Roadha Mihaaru
ވޯޓު އަލުން ގުނަން ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު

ތިން ސްޓޭޓުގެ ވޯޓު އަލުން ގުނަން ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު

03 ޑިސެމްބަރ 2016

ނިއު ޔޯކް (ޑިސެމްބަރު 3) - ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ވިސްކޮންސިން އާއި ޕެންސިލްވޭނިއާ އަދި މިޝިގަންގެ ވޯޓު އަލުން ގުނުމަށް ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު ހަދަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ޑިސެމްބަރު 3) - ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ވިސްކޮންސިން އާއި ޕެންސިލްވޭނިއާ އަދި މިޝިގަންގެ ވޯޓު އަލުން ގުނުމަށް ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު ހަދަން ފަށައިފި އެވެ.

ވޯޓު އަލުން ގުނަން ހުށަހަޅާފައި ވަނީ ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިންނެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ގާނޫނީ ގޮތުން މަސައްކަތް ކުރަމުންނެވެ. ވިސްކޮންސިންގެ ވޯޓު އަލުން ގުނުން ވަގުތުން ހުއްޓުވުމަށް ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ބަލައި ނުގެންފަ އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސްޓެއިން ވިދާޅުވެފައި ވަނީ ވޯޓުގެ ނަތީޖާގައި ޝައްކުތަކެއް އުޅޭ ސްޓޭޓްތަކުގެ ވޯޓު އަލުން ގުނަން ހުށަހެޅީ އެމެރިކާގެ ވޯޓިން ނިޒާމުގެ އިތުބާރު ކަށަވަރު ކުރަން ކަމަށެވެ.

މިޝިގަންގެ ރިޕަބްލިކަން އެޓާނީ ޖެނެރަލް އިއްޔެ ވަނީ މިޑްވެސްޓާން ސްޓޭޓުގެ ވޯޓު އަލުން ގުނުން ހުއްޓުވުމަށް ސްޓޭޓުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަޅައިފަ އެވެ. އޭނާ ވިދާޅުވީ ވޯޓު އަލުން ގުނުމަކީ ޓެކްސް ދައްކާ މީހުންގެ އަތުން އެތައް މިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމެއް ކަމަށެވެ. ސްޓެއިން ވިދާޅުވީ ވޯޓު އަލުން ގުނަން ހުރަސް އެޅުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ނިންމުމެއް ކަމަށެވެ.

ޓްރަމްޕުގެ ސަޕޯޓަރުންގެ ޓީމަކުން ކުރިން ވަނީ ވޯޓު އަލުން ގުނުން ހުއްޓުވުމަށް މިޝިގަންގެ އިލްކްޝަން ބޯޑަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ސްޓޭޓުގައި ވޯޓުލީ 4.8 މިލިއަން މީހުންގެ ތެރޭން 10،700 ވޯޓުގެ ތަފާތުން ސްޓޭޓުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. ޓްރަމްޕުގެ ވަކީލުން ބުނަނީ މިޝިގަންގެ ވޯޓު އަލުން ގުނަން ސްޓެއިން އަށް ހުށަނޭޅޭނެ ކަމަށެވެ. ސަބަބަކީ އެކަމަނާ އަށް އެ ސްޓޭޓުން ލިބުނީ އެއް ޕަސެންޓް ވޯޓު ކަމަށްވާތީ އެވެ.

ވޯޓު އަލުން ގުނުމަށް ގްރީން ޕާޓީން ހުށަހަޅާފައިވާ ތިން ސްޓޭޓުގެ ނަތީޖާ އަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ތިން ސްޓޭޓް ޓްރަމްޕް ކާމިޔާބު ކުރެއްވީ ވިސްކޮންސިން (22،177 ވޯޓު)، މިޝިގަން (10،704 ވޯޓު) އަދި ޕެންސިލްވޭނިއާ (71،313 ވޯޓު) އިންނެވެ. ތިން ސްޓޭޓް އެއްކޮށްލުމުން 46 އިލެކްޓޯރަލް ކޮލެޖް ވޯޓު ވަނީ ޓްރަމްޕަށް ލިބިވަޑައިގެންފަ އެވެ. ތިން ސްޓޭޓުގެ ނަތީޖާ އެއްކޮށް ބަދަލުވެ ޓްރަމްޕަށް ލިބިވަޑައިގެންނެވި 46 އިލެކްޓޯރަލް ވޯޓު ހިލަރީ އަށް ލިބިވަޑައިގެންފި ނަމަ މުޅި ނަތީޖާ ހިލަރީ ކޮޅަށް އެނބުރޭނެ އެވެ. އެކަމަކު ވިސްކޮންސިންގެ 72 ކައުންޓީގެ ތެރޭން މިހާތަނަށް ގުނި ކައުންޓީން ހިލަރީ އަށް އިތުރަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ވޯޓުލާ ދުވަހުން ފެށިގެން 35 ދުވަސްތެރޭ ވޯޓު އަލުން ގުނުމުގެ ހުރިހާ މައްސަލައެއް ނިންމަން ޖެހެ އެވެ. އެ މުއްދަތު މި މަހު 13 އަށް ހަމަވާނެ އެވެ.