Roadha Mihaaru
ކެޓްރީނާގެ "މެރީ ކްރިސްމަސް" ސަލްމާނަށް ހުށަހެޅި

ކެޓްރީނާގެ "މެރީ ކްރިސްމަސް" ސަލްމާނަށް ހުށަހެޅި

25 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ސޮއިކޮށްފައިވާ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ތުރިލާ "މެރީ ކްރިސްމަސް" ގެ ބަތަލުގެ ރޯލު އެންމެ ކުރިން ހުށަހެޅީ ސަލްމާން ޚާނަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ސޮއިކޮށްފައިވާ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ތުރިލާ "މެރީ ކްރިސްމަސް" ގެ ބަތަލުގެ ރޯލު އެންމެ ކުރިން ހުށަހެޅީ ސަލްމާން ޚާނަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސަލްމާން ފިލްމު ގަބޫލުނުކުރީ އޭނާ ކަހަލަ ވަރުގަދަ ސުޕަސްޓާރަކާ އެކަށީގެންވާ ވަރަށް ވުރެ ކުޑަ ފިލްމެއްގެ ގޮތުގައި ސްރީރާމްގެ ފިލްމު ފެންނާނާތީ އެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާންގެ "ރޭސް 3" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "މެރީ ކްރިސްމަސް" އަކީ އެންމެ 90 މިނިޓްގެ ވަރަށް ޑާކް ފިލްމެކެވެ.

ހަންގާމާ އިން ބުނި ގޮތުގައި ސަލްމާން ފިލްމު ގަބޫނުލުކުރަން ނިންމި މައިގަނޑު ސަބަބަކީ އޭނާގެ މާސް އޯޑިއަންސް ބޭނުންވާ ކަހަލަ ފިލްމަކަށް ސްރީރާމްގެ ފިލްމު ނުވާތީ އެވެ. ސަލްމާން ބޮޑަށް މަޝްހޫރީ ޕްލޮޓްގައި މާ ބޮޑު އޮއްޓަރެއް ނެތަސް، އޯޑިއަންސް ސިނަމާތަކުގައި ފޯރިނަގާ ޒާތުގެ މަސާލާ ފިލްމު ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.

"މެރީ ކްރިސްމަސް" އަކީ ސްރީރާމްގެ ފަރާތުން ލިބުނު ފުރުސަތެއް ސަލްމާން ދޫކޮށްލި ދެވަނަ ފަހަރެވެ. ދެހާސް ފަނަރައިގައި ވެސް އެ ދެ މީހުން ތުރިލާއަކަށް މަޝްވަރާކުރި އެވެ. އެކަމަކު ފަހުން އެކަން ކޮޅެއްގައި ނުޖެހި ހުއްޓުނީ އެވެ. ސަސްޕެންސް ތުރިލާތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު ސްރީރާމް އަކީ ސަލްމާނަށް ވަރަށް ކަމުދާ ޑައިރެކްޓަރެއް ނަމަވެސް އޭނާ ހިތްހަމަޖެހޭ ސްކްރިޕްޓެއް ސްރީރާމްގެ ފަރާތުން ލައްވައި ނުލަނީ އެވެ.

ދެހާސް އަށާރައިގެ "އަންދާދުން" އިން އަޔޫޝްމަން ކްރާނާ އަށް މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމަށް ފަހު، ސްރީރާމް އަންނަނީ ވަރުން ދަވަނާ އެކު "އެއްކީސް" ކިޔާ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހަދަން މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން 2015 ގެ "ބަދުލާޕޫރް" އަށް ފަހު އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އޭގެ ކުރިން ކެޓްރީނާ އާއި ވިޖޭގެ "މެރީ ކްރިސްމަސް" ސްރީރާމް ނިންމާނެ އެވެ.

ކެޓްރީނާ މި ވަގުތު އަންނަނީ ސަލްމާނާ އެކު "ޓައިގާ 3" ގެ މަސައްކަތްކުރަމުންނެވެ. ފިލްމުގެ ކާސްޓާއި ކްރޫ މި ވަގުތު ތިބީ ޝޫޓިން އަށް އޮސްޓްރިއާގަ އެވެ. ސަލްމާނާއި ކެޓްރީނާ އަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ. ދެ ތަރިންގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ.