Roadha Mihaaru
450 މިލިއަންގެ އެއާޕޯޓެއް އަލިފުއްޓަށް ބޭނުންތަ؟

އެތައް އެއާޕޯޓެއް އެޅޭ ހަރަދު އަލިފުއްޓަށް އެކަނި، ބޭނުން ކަމެއްތަ؟

27 ސެޕްޓެމްބަރ 2021

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން އިއުލާން ކުރުމާ އެކު، ފާޑުކިޔުން އަމާޒުވީ ހަމައެކަނި އިދިކޮޅުގެ މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. މި ދާއިރާގެ ބައެއް ޓެކްނިކަލް މީހުންގެ ފަރާތުން ވެސް އެ ފާޑުކިޔުންތައް އަމާޒުވި އެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ވެސް އެ ޒުވާބު ހިނގި ކަމަށް ވެ އެވެ. ތިން ސަބަބަކާ ހުރެ އެވެ؛

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން އިއުލާން ކުރުމާ އެކު، ފާޑުކިޔުން އަމާޒުވީ ހަމައެކަނި އިދިކޮޅުގެ މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. މި ދާއިރާގެ ބައެއް ޓެކްނިކަލް މީހުންގެ ފަރާތުން ވެސް އެ ފާޑުކިޔުންތައް އަމާޒުވި އެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ވެސް އެ ޒުވާބު ހިނގި ކަމަށް ވެ އެވެ. ތިން ސަބަބަކާ ހުރެ އެވެ؛

އެއް ކަމަކީ، އެ އެއާޕޯޓް އެ ރަށުގައި އަޅަނީ ނުފޫޒެއްގެ ތެރެއިން ކަމުގެ ތުހުމަތެވެ. އަނެއް ކަމަކީ، އެހާ ބޮޑު އަދަދެއް ހަރަދު ކުރުމެވެ. އަނެއް ކަމަކީ، ކައިރީގައި އެއާޕޯޓްތަކެއް އޮއްވައި، އަލިފުށީގައި އެއާޕޯޓް އަޅަން ނިންމުމެވެ.

އަލިފުށީ އެއާޕޯޓަށް 451 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އާންމުކޮށް އަޅާ އެއާޕޯޓުތަކުގެ އަގަށް ވުރެ އެ އެއާޕޯޓު އަޅަން ހޭދަކުރާ ވަރު ބޮޑު ވަނީ އެ ޕްރޮޖެކްޓްގެ ތެރެއިން ކުރާ ކަންކަން އިތުރު ވާތީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ މީގެ ކުރިން ހަދާފައިވާ އެއާޕޯޓުތަކުން ފާހަގަކުރެވިފައިވާ މައްސަލަތައް ހައްލު ވާނެ ގޮތަށް ރާވައިގެން ކަމަށާއި، އަދި އެއީ ހަރަދު އިތުރުވާ ސަބަބެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އަލިފުށީ ފަޅުން 50.5 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ ތެރެއިން 10 ހެކްޓަރު ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރި ކަމަށް ހާއްސަކޮށްފައިވާ ބައެވެ. ބާކީ 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކާ ބިމެވެ.

ފާޑުކިޔުންތަކާއި ސިޔާސީ ޖޯކުތައް!

އެއާޕޯޓް އެޅުން މިހާރު މިއޮތީ ސިޔާސީވެ، ބޮޑު ޖޯކަކަށް ވެފަ އެވެ. ސިޔާސީ ބައެއް މީހުން ބުނާ ގޮތުން، އެއާޕޯޓް އެޅުމުގައި މިހާރު އެއްވެސް ވަރަކަށް ރިކުއާމެންޓަކަށް ނުބަލަ އެވެ.

"ތަންކޮޅެއް ބާރުގަދަ މަޖިލީސް މެންބަރެއް ހުރިއްޔާ އެކަން އެވީ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"އަލިފުށީގައި އެއާޕޯޓު އެޅުމަކީ އެއްވެސް ފީޒަބަލް ކަމެއް ނޫން. އަޅުގަނޑުމެން ހިސާބުތައް ހެދިއިރު އެކަމެއް ފެންނާކަށް ނެތް. އެ ރަށުގައި އެހާ ބޮޑު ހޭދައެއް ކޮށްގެން ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ ސިޔާސަތު ތަންފީޒުވާނެ ގޮތެއް ވެސް ނެތް. އެއާޕޯޓް އަޅަންޏާ އެއަށް ވުރެ މާ މުހިންމު ރަށްރަށް އެބަހުރި."

