Roadha Mihaaru
ޓީމުގެ މަސައްކަތާއި ޑިސިޕްލިން އަށް ފުލް މާކްސް

ޓީމުގެ މަސައްކަތާއި ޑިސިޕްލިން އަށް ފުލް މާކްސް

23 ސެޕްޓެމްބަރ 2021

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި މިހާރު ކުރިއަށްގެންދާ ޓްރޭނިން ކޭމްޕުގައި އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ލިބުން ފިޔަވައި ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށެވެ. ގަތަރުގެ ޓްރޭނިން ކޭމްޕުގައި މިހާތަނަށް ޓީމު ލިޑުކުރީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި މިހާރު ކުރިއަށްގެންދާ ޓްރޭނިން ކޭމްޕުގައި އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ލިބުން ފިޔަވައި ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށެވެ. ގަތަރުގެ ޓްރޭނިން ކޭމްޕުގައި މިހާތަނަށް ޓީމު ލިޑުކުރީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.

ކޮވިޑުން ރަނގަޅުވެ ގަތަރަށް ދަތުރުކުރި، ހެޑު ކޯޗު އަލީ ސުޒޭން ކުރިއަށް ހުރި ޕްރެކްޓިސްތަކުގައި ޓީމު ލީޑުކުރާނެ އެވެ. ސުޒޭން ޓީމާ ހަވާލުވުމުގެ ކުރިން، އަންގާރަ ދުވަހުގެ ރޭ ގައުމީ ޓީމުން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ކްލަބު، ލުސައިލް ސްޕޯޓްސް ކްލަބާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. މެޗު ރާއްޖެއިން ކާމިޔާބު ކުރީ 4-3 އިންނެވެ.

އެ މެޗާ ގައުމީ ފުޓުބޯޅަ ޓީމުން ކުރިމަތިލީ ގާތްގަނޑަކަށް ގަތަރުގައި އަށް ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު އެވެ. ގަތަރުގައި ހޭދަކުރި މުއްދަތާއި މެޗުން ފެނުނު ކަންތައްތަކަށް ބަލާއިރު ޓީމާ މެދު ޕޮޒިޓިވް ނޫން ވާހަކައެއް އިންމަ އަތުގައި ނެތެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި އިންމަ (ވ) --ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ޕްރެކްޓިހުގައި އިންމަ (ވ) --ފޮޓޯ: އެފްއޭއެމް

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން ބުރަކޮށް ކުރާ މަސައްކަތް އަދި ޑިސިޕްލިން. ޕްރެކްޓިހުގައި އެކަން ދަނީ ދައްކަމުން،" ޓީމުގެ ޕްރެކްޓިސް ކުރިއަށްދާ ގޮތާ ބެހޭގޮތުން "މިހާރު" އަށް އިންމަ ކިޔައިދިނެވެ.

ލުސައިލްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗު ބިނާކޮށްފައި ވަނީ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭނެ މެޗުތަކަށް އަމާޒުކޮށްގެން ކަމަށް އިންމަ ބުންޏެވެ. މެޗުގައި ގައުމީ ޓީމުން ބޭނުން ކުރި ގޭމް ޕްލޭން އާއި ޓެކްޓިކްސްއާ ބެހޭގޮތުން ވާހަކަ ދައްކާކަށް އިންމަ ބޭނުމެއް ނުވި އެވެ. ޓްރޭނިން މެޗެއް ކްލަބަކާ ދެކޮޅަށް ކުޅެގެން ރާއްޖެއަށް ފައިދާ ހޯދިދާނެ ހެއްޔެވެ؟

"ގަތަރުގެ ސެކަންޑް ޑިވިޝަން ކަމަށް ވިޔަސް ވަރަށް ވަރުގަދަ ވާދަވެރި ލީގެއް އެއީ. އެ ލީގުގައި ކުޅޭ ކްލަބުތައް ވެސް ވަރަށް ވަރުގަދަ، ރާއްޖެއާ ދެކޮޅަށް މި ކުޅުނު ކްލަބަކީ ވެސް ވަރަށް ވަރުގަދަ ކްލަބެއް،" އިންމަ ތަފުސީލުކޮށް ދިނެވެ.

ލުސައިލް އާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގެ ކުރިން --- ފޮޓޯ: އެފްއޭއެމް

ލުސައިލް އާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގެ ކުރިން --- ފޮޓޯ: އެފްއޭއެމް

"އެ ޓީމުގައި ބިދޭސީ ކުޅުންތެރިން ވެސް މޮޅު. އަނެއްކާ ޓްރޭނިން މެޗަަކަށް ވިޔަސް ބަދަލުތައް ގެނައީ ވެސް ވަކި މިންވަރަކަށް. ވާދަވެރި މެޗެއް ފެނުނީ."

ހޮނިހިރު ދުވަހު ގަތަރުގެ ނެޝަނަލް އާމީ ކްލަބާ ދެކޮޅަށް ރާއްޖެ އިތުރު މެޗެއް ކުޅޭނެ އެވެ. ކްލަބުތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ރޭވީ، ރާއްޖެއިން ކުޅެން މަސައްކަތް ކުރި އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތައް ނުކުޅެވުމުންނެވެ. އެފްއޭއެމުން ހަމަޖައްސާފައި އޮތީ ގަތަރުގައި ލަންކާއާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. އެހެންނަމަވެސް ގަތަރަށް ކުރަން އޮތް ޓްރޭނިން ކޭމްޕު ލަންކާއިން ސައުދީ އަރަބިއާ އަށް ބަދަލު ކުރުމުން އެ މެޗު ކުޅެވޭ ގޮތް ނުވި އެވެ.

ގަތަރުގެ ޓްރޭނިން ކޭމްޕަށް ފަހު ދިވެހި ޓީމު މާލެ އަންނަން ހަމަޖައްސާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހުގެ ރޭ ރާއްޖެއިން ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ.

ގައުމީ ޓީމު މާލެގައި ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަނެއްގެ ތެރެއިން އިންމަ ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމު މާލެގައި ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަނެއްގެ ތެރެއިން އިންމަ ކުޅުންތެރިންނަށް އިރުޝާދު ދެނީ --- ފޮޓޯ: އެފްއޭއެމް

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

ފަސް ޓީމު ވާދަކުރުމުން، މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.