Roadha Mihaaru
ނޭޕާލް މޮޅުވުމުން ބޭބެގެ މަރުގެ ހިތާމައިން ތަސައްލީއެއް

ބޭބެގެ މަރުގެ ހިތާމައިން ތަސައްލީއެއް ލިބުނީ ރާއްޖެ ބަލިކުރެވުމުން

02 އޮކްޓޯބަރ 2021

މިދިޔަ ބުރާސްފަތި ދުވަހަކީ ނޭޕާލުގެ ކޯޗު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ މުބާރާތުގެ ފުރަތަމަ މެޗުގެ ޕްރީ މެޗުގެ ޕްރެސް ކޮންފަރެންސްގައި ސަރަހައްދުގެ ހުރިހާ މީޑިއާއެއްގެ ކުރިމައްޗަށް ހާޒިރުވާން ހަމަޖެހިފައި އޮތް ދުވަހެވެ. އެކަމަކު ކުއްލި ގޮތަަކަށް އެ ދުވަސް ބަދަލުވީ އޭނާ އަށް އައި އެންމެ ހިތާމަވެރި އެއް ދުވަހަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ ބުރާސްފަތި ދުވަހަކީ ނޭޕާލުގެ ކޯޗު ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ މުބާރާތުގެ ފުރަތަމަ މެޗުގެ ޕްރީ މެޗުގެ ޕްރެސް ކޮންފަރެންސްގައި ސަރަހައްދުގެ ހުރިހާ މީޑިއާއެއްގެ ކުރިމައްޗަށް ހާޒިރުވާން ހަމަޖެހިފައި އޮތް ދުވަހެވެ. އެކަމަކު ކުއްލި ގޮތަަކަށް އެ ދުވަސް ބަދަލުވީ އޭނާ އަށް އައި އެންމެ ހިތާމަވެރި އެއް ދުވަހަށެވެ.

އޭނާގެ ބޮޑު ބޭބެ އެ ދުވަހު މަރުވުމުން ޕްރެސް އަށް ހާޒިރުވާން އުޒުރުވެރިވީ އެވެ. ޕްރެސް އަށް ފޮނުވީ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ އެވެ.

ބޮޑު ބޭބެ މަރުން އޭނާ އަށް ކުރިމަތިވީ ބޮޑު ހިތާމައެކެވެ. އެއީ ބައްޕަގެ މަގާމުގައި ހުންނަ މީހާ އެވެ. އެ ހާލަތުން އަރައިގަތުމަށް އޭނާ އަށް ލިބުނު ހިތްހަމަޖެހުމަކީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ ބަލި ކުރުމެވެ.

"މިއީ އަހަންނަށް ވަރަށް އިމޯޝަނަލްވި މޮޅެއް. އިއްޔެ އަހަރެންގެ ބޮޑު ބޭބެ އަހަރެމެން އެންމެންނާ މުޅި އުމުރަށް ވަކި ވެއްޖެ،" ދެރަވެފައި ހުރީ ކޯޗު މުތައިރީ ޕޯސްޓް މެޗު ޕްރެސްގައި ބުންޏެވެ.

"ރާއްޖޭގެ އަމިއްލަ ދަނޑުގައި ރާއްޖެ ބަލިކޮށް އަދި ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖެ ބަލި ކުރެވިފައި މިއޮތީ. ﷲ އިރާދަކުރެއްވިއްޔާ ބޮޑު ބޭބެއަށް ﷲ ހެޔޮ ރަހްމަތް ލައްވާނެ."

ބޮޑު ބޭބެގެ ފަހު ދުވަސްވަރު އޭނާ އަށް ޒިޔާރަތް ކުރާނެ ފުރުސަތެއް އަލް މުތައުރީ އަށް ނުލިބުނެވެ. އޭނާ އަށް ޖެހުނީ ނޭޕާލްގެ ޓީމާއެކު އެކި ތަންތަނަށް ދަތުރު ކުރާށެވެ. މުތައުރީގެ އަމިއްލަ ސިއްހަތާ މެދު ވެސް ބައެއް ފަހަރު އޭނާ އަށް ސަމާލުކަން ނުދެވުނެވެ.