އެއާޕޯޓް އެޅުމަކީ ހަގީގަތުގައި ވެސް ވަރަށް ގިނަ ފަހަރަށް ސިޔާސީ ނުފޫޒުތައް އޭގެ ތެރެއަށް ވަންނަ ކަމެކެވެ. ވަރަށް ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި، ކުރިން އަޅަން ހަމަޖެހިފައި ނެތް އެއާޕޯޓެއް ކުއްލިއަކަށް އަޅަން ހަމަޖެހުމުގައި ސިޔާސީ ނުފޫޒުތަކެއް އެބައޮތެވެ. އެ ތުހުމަތު ދިއްކުރަނީ، އެ ދާއިރާގެ މަޖިލިސް މެމްބަރަށެވެ.

ރ. އަލިފުށި: އެ ރަށުުގެ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކާނެ-- ފައިލް ފޮޓޯ: މިހާރު

ރ. އަލިފުށި: އެ ރަށުުގެ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކާނެ-- ފައިލް ފޮޓޯ: މިހާރު

އެއާޕޯޓެއް އެންމެ މުހިއްމީ ރ. އަތޮޅު ދެކުނު ސަރަހައްދަށް

ރ އަތޮޅުގެ އެންމެ އުތުރަށް އޮންނަ އަލިފުށީގައި އެއާޕޯޓެއް އެޅުމުން އޭގެ ފައިދާ ކުރާނީ އެ ރަށުގެ އިތުރަށް ވާދޫ އާއި ށ. ކޮމަންޑޫއަށެވެ. ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކުން ސްޕީޑް ބޯޓަކުން ބައިގަޑިއިރު ތެރޭގައި އެއާޕޯޓަކަށް ވާސިލުވެވޭނެ ގޮތް ހެދުމެވެ. އަލިފުށީގައި އެއާޕޯޓެއް އަޅައިގެން އެކަން ހާސިލުވާނީ އެންމެ ދެ ރަށަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އިސްވެރިއަކު ވިދާޅުވީ އަލިފުށީގައި އެއާޕޯޓެއް އަޅައިގެން ދައުލަތުން ބޮޑު ހަރަދެއް ދިއުން ނޫން އިތުރު ކަމެއް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރ. އަތޮޅުގައި މި ވަގުތު އެންމެ ރަނގަޅުވާނީ ދެކުނު ސަރަހައްދުގައި އެއާޕޯޓެއް އެޅުން ކަމަށެވެ.

"ދެކުނުގައި ގިނަ ރިސޯޓުތައް ވެސް އޮތީ. އަނެއްކޮޅުން ސަރުކާރުގެ ބޭނުންވާ 30 މިނެޓް ރޭޑިއެންސްގައި އެއާޕޯޓަކަށް ވާސިލުވެވޭ ގިނަ ރަށްތައް ވެސް ހުރީ އެ ސަރަހައްދުގައި. އަލިފުށީގައި އަޅައިގެން މާ ގިނަ ބަޔަކު ދަތުރު ކުރާކަށް ނުތިބޭނެ،" އޭނާ ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓު އަޅައިގެން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް އިސްރާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަރަފުއްޓަށް އެއުޅެނީ ހަފްތާއަކު ދެ ފްލައިޓް ވެސް ނޭޅިގެން. އަލިފުށީގައި ވެސް އެއާޕޯޓް އެޅުމުން ވާނީ އެހެން. މި އެއާޕޯޓު އެޅުން އެބަޖެހޭ ހުއްޓާލަން،"

"ތިމަރަފުއްޓަށް އެއުޅެނީ ހަފްތާއަކު ދެ ފްލައިޓް ވެސް ނޭޅިގެން. އަލިފުށީގައި ވެސް އެއާޕޯޓް އެޅުމުން ވާނީ އެހެން. މި އެއާޕޯޓު އެޅުން އެބަޖެހޭ ހުއްޓާލަން،" އޭނާ ވިދާޅުވި އެވެ.

އަލިފުއްޓާއި އެސަރަހައްދުގެ އެހެން ރަށްރަށައި ހުރި ދުރުމިން

އަލިފުއްޓާއި އެސަރަހައްދުގެ އެހެން ރަށްރަށައި ހުރި ދުރުމިން

މީހުން ދިރިއުޅޭ 15 ރަށް އޮންނަ ރ. އަތޮޅުގައި މި ވަގުތު އެއާޕޯޓެއް އޮތީ އިފުރުގަ އެވެ. އިފުރު ވެސް އޮތީ އުތުރު ސަރަހައްދުގައި ކަމުން އަލިފުށީގެ އެއާޕޯޓުން ދެކުނުގެ އެއްވެސް ރަށަކަށް ފައިދާއެއް ނުވާނެ އެވެ. ރ. އަތޮޅުގެ އެންމެ ގިނަ ރިސޯޓުތައް ވެސް މިވަގުތު އޮތީ ދެކުނު ސަރަހައްދުގަ އެވެ.

