Roadha Mihaaru
ޗެމްޕިއަން ރާއްޖެ ބަލިކޮށް، ނޭޕާލަށް ހުވަފެނީ ފެށުމެއް

ޗެމްޕިއަން ރާއްޖެ ބަލިކޮށް، ނޭޕާލަށް ހުވަފެނީ ފެށުމެއް

01 އޮކްޓޯބަރ 2021

ރާއްޖޭގައި ކުޅޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާ ވާދަކޮށް 1-0 އިން ނޭޕާލް މިރޭ މެޗު ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި ކުޅޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާ ވާދަކޮށް 1-0 އިން ނޭޕާލް މިރޭ މެޗު ކާމިޔާބު ކޮށްފި އެވެ.

މުބާރާތް ހުޅުވަން ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ފެށި މި މެޗު ބައްލަވާލައްވަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.

މެޗަށް ރާއްޖޭގެ ޓީމުން ނުކުތީ 2018 ވަނަ އަހަރު ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ސްކޮޑުން ބޭރުކުރި އަލީ އަޝްފާގު (ދަގަނޑޭ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި އެއަހަރުގެ މުބާރާތް ފެށެން ފަސްވަރަކަށް މަސް އޮށްވައި ގައުމީ ޓީމުން ރިޓަޔާކުރި އަޝްހަދު އަލީ (އަޑޭ) ވެސް ވަނީ މިރޭގެ މެޗްގައި ސްޓާޓް ކޮށްފަ އެވެ. މިއީ އެއަހަރު ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު ގައުމީ ޓީމުގައި ހިމެނިގެން 35 އަހަރުގެ މިޑްފީލްޑަރު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

ރާއްޖޭން އުފެއްދި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 19 ވަނަ މިނިޓުގަ އެވެ. އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ނޭޕާލްގެ ކީޕަރު ކިރަން ޝެމްޝޮންގް އެވެ. އޭގެ އިރުކޮޅެއް ފަހުން ނޭޕާލް ކުޅުންތެރިއެއް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެޓީމުގެ ނަވަޔުގް ޝްރެސްތާ ފޮނުވާލުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ފަސޭހަކަމާއެކު ދިފާއު ކޮށްފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ރާއްޖޭން ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. ނޭޕާލްގެ ދެ ކުޅުންތެރިން ކައިރީހުރެ އަޝްފާގު ހޯދި ބޯޅައެއް ހިފައިގެން، އޭރިއާ ތެރެއަށް ވަނުމުގެ ބަދަލުގައި އޭރިއާ ބޭރުން އަޝްފާގުގެ ކަނާތު ފައިން ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރުގެ އަތަށެވެ.

ރާއްޖޭގެ ޓީމުން ނޭޕާލާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ:

މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ގަނީ (ކެޕްޓަން)، ސަމޫހް އަލީ، ހުސެއިން ސިފާއު ޔޫސުފް، ހައިޝަމް ހަސަން، އިބްރާހިމް އައިސަމް، އަޝްހަދު އަލީ، ހަމްޒާ މުހައްމަދު، އަލީ ފާސިރު، އިބްރާހިމް މަހުދީ ހުސެއިން، އަލީ އަޝްފާގް.

ދެވަނަ ހާފް ފެށީ ރާއްޖޭންނެވެ. ނަމަވެސް ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފް ފެށިގެން ނޭޕާލުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެފަ އެވެ. ނޭޕަލްގެ ސުމަން އަރްޔާލް އަރިމަތިން ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައި ރާއްޖޭގެ ޑިފެންޑަރު ސިފާއު، ސުމަން ހުއްޓުވަން ކުރި ފައުލަކާ ގުޅިގެން އޭނާ ވަނީ ރިނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ނޭޕާލްގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން އަޝްފާގު މަސައްކަތް ކުރަނީ. --މިހާރު ފޮޓޯ:ނިޝާން އަލީ

ނޭޕާލްގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދާން އަޝްފާގު މަސައްކަތް ކުރަނީ. --މިހާރު ފޮޓޯ:ނިޝާން އަލީ

މި ހާފްގެ 59 ވަނަ މިނިޓުގައި ރާއްޖޭގެ ޓީމުން ވަނީ އައިސަމްގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ކުޅެން އަރުވައިފަ އެވެ. އިއްބެ ވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. އޭގެ މިނިޓެއް ފަހުން ސެންޓޭ ނަގައިދިން ހިލޭ ޖެހުމަކުން ސަމޫހު ބޮލުން ކުރިއަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ނޭޕާލްގެ ކީޕަރު ކިރަން އެވެ.

މި ބަދަލުކުރިތާ ނުވަ މިނިޓް ފަހުން ރާއްޖޭގެ ހަމްޒާ ވަނީ އަރިމަތިން ނޭޕާލްގެ ދެ ޑިފެންޑަރެއްގެ ދޭތެރެއިން ދެމިގެންފައި އޭރިއާ ތެރެއަށް ރީތި ބޯޅައެއް ހުރަސް ކޮށްލައިފަ އެވެ. ނަމަވެސް ބޯޅަ ލިބޭ ހިސާބުގައި ހުރި އިބްރާހިމް މަހުދީ އަށް މާ ރަނގަޅަށް އެ ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އޭގެ މިނިޓެއް ފަހުން މަހުދީގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ވަނީ ކުޅެން އަރުވާފަ އެވެ.

ދާދު ކުޅެން އެރުވިތާ ދެ މިނިޓް ފަހުން ދަނޑުގެ ހުޅަނގުފަރާތު ސަހަރާފަޅީ ކޯނަރު ދަނޑިކައިރިން ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އަޝްފާގު ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ކިރަން ވަނީ ދިފާއު ކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސެންޓޭ ޖެހި ބޯޅައެއް ކިރަން ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅައެއް އަޝްފާގް ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެއަށް ފަހު ސެންޓޭ އާއި އަޑޭގެ ބަދަލުގައި ރާއްޖޭގެ ޓީމުން ވަނީ މުހައްމަދު އުމެއިރާއި އިސްމާއިލް އީސާ ކުޅެން އަރުވާފަ އެވެ. މިއީ 2017 ވަނަ އަހަރަށް ފަހު އީސާ ގައުމީ ޖޯޒީގައި ކުޅެން އެރި ފުރަތަމަ މެޗެވެ.

އޭގެ އިރުކޮޅެއް ފަހުން ދާދު ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ބާރު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ދާދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ކުޑަ ތަންކޮޅެއް ބޭރުންނެވެ.

މެޗުގައި ނޭޕާލުން ޖެހި ހަމައެކަނި ގޯލް 86 ވަނަ މިނިޓުގައި ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މަނީޝް ޑަންގީ އެވެ. އޭނާ މި ލަނޑު ޖެހީ ނޭޕާލުން އުފެއްދި ކައުންޓާ އެޓޭކެއްގައި ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެންގޮސް ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މިއީ ނޭޕާލުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ ބަލިކުރި ފުރަތަމަ މެޗެވެ.