Roadha Mihaaru
މަދޫރީގެ ވެބް ސީރީޒްގެ ޓީޒާއެއް ދައްކާލައިފި

މަދޫރީގެ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" ގެ ޓީޒާއެއް ދައްކާލައިފި

29 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީޒްގެ ޓީޒާއާ އެކު ދަރުމާ އިން ބުނީ އެ ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެ ކަމަށެވެ. "ފައިންޑިން އަނާމިކާ" އަކީ މަޝްހޫރު ފިލްމީ ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ފެނިގެން ދާނެ އެއްޗެކެވެ. މަދޫރީގެ އިންސްޓަގްރާމްގައި ވެސް ޓީޒާ ޕޯސްޓްކޮށް، ފޭނުންގެ ކިބައިން އެއަށް ތައްޔާރަށް ތިބިތޯ އަހާފައިވެ އެެވެ.

ދެހާސް ނަވާރައިގައި އިއުލާންކުރި މި ސީރީޒަކީ ދަރުމާ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން 2016 ގައި ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ވާހަކަ/ސްކްރީން ޕްލޭގައި ހިއްސާވި ސްރީ ރާއޯގެ މޭސްތިރި ކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ. "ފައިންޑިން އަނާމިކާ" ގެ ސްކްރީން ޕްލޭ ލިޔުނީ އޭނާ އާއި ނިޝާ މެހެތާ އެވެ.

މީގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާއި ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ.

"ފައިންޑިން އަނާމިކާ" އަކީ މަދޫރީ އާއި ދަރުމާގެ ތިން ވަނަ ޕްރޮޖެކްޓެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ އެ ސްޓޫޑިއޯގެ 2019 ގެ "ކަލަންކް" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ ދަރުމާއާ އެކު ކުރި ފުރަތަމަ މަސައްކަތަކީ އެ ސްޓޫޑިއޯގެ 2013 ގެ ފިލްމު "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އައިޓަމް ލަވަ "ގަގްރާ" ކުޅުމެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރި އެ ފިލްމަކީ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯން ލީޑް ރޯލު ކުޅުނު ފިލްމެކެވެ.

"ފައިންޑިން އަނާމިކާ" ނެޓްފްލިކްސް އިން ގެނެސްދޭ އިރު، އެތަނާއި ނެޓްފްލިކްސްއާ ދެމެދު ހަދާފައި އޮތް އެއްބަސްވުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންވެ މި ސީރިޒްގެ އިތުރުން ދަރުމާ އިން ގެނެސްދޭން އޮތް ވެބް ފިލްމު "މީނާކްޝީ ސުންދަރޭޝްވަރް" އާއި މިދިޔަ އަހަރު ގެނެސްދިން ސީރީޒް "ފެބިއުލަސް ލައިވްސް" ގެ ދެވަނަ ސީޒަނަކީ ނެޓްފްލިކްސްއާ އެކު ކުރިން ހެދި އެއްބަސްވުމުގެ ދަށުން ގެނެސްދޭނެ ދަރުމާގެ ފަހު އުފެއްދުންތައް ކަމަށް ބެލެވެ އެވެ.

ސާނިއާ މަލްއުތުރާ އާއި އަބިމަންޔޫ ދައްސާނީ ލީޑް ރޯލު ކުޅުނު "މީނާކްޝީ ސުންދަރޭޝްވަރް" ގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އެ ޕްރީމިއާކުރާނެ އިރެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.