނެސްދިން ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެންނެވެ.

ވެރައިޓީން ބުނިގޮތުގައި "ޕްލޭންސް، ޓްރެއިންސް އެންޑް އޮޓޮމޮބައިލްސް" ގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ސީރީޒް "ބުރުކްލިން 9-9" ގެ ރައިޓަރު އައިޝާ ކާއާ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޕްލޭންސް، ޓްރެއިންސް އެންޑް އޮޓޮމޮބައިލްސް" ގެ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރީ ޖޯން ހިއުގެޒެވެ. އަދި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ސްޓީވް މާޓިން އާއި ކުރީގެ އެކްޓަރު ޖޯން ކޭންޑީ އެވެ.

ތިރީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޕްލޭންސް، ޓްރެއިންސް އެންޑް އޮޓޮމޮބައިލްސް" އަކީ ބޮކްސް އޮފީހުގައި 49.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.