Roadha Mihaaru
މަދޫރީ އާއި ރޭކާ 20 އަހަރަށް ފަހު އެކީގައި؟

މަދޫރީ އާއި ރޭކާ 20 އަހަރަށް ފަހު އެކީގައި؟

15 އޯގަސްޓް 2021

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ރޭކާ 20 އަހަރު ފަހުން އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ރޭކާ 20 އަހަރު ފަހުން އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ބޮޑު ވެބް ސީރީޒް "ހީރާމަންޑީ" އިން ރޭކާ އާއި މަދޫރީ އެކީގައި ފެންނާނެ އެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަދޫރީ މީގައި ފެންނާނީ މުޖުރާ ލަވައެއްގެ ނެށުމަކުންނެވެ. މަދޫރީ ވަނީ ކުރިން ބަންސާލީގެ 2002 ގެ ފިލްމު "ދޭވްދާސް" ގައި މަސައްކަޔްކޮށްފަ އެވެ.

މި ދެ ތަރިން އެކީގައި ފެންނާނެ ގޮތެއް މުޅިއަކުން ކަށަވަރެއް ނުވެ އެވެ. މަދޫރީ އާއި ރޭކާ ކުރިން އެކީގައި މަސައްކަތްކުރީ 2001 ގެ ފިލްމު "ލައްޖާ" ގަ އެވެ."

މަދޫރީ ޖަޖެއްގެ ގޮތުގައި ބައިވެތިވާ ކަލާޒްގެ "ޑާންސް ދީވާނޭ 3" ގައި ވެސް ރޭކާ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "ސިލްސިލާ" ގެ މަންޒަރެއްގެ މަތިން މަދޫރީއާ އެކު ސްޓޭޖްމަތީގައި އާކޮށްފައިވެ އެވެ

"ހީރާމަންޑީ" ނެޓްފްލިކްސްއާ ގުޅިގެން ހަދާކަން ބަންސާލީ އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު އަދިވެސް މީގެ ކާސްޓް ކަށަވަރު ނުކޮށްދެ އެވެ. އެންމެ ފަހުން މީޑިއާތަކުން ބުނެފައިވާ ގޮތުގައި މީގެ މައިގަނޑު ރޯލުތައް ކުޅޭނީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ އެވެ. އަދި މަޝްހޫރު ވަރަށް ގިނަ ބަތަލާ އިން ހާއްސަ ފެނިލުންތަކުގައި ބައިވެރިވާނެ އެވެ.

"ހީރާމަންޑީ" އަކީ ކުރީގެ ލާހޯރުގައި އުޅުނު ޖާރިޔާއިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލި އިރު، އޭގެ ޓެގް ލައިނަކަށް އިނީ "ވެއާ ކޯޓޭޒަން ވެއާ ކްއީންސް" އެވެ.

ބަންސާލީ ބުނި ގޮތުގައި "ހީރާމަންޑީ" އަކީ ނެޓްފްލިކްސް މެދުވެރިކޮށް ބައިނަލްއަގްވާމީ އޯޑިއަންސަށް އޭނާ ދޫކޮށްލާނެ ވަރަށް ހިތްގައިމު "އެޕިކް" އަކަށް ވާނެ އެވެ. އަދި މިއީ އޭގެ ވިޝުއަލް އިން ވެސް ޖާދޫ ގެނެސްދޭނެ އެެއްޗެއް ކަމަށް ބުންޏެވެ.

"ވަރަށް ދުވަސް ފަހުން ނަމަވެސް ހީރާމަންޑީ ހަދަން މަގުފަހިވުމަކީ އަހަރެންގެ ފިލްމީ ކެރިއަރުގެ މައިލްސްޓޯނަކަށް ވާނެ،" ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަމެއް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "މިއީ ވަރަށް އުންމީދީ ޕްރޮޖެކްޓެއް. ނެޓްފްލިކްސްއާ ގުޅިގެން ހީރާމަންޑީ ހަދަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު އަހަރެން މިހުރީ ވަރަށް ބިރުގެންފައި."

"ހީރާމަންޑީ" ސްޓްރީމްކުރާނެ އިރެއް އަދި އިއުލާނެއް ނިކުރެ އެވެ. މީތި ޑައިރެކްޓްކުރަނީ ބަންސާލީ އާއި އޭނާ ޕްރޮޑިއުސްކުރި 2015 ގެ ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ ގުޅިގެންނެވެ.

ބަންސާލީގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމާ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.