Roadha Mihaaru
ކެޓްރީނާގެ ކޮއްކޮގެ "ޓައިމް ޓު ޑާންސް" އަންނަ މަހު

ކެޓްރީނާގެ ކޮއްކޮ އީޒަބެލްގެ "ޓައިމް ޓު ޑާންސް" އަންނަ މަހު ރިލީޒްކުރަނީ

13 ފެބުރުއަރީ 2021

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ތައާރަފުކުރަން އުޅުމަކީ ކޮޅެއްގައި ނުޖެހި އޮތް މަސައްކަތެކެވެ. އޭނާ ބޮލީވުޑަށް ތައާރަފުކުރަން މަސައްކަތް ފެށި ފިލްމަކީ 2017 ހިސާބުގައި ޝޫޓިން ފެށި "ޓައިމް ޓު ޑާންސް" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ބޮލީވުޑަށް ތައާރަފުކުރަން އުޅުމަކީ ކޮޅެއްގައި ނުޖެހި އޮތް މަސައްކަތެކެވެ. އޭނާ ބޮލީވުޑަށް ތައާރަފުކުރަން މަސައްކަތް ފެށި ފިލްމަކީ 2017 ހިސާބުގައި ޝޫޓިން ފެށި "ޓައިމް ޓު ޑާންސް" އެވެ.

އިނގިރޭސިވިލާތުގައި މި ފިލްމުގެ ޝޫޓިން އެއްކޮށްހެން ނިންމާފައި އޮތަސް ފަހުން މީގެ އެއްވެސް އަޑެއް ބަޑެއް ނީވެ އެވެ. ސަލްމާން ޚާން 2015 ޕްރޮޑިއުސްކުރި "ހީރޯ" އިން ތައާރަފުކުރި އެކްޓަރު ސޫރަޖް ޕަންޗޯލީ ލީޑްގެ ބަތަލުގެ ރޯލު ކުޅެފައިވާ "ޓައިމް ޓު ޑާންސް" އަކީ ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ސްޓޭންލީ ޑި ކޯސްޓާ ޑައިރެކްޓްކުރި ފިލްމެކެވެ.

ރެމޯ މި ފިލްމު ގެނެސްދިނުމުގެ މަސައްކަތް ފެށީ ބުޝަން ކުމާރުގެ ޓީ ސީރީޒްއާ ގުޅިގެންނެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޓައިމް ޓު ޑާންސް" އަންނަ މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ފިލްމުގެ ޕޮލިޝްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ފިލްމަކީ ނެށުމާ ގުޅޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ޓައިމް ޓު ޑާންސް" ސިނަމާތަކަށް ގެނައުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާތީ މިކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ފިލްމުގެ ޓީމުން އާންމުކުރާނެ އެވެ.

ދާދި ފަހުން ވީޑިއޯ ލަވައަކުން ވެސް ފެނުނު އީޒަބެލް މިހާރު އަންނަނީ އެކްޓަރު ޕުލްކިތު ސަމްރާޓާ އެކު ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އޭގެ ނަމަކީ "ސަސްވަގަތަމް ޚުޝާމަދީދު" އެވެ.

މީގެ އިތުރުން އީޒަބެލްގެ ދައްތަ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެން ސޮއިކުރި ފިލްމު "ކުވާތާ" ގެ ބަތަލާ އަކީ ވެސް އީޒަބެލް އެވެ. އެ ފިލްމު އިއުލާންކުރީ 2019 ގަ އެވެ.

އީޒަބެލް، 30، ބޮލީވުޑަށް ނެރެން މަސައްކަތްކުރާ އިރު އޭނާ ކުރިން ވަނީ އިންޑޯ-ކެނޭޑިއަން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2014 ގެ ރޮމޭންޓިކް ކޮމެޑީ "ޑރ. ކެބީ" އެވެ. އެއީ ސަލްމާން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމެކެވެ.