Roadha Mihaaru
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ

ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ

30 ސެޕްޓެމްބަރ 2021

ދެ ކޮރެއާގެ ދެމެދުގައި މުއާމަލާތު ކުރުމުގެ ގޮތުން، މީގެ ކުރިން ގާއިމުކޮށްފައިވާ ހޮޓްލައިން އަލުން އިއާދަކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ކޮރެއާގެ ދެމެދުގައި މުއާމަލާތު ކުރުމުގެ ގޮތުން، މީގެ ކުރިން ގާއިމުކޮށްފައިވާ ހޮޓްލައިން އަލުން އިއާދަކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލިސް، ސުޕްރީމް ޕީޕަލްސް ކައުންސިލްގެ ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ މިފެށޭ އޮކްޓޫބަރުގެ ކުރީކޮޅު، ހޮޓްލައިންގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުވުން ނިންމައިލުމުގެ ޖަލްސާގައި ކިމް މިއަދު ވިދާޅުވި ގޮތުގައި، މަޝްވަރާ ކުރުމަށް އެމެރިކާ އިން ގޮވައިލަމުން އަންނަނީ، އުތުރު ކޮރެއާއާ މެދު އެމެރިކާ ގެންގުޅޭ އުދުވާނީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެހެވެ. އެކަން އެ ގޮތަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ކޮރެއާގެ ދެމެދުގައި ފޯންގެ ޒަރީއާ އިން އަލުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވިޔަސް، ކިމް މިއަދު ވެސް ވިދާޅުވީ ދެކުނު ކޮރެއާ އިން ގެންގުޅެނީ ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެކުނު ކޮރެއާ އިން އެކި ޒާތްޒާތުގެ ހަތިޔާރުތައް އުފައްދައި އޭގެ އަޖުމަ ބަލާއިރު އެއީ ސުލްހައަށް ކުރާ ކަމަކަށް ވެފައި، އުތުރު ކޮރެއާ އިން އެފަދަ ކަމެއް ކުރުމުން އެއީ، ޓެރަރިޒަމާއި ބިރުދެއްކުން ކަމަށް މާނަކުރެ އެވެ.

ދެ ކޮރެއާގެ ދެމެދުގައި ގާއިމުކޮށްފައިވާ ހޮޓްލައިން މި އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރަށް ބޭނުންކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ. ނަމަވެސް، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާ އިން އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމާ ގުޅިގެން، އުތުރު ކޮރެއާ އިން ވަނީ، ހޮޓްލައިން ކަނޑާލައިފަ އެވެ.

ކިމް ވިދާޅުވި ގޮތުގައި ހޮޓްލައިން އަލުން އިއާދަކުރަން ނިންމެވީ، ދެކޮރެއާގައި ދިރިއުޅޭ އާންމުންނަށް ވެސް ސުލްހަވެރިކަމާ އެކުގައި މުއާމަލާތުކޮށް އުޅުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ދެކޮޅުވެރިކަމަށް ސިޔާސީ ހައްލެއް ހޯދުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއްކަމަށް ވިދާޅުވި އެވެ.

"ދެކުނު ކޮރެއާ ބިރުގަންނަވަން ނުވަތަ ރުޅިއަރުވަން އަހަރެމެން މަސައްކަތެއް ނުކުރަން. އަދި ގެއްލުމެއް ދޭކަށް ވެސް ބޭނުމެއް ނޫން. އަދި އުތުރު ކޮރެއާ އިން އެފަދަ ކަމެއް ކުރަންއުޅޭ ކަމަށް ހީވާނަމަ، އެފަދަ ހީތަކުން ދުރުހެލިވުމަށް ވެސް ގޮވާލަން،" ކިމް ވިދާޅުވި އެވެ.