Roadha Mihaaru
އޮސްކާގައި ހާއްސަވީ ޕްރެޒެންޓަރުގެ މޫނުމަތީގައި ޖެހުން

އޮސްކާގައި ހާއްސަވީ އެވޯޑްތަކެއް ނޫން، ޕްރެޒެންޓަރުގެ މޫނުމަތީގައި ވިލް ސްމިތު ޖެހުން

28 މާޗް 2022

ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު ހަފްލާ ކަމަށްވާ އޮސްކާ އެވޯޑްސް ނިމުނު އިރު މިފަހަރު އިވެންޓުގައި އެވޯޑުތަކުގެ ވާހަކައަށް ވުރެ ގަދަވީ އެކްޓަރު ވިލް ސްމިތު ސްޓޭޖަށް އަރައި ޕްރެޒެންޓަރު ކްރިސް ރޮކްގެ މޫނުމަތީ ޖެހި ވާހަކަ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު ހަފްލާ ކަމަށްވާ އޮސްކާ އެވޯޑްސް ނިމުނު އިރު މިފަހަރު އިވެންޓުގައި އެވޯޑުތަކުގެ ވާހަކައަށް ވުރެ ގަދަވީ އެކްޓަރު ވިލް ސްމިތު ސްޓޭޖަށް އަރައި ޕްރެޒެންޓަރު ކްރިސް ރޮކްގެ މޫނުމަތީ ޖެހި ވާހަކަ އެވެ.

އޮސްކާގެ އެވޯޑު ޝޯތަކުގައި އަބަދު ވެސް އެހެން މީހުންނަށް ޖޯކު ޖަހަ އެވެ. އެކަމަކު ރޮކްގެ ސަމާސާ ވިހަވީ އެވެ.

މިފަހަރުގެ އެވޯޑު ހަފުލާގައި އެކްޓަރު އަދި ސްޓޭންޑަޕް ކޮމީޑިއަން ކްރިސް ރޮކް އެންމެ ފުރަތަމަ ދައްކަން ފެށީ އެކްޓްރެސް ޕެނަލަޕީ ކްރޫޒް އާއި އޭނާގެ ފިރިމީހާ އަދި ޑައިރެކްޓަރު ހަވިއާ ބާޑެމްގެ ވާހަކަ އެވެ. ކްރިސް ބުނީ ދެ މީހުންގެ ތެރެއިން ޕެނަލަޕީ އަށް އެވޯޑު ނުލިބިއްޖެ ނަމަ ހަވިއާ އަށް ވެސް އެވޯޑެއް ނުލިބޭނެ ކަމަށެވެ.

ޖޭޑާ އާއި ވިލް، އޮސްކާގެ އިވެންޓްގައި

ޖޭޑާ އާއި ވިލް، އޮސްކާގެ އިވެންޓްގައި

އެއަށްފަހު ރޮކްގެ ޖޯކު އަނބުރާލީ ވިލް ސްމިތާ ދިމާލަށެވެ. އަދި ހަވިއާގެ ބަދަލުގައި ވިލް އަށް ކޮންމެހެން ވެސް އެވޯޑު ލިބެން ޖެހޭނެ ކަމަށް ވެސް ކްރިސް ބުންޏެވެ. ދެން ކްރިސް ވާހަކަ އަމާޒުކުރީ ވިލް ކައިރީގައި އިން އޭނާގެ އަންހެން ޖޭޑާ އަށެވެ.

ޖޭޑާއަށް އަމާޒުކޮށް ކްރިސް ބުނަނީ އޭނާ، "ޖީއައި ޖޭން"ގެ ރޯލުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެއީ ޖޭޑާގެ އިސްތަށިގަނޑަށް އަމާޒުކޮށްގެން ޖެހި ޖޯކެކެވެ. ޖޭޑާ އިވެންޓަށް ދިޔަ އިރު އިނީ ބޯ ބާލައިފަ އެވެ. އެ ޖޯކާ އެންމެން ހޭން ފެށި އެވެ. އެކަމަކު ޖޭޑާއަށް އެ ޖޯކު ކަމަކު ނުދިޔަ އެވެ. އޭނާއަށް ކެމެރާ އަމާޒުކޮށްލި ވަގުތު، މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.

ވިލް ސްމިތާއި ޖޭޑާ ޕިކެޓް، އޮސްކާގެ ރެޑް ކާޕެޓްގައި

ވިލް ސްމިތާއި ޖޭޑާ ޕިކެޓް، އޮސްކާގެ ރެޑް ކާޕެޓްގައި

ޖޭޑާ އަކީ އެލޮޕޭޝިއާ ހުންނަ މީހެކެވެ. އެކަމާ ގުޅިގެން އޭނާގެ އިސްތަށިގަނޑުން ތަންތަންކޮޅު ތަލަވެ އެވެ. މި ބައްޔާ ގުޅޭ ގޮތުން ޖޭޑާ އާންމުކޮށް ވާހަކަ ވެސް ދައްކަ އެވެ. އަދި އެކަމާ އާންމު ހޭލުންތެރި ކުރުމަށް މަސައްކަތްކުރެ އެވެ.

ރޮކްގެ ޖޯކާ އެކު ފެންނަނީ ވިލް ހިނގާފައި ސްޓޭޖަށް އަރާ ތަނެވެ. އަދި ރޮކްއާ އަރައި ހަމަވެ އޭނާގެ މޫނުމަތީގައި ޖެހުމަށްފަހު އޭނާ ސްޓޭޖުން ފައިބައިގެން ދަނީ އެވެ.

އިރުކޮޅެއް ވަންދެން ކްރިސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޭރު ވެސް ވިލް ހުތުރު ބަހުން، ކްރިސް އަށް ބަހުގެ ހަމަލާތައް ކުރަމުން ގެންދިޔަ އެވެ.

"މިއީ ޓެލެވިޒަންގެ ތާރީހުގައި ވެސް އެންމެ ބޮޑު އެއް ރޭ،" ރޮކް ބުންޏެވެ.

ރޮކް ބުނީ ތެދެކެވެ. މިއީ ފަހަރުގައި އޮސްކާގެ ފާއިތުވި 10 އަހަރުގެ ތާރީހުގައި ވެސް އެންމެ ފާހަގަކުރެވުނު އެއް ހާދިސާއަށް ވެދާނެ އެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ހަވާލުވާން ވިލް ސުްމިތު ސްޓޭޖަށް އަރައި

އެންމެ މޮޅު އެކްޓަރުގެ އެވޯޑާ ހަވާލުވާން ވިލް ސުްމިތު ސްޓޭޖަށް އަރައި

އެ ހުރިހާ ކަމެއް ނިމިގެން ދިޔައީ ވިލް ސުމިތަށް އުފާވެރިކޮށެވެ. ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ މޮޅު އެކްޓަރުގެ އެވޯޑު މިފަހަރު ލިބުނީ އޭނާއަށެވެ. އަދި ރޮކް ވަނީ އޭނާގެ މޫނުމަތީގައި ޖެހުން މައްސަލައަކަށް ހަދައި ޕޮލިހަށް ހުށަހަޅަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.