ރ. މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފު އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވެސް ވިދާޅުވީ، މި ވަގުތު އެއާޕޯޓެއް އެޅުން އެންމެ މުހިއްމީ ދެކުނުގެ ސަރަހައްދުގައި ކަމަށެވެ.

"ދެކުނުގައި އެއާޕޯޓެއް އަޅައިފި ނަމަ ބ. އަތޮޅާ އެކު 14 ވަރަކަށް ރިސޯޓަށް އޭގެ ފައިދާ ކުރާނެ. އަނެއްކޮޅުން މީހުން ދިރިއުޅޭ މާ ގިނަ ރަށްތަކަށް ވެސް އޭގެ އަސަރު ކުރާނެ."

"ދެކުނުގައި އެއާޕޯޓެއް އަޅައިފި ނަމަ ބ. އަތޮޅާ އެކު 14 ވަރަކަށް ރިސޯޓަށް އޭގެ ފައިދާ ކުރާނެ. އަނެއްކޮޅުން މީހުން ދިރިއުޅޭ މާ ގިނަ ރަށްތަކަށް ވެސް އޭގެ އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ތިމާވެށީގެ މައްސަލަތަކާ ހެދި ފައިނުގައި އެއާޕޯޓެއް އެޅެން ނެތުމުން މީދޫގެ ރައްޔިތުން މިހާރު ބޭނުންވަނީ އެ އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓެއް އެޅުމަށެވެ. އެ ރަށުގައި އެއާޕޯޓެއް އަޅައިފި ނަމަ މުސަތަގުބަލަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވި އަތޮޅުގެ ދެކުނަށް އެއާޕޯޓެއް ގެންނާނެ ވާހަކަ. އެހެންވީމަ އުންމީދުކުރަން ވަރަށް އަވަހަކަށް އެކަން އިއުލާނުކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މި މަހު އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ މޮނިއުމެންޓެއް ހަދާފައި.

ރައީސް ވަޑައިގަތުމާ ދިމާކޮށް އަލިފުށީގައި މި މަހު އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ މޮނިއުމެންޓެއް ހަދާފައި.

ށ. ކޮމަންޑޫގައި އެއާޕޯޓެއް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ކުއްލިއަކަށް އެ ރަށާ 20 ވަރަކަށް މިނެޓް ދުރުގައި އޮންނަ އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ކޮމަންޑޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ރަށުގެ ރައްޔިތުން ވަނީ އެކަން ބޮޑުވުންތައް ރައީސާ ހިއްސާކޮށްފަ އެވެ. އެހެން ނަމަވެސް ވައުދު ފުއްދުމުގެ ބޭނުމުގައި، އެހާ ކައިރި ކައިރީގައި ދެ އެއާޕޯޓު އަޅައިފި ނަމަ ދައުލަތުގެ ބަޖެޓުން އަނެއްކާ ވެސް ބޮޑު އިސްރާފަކަށް ވީ އެވެ.

ފައިދާ ވަނީ މަދު ބަޔަކަށް، އެކަމަކު އެންމެ އަގު ބޮޑު އެއާޕޯޓް

މިއީ ރަށެއްގައި ތަރައްގީ ކުރާ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާ ޕްރޮޖެކްޓެވެ. ހއ. ހޯރަދުއްޓަކީ ވެސް ބިން ހިއްކައިގެން ތަރައްގީ ކުރި އެއާޕޯޓެކެވެ. އެ ރަށުގައި އެއާޕޯޓު އަޅަން ހޭދަކުރީ 198 މިލިއަން ރުފިޔާ އެވެ. މިހާރު ގދ.ގައި ތަރައްގީ ކުރަމުން އަންނަ ފަރެސްމާތޮޑާގެ ބިން ހިއްކުމާއި އެއާޕޯޓް އެޅުމަށް 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފަރެސްމާތޮޑާގެ އެއާޕޯޓު އަޅަން 20 ހެކްޓަރުގެ ބިން ހިއްކި އިރު ހޯރަފުށި އެއާޕޯޓު އަޅަން 35 ހެކްޓަރުގެ ބިން ހިއްކި އެވެ. އަލިފުށީގައި ހިއްކަނީ 50 ހެކްޓަރެވެ. އެހެންކަމުން އެ ރަށުގައި އަޅަނީ މި ދެ ރަށަށް ކުރި ހަރަދަށް ވުރެ ވެސް މާ ބޮޑު ހޭދައެކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އަލިފުށީގެ އެއާޕޯޓުގެ އަގު ކަނޑައަޅާފައި ވަނީ ހިއްކަން ޖެހޭ ސަރަހައްދުގެ ފުންމިނާއި ތިލަ މިން ދެނެގަނެގެން ކަމަށެވެ.