"ކޯޗިން ވަޒީފާ އަކީ އެ ކަހަލަ ކަމެއް. މީހުން ނުބަލާނެ އަހަރެމެންގެ ހިތުގައި އަޅާނެ ވޭނަކަށް. އިމޯޝަން އާއި އިހްސާސްވާ ތަދު ހަނދާން ނައްތާލަން ޖެހޭނީ. އެއީ މީހުން ބަލާނީ އަބަދުވެސް ނަތީޖާ އަށް،" އަލް މުތައުރީ ބުންޏެވެ.

މުތައުރީ ކިޔައިދިނީ އޭނާގެ ކޮނޑުގެ އޮޕަރޭޝަނެއް ކުރަން އޮތް ވާހަކަ އެކެވެ. ޑޮކްޓަރުން އޭނާ އަށް ލަފާ ދިނީ އެއް މަސްކުރިން އޮޕަރޭޝަން ކުރުމަށެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް ކުރިމަތީގައި އޮތުމުން އޭނާ ނިންމީ ނޮވެމްބަރަށް އޮޕަރޭޝަން ފަސް ކުރުމަށެވެ. އެކަމަކު ނޮވެމްބަރުގައި ވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ނޭޕާލް ކޯޗް އަލް މުތައިރީ ދަނޑު މަތީގައި --- ފައިލް ފޮޓޯ

ނޭޕާލް ކޯޗް އަލް މުތައިރީ ދަނޑު މަތީގައި --- ފައިލް ފޮޓޯ

"ނޮވެމްބަރުގައި ފްރެންޑްލީ މެޗުތަކެއް އޮތިއްޔާ ނޮވޮމްބަރުގައި އޮޕަރޭޝަނެއް ނުކުރެވޭނެ. އަނެއްކާ ވެސް ޖެހޭނީ އިތުރު މަހަކަށް ފަސް ކުރަން."

ނޭޕާލުން ލީޑު ނެގުމުން އޭނާ އަށް އާދަޔާ ހިލާފް ފޯރިއެއް އައައެވެ. ބޮޑު ބޭބެގެ މަރުގެ ހިތާމައިން އޭނާ އަރައިގަނެވުނު ކަހަލަ އެވެ. އޭނާ އަށް ކުރެވޭ ތަދުގެ އިހްސާސް ކެނޑުނު ކަހަލަ އެވެ. އޭނާ އުފާފާޅު ކުރީ ލަނޑު ޖަހާފައި ކުޅުންތެރިޔަކު އުފާފާޅު ކުރާނެ ގޮތަށެވެ. އާންމުކޮށް އެ ލެވެލްގައި އުފާފާޅު ކުރާތަން ފުޓްބޯޅައިގައި ފެންނަނީ، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އާއި އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީ އަދި މަޝްހޫރު އެންޓޯނިއޯ ކޮންޓޭ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ނޭޕާލުން ރާއްޖެ ބަލި ކުރީ އެވެ.

"ގޯލް ސެލެބްރޭޝަންގައި އަހަރެންގެ އުފާފާޅު ކުރުންތައް ފެނުނަމަ ކަލޭމެންނަށް އެނގޭނެ އަހަރެންގެ އިހްސާސްތައް. ރާއްޖޭގެ ދަނޑުގައި ރާއްޖެ ބަލި ކުރެވުނު މިއީ ފުރަތަމަ ފަހަރު. މިއީ ހާސިލުކުރަން އުނދަގޫ ކަމެއް،" އަލް މަތައުރީ ބުންޏެވެ.

"އަހަރެމެންގެ ކުޅުންތެރިން އެންމެ ގޯލެއް ޖެހި ހިސާބުން އަހަރެންގެ ހުރިހާ އިހްސާސެއް ބޭރުވީ."