Roadha Mihaaru
ވިލް ސްމިތު އޮސްކާ އަށް ދިއުން 10 އަހަރަށް މަނާ!

ވިލް ސްމިތު އޮސްކާ އަށް ދިއުން 10 އަހަރަށް މަނާކޮށްފި

09 އެޕްރީލް 2022

އޮސްކާ އެވޯޑް ހަފުލާގައި ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހި މައްސަލައިގައި އޭނާ އަށް ދޭ އަދަބެއްގެ ގޮތުން، 10 އަހަރަށް އެ ހަފުލާ އަށް ދިއުން މަނާކޮށްފި އެވެ.

އޮސްކާ އެވޯޑް ހަފުލާގައި ކްރިސް ރޮކްގެ ކޯތާފަތް މަތީގައި ވިލް ސްމިތު ޖެހި މައްސަލައިގައި އޭނާ އަށް ދޭ އަދަބެއްގެ ގޮތުން، 10 އަހަރަށް އެ ހަފުލާ އަށް ދިއުން މަނާކޮށްފި އެވެ.

އޮސްކާ އެވޯޑް ހަފުލާ އިންތިޒާމުކުރާ އެކެޑަމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އެންޑް ސައިންސެސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވިލް އަށް ދޭ އަދަބެއްގެ ގޮތުން، އެ ހަފުލާ އަށް އޭނާ ދިއުން މަނާކުރަން ނިންމީ އެ އިދާރާގެ ބޯޑް މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

މިދިޔަ މަހު 27 ގައި ބޭއްވި އޮސްކާ އެވޯޑް ހަފުލާގައި، ރޮކްގެ ކޯތާފަތް މަތީގައި ވިލް ޖެހީ، އޭނާގެ އަންހެނުން ޖެޑާ ޕިންކެޓް އަށް ނިސްބަތްކޮށް ރޮކް ޖެހި ޖޯކެއް ކަމުނުގޮސްގެންނެވެ.

އެކެޑަމީން ނެރުނު ބަޔާނުގައި ވިލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. މިއީ އެ އަމަލު އެކެޑަމީން ރަސްމީ ސިފައެއްގައި، ކުށްވެރިކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ކުރިއަށް 10 އަހަރު އެކެޑަމީގެ އެއްވެސް އިވެންޓަކަށް ނުވަތަ ޕްރޮގްރާމަކަށް އަދި އެވޯޑް ހަފުލާއަކަށް ވެސް ވިލް ވަނުން މަނާ ވާނެ،" އެ ބަޔާނުގައި ބުންޏެވެ.

އެވޯޑް ހަފުލާ އަށް ދިއުން މަނާކުރިޔަސް، އެ އެވޯޑަށް ވާދަކުރުމުގެ ފުރުސަތު އަދިވެސް އޭނާ އަށް އޮންނާނެ އެވެ.

ވިލް އަށް އަދަބު ދިންއިރު، މީގެ ހަފުތާއެއް ކުރިން އޭނާ ވަނީ އެކެޑަމީގެ މެމްބަރުން ކަމުން އިސްތިއުފާ ވެސް ދީފަ އެވެ. އަދި އޭނާ އެކެޑަމީން އިސްތިއުފާ ދިނީ ވެސް، އޭނާ އަށް ކަންތައް ކުރެވުނު ގޮތް ގޯސް ކަމަށް އެއްބަސްވުމަށް ފަހުގަ އެވެ.