"މިކަހަލަ ޕްރޮޖެކްޓްތައް ހިންގާ އިރު އަޅުގަނޑުމެންގެ ހުންނާނެ ރޭޓްތަކެއް ކަނޑައަޅާފައި. އެއައްބަލައިގެން ދާނެ ހަރަދު ކަނޑައަޅަނީ،" އޭނާ ވިދާޅުވި އެވެ.

ރ. އަލިފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް. އެރަށަކީ ރ އަތޮޅުގެ އެންމެ އުތުރަށް އޮތް ރަށް.

ރ. އަލިފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް. އެރަށަކީ ރ އަތޮޅުގެ އެންމެ އުތުރަށް އޮތް ރަށް.

އޭނާ ވިދާޅުވީ، އަލިފުށީ އެއާޕޯޓުގެ އަގަކީ އެވަރުގެ ބިމެއް ހިއްކުމާއި ޝޯ ޕްރޮޓެކްޝަނާއި އެއާޕޯޓަކަށް ދާނެ އެންމެ އެކަށީގެންވާ އަގު ކަމަށެވެ. މިހެން ކަން އޮތް އޮތަސް، ވަކިވަކި އެއާޕޯޓުގެ އަގުތައް އަޅާ ނުކިޔޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ އެކި އެއާޕޯޓުތަކުގެ ހަރަދު ބޮޑުވާން ދިމާވާ ސަބަބުތައް ތަފާތުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އަޅާ އެއާޕޯޓުތަކުގެ ތިން ގުނަ އަލިފުށީ އެއާޕޯޓަށް ހަރަދުވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް އަލިފުށީގައި ވެސް އެއާޕޯޓް އަޅަން. އެކަމަކު އެ ކުރާ ހަރަދު ދެކޮޅު ޖެހެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް އެޅުމުން ގެއްލެނީ ބިން

ގުދުރަތީގޮތުން ރާއްޖޭގެ ބިމުގެ ތަނަވަސްކަން އެހާ ބޮޑު ނޫން އިރު ކޮންމެ އަތޮޅެއްގައި ތިން ހަތަރު އެއާޕޯޓް އެޅުމުން ގެއްލިގެން ދަނީ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ ބިން ކަމަށް، ދަތުރުފަތުރު ކުރުމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިހާރު ހުވަދު އަތޮޅުގަ ވެސް އެވަނީ ހަތަރު އެއާޕޯޓް. މިއީ އެއްވެސް ބޭނުންތެރި ކަމެއް ނޫން. ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް އަސްލު ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީ ކުރަން 263 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ރީޖަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ހަ މަޝްރޫއުއެއް ހިމެނެ އެވެ. އަދި ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މާފަރު، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ އެކި މަސައްކަތްތައް ބަޖެޓުގައި ހިމަނާފައިވެ އެވެ.

އެއާޕޯޓް ތަރައްގީ ކުރަން ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް

އެއާޕޯޓް ތަރައްގީ ކުރަން ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް އަޅަމުން އަންނަ އިރު ސަރުކާރުން ވަނީ، އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ނަމުގައި ފެރީގެ ހިދުމަތް ދޭ ނެޓްބޯކެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ޕްރޮޖެކްޓަށް ވެސް 157 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ކަނޑައަޅައިފަ އެވެ.

"މިލިއަނުން ބިލިއަނުން އެބަ ހަރަދު ކުރޭ ފެރީ ހިދުމަތް ދޭން. އަނެއްކޮޅުން އެހާ ވަރަށް އެއާޕޯޓް އެބަ އަޅާ. ހަމަ ބޭކާރު ހަރަދު މިދަނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހައި-އެންޑް ގިނަ ރިސޯޓުތަކުން ޑޮމެސްޓިކް އެއާޕޯޓުތައް މެދުވެރިކޮށް ޓޫރިސްޓުން ގެންދިއުމުގެ ބަދަލުގައި އަދިވެސް އިސްކަން ދެނީ ސީޕްލޭން މެދުވެރިކޮށް ދަތުރު ކުރުމަށެވެ. ރިސޯޓުތަކަށް ދާ މުއްސަދިންނަށް ސީޕްލޭންގައި ރިސޯޓަށް ދިއުމަކީ ވެސް ޗުއްޓީގެ ބައެކެވެ. އެއީ ވެސް އެ މީހުންނަށް ކުރެވޭ ތަފާތު ތަޖުރިބާއެކެވެ. އެހެންކަމުން ރިސޯޓުތައް ގިނަ ވެގެންނޭ ކިޔައި، އެއާޕޯޓުތައް އިތުރު ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.