Roadha Mihaaru
އެކްޓަރު ޖެރީ ސްޓިލާ މަރުވެއްޖެ

އެކްޓަރު ޖެރީ ސްޓިލާ މަރުވެއްޖެ

11 މެއި 2020

ކޮމެޑީ ރޯލްތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓަރު ޖެރީ ސްޓިލާ މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮމެޑީ ރޯލްތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓަރު ޖެރީ ސްޓިލާ މިއަދު މަރުވެއްޖެ އެވެ.

މަޝްހޫރު އެކްޓަރު ބެން ސްޓިލާ، 54، ގެ ބައްޕަ 92 އަހަރުގައި މަރުވި ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން ބުނީ ބައްޕަގެ ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި ބައްޕަ މަރުވީ ގުދުރަތީ މަރެއްގައި ކަމަށެވެ. ބެން ބުނީ ވަކިވެގެން ދިޔައީ ވަރަށް ރަނގަޅު ބައްޕައެއް އަދި ކާފައެއް ކަމަށެވެ.

ނިއު ޔޯކަށް އުފަން ޖެރީ އާއި އަންހެނުން އެނީ މިއާރާ ވެސް އެކީގައި ވަރަށް ކާމިޔާބު ކޮމެޑީތަކެއް ކުޅެފައިވާ އިރު، އެނީ ވަނީ 2015 ގައި މަރުވެފަ އެވެ.

ޖެރީ އެންމެ ބޮޑަށް މަޝްހޫރުވީ ޓީވީ ސިލްސިލާ "ސީންފީލްޑް" ގައި ކުޅުނު ފްރޭންކް ކެރެކްޓާ އިންނެވެ. އެ ސިލްސިލާގައި އޭނާ ހަ އަހަރު ވަންދެން މަސައްކަތްކުރި އެވެ.

ޖެރީ އާއި ދަރިފުޅު ބެން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޒޫލޭންޑާ" އާއި "ޒޫލޭންޑާ 2" އާއި "ދަ ހާޓްބެރޭކް ކިޑް" އަދި "ހޮޓް ޕާސުއިޓް" ހިމެނެ އެވެ.

ޖެރީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2016 ގައި "ޒޫލޭންޑާ 2" އެވެ. އޭނާގެ ދިގު ކެރިއަރުގައި ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ.