Roadha Mihaaru
ކަންގަނާގެ "ތަލައިވީ" ގެ ދެވަނަ ބައެއް

ކަންގަނާގެ "ތަލައިވީ" ގެ ދެވަނަ ބައެއް ހަދަނީ

23 ސެޕްޓެމްބަރ 2021

މި މަހުގެ ކުރީކޮޅު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ދެވަނަ ބައެއް ހަދާނެ ކަމަށް އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވި ލިޔުންތެރިޔާ ރަޖަތު އަރޯރާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ދެވަނަ ބައެއް ހަދާނެ ކަމަށް އެ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވި ލިޔުންތެރިޔާ ރަޖަތު އަރޯރާ ބުނެފި އެވެ.

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ހަ ދައުރެއްގައި ޗީފް މިނިސްޓަރުކަން ކުރެއްވި ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ އަކީ ރަޖަތުގެ އިތުރުން ކަންގަނާގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދާއި މަދަން ކާކީ ގުޅިގެން ލިޔުނު ފިލްމެކެވެ.

ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ރަޖަތުނީ ޖަޔަލަލީތާގެ ވާހަކަ 153 މިނިޓްގެ އެންމެ ފިލްމަކުން ނިންމައި ނުލެވޭނެ ކަމަށެވެ. އެހެންވެ އޭނާގެ ވާހަކަ އަށް ވީހާ ވެސް ފުރިހަމަ އިންސާފުކޮށްދޭން ބޭނުން ބޭނުންވާތީ "ތަލައިވީ" ގެ ދެވަނަ ބައެއް ހަދާނެ ކަމަށް ބުންޏެވެ.

"ފިލްމު ހެދި އިރު ވެސް އަހަރެމެންގެ ވިސްނުމުގައި އޮތް ކަމެއް އެއީ. ޕޯސްޓަރުގައި ވެސް އިންނާނެ ސިނަމާ ސޭ ޗީފް ސީއެމް ތަކް [ސިނަމާ އިން ޗީފް މިނިސްޓަރު ކަމަށް] ކަމަށް ލިޔެފައި. އެހެންވީމާ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު، ފަހުން އިންޑިއާގެ ވަރުގަދަ އަންހެން ސީޔާސީ ލީޑަރަކަށް ޖަޔަލަލީތާވެގެން ދިޔަ ގޮތް އިތުރަށް ކިޔައިދޭން ޖެހޭ." އޭއެލް ވިޖޭ ޑައިރެކްޓްކުރި ފިލްމާ ބެހޭ ގޮތުން ރަޖަތު ބުންޏެވެ.

އޭނާ ބުނީ މިހާރު އަންނަނީ ފިލްމުގެ ވާހަކަ ދެން ބައްޓަންކުރާނެ ގޮތެއް ރާވަމުން ކަމަށެވެ. ރަޖަތު ބުނި ގޮތުގައި "ތަލައިވީ" ގައި ޖަޔަލަލީތާގެ ސިޔާސީ މަސައްކަތްތަކާ ގުޅޭ ކަންކަން ގެނެސްދެވިފައި އޮތީ 15 ވަރަކަށް މިނިޓަށް ކަމަށްވާތީ އެކަމާނާގެ 20-30 އަހަރުގެ ސިޔާސީ މަސައްކަތް އެއަށް ވުރެ ފުޅާކޮށް ފިލްމެއްގައި ދައްކައިދޭން ޖެހޭ ކަމަށެވެ.

"މިކަމާ ބެހޭ ގޮތުން އަހަރެމެން ވާނީ ކަންގަނާއާ ވެސް ވާހަކަ ދައްކާފައި. އެހެންވީމަ ފިލްމުގެ މައިގަނޑު ޓީމް އެއްކޮށް މަޝްވަރާކުރުމަށް ފަހު، ވާހަކަ ދެން ކުރިއަށް ގެންދާނެ ގޮތް ނިންމައި އޭގެ މަސައްކަތް ފެށިގެން ދާނެ،" ރަޖަތު ބުންޏެވެ.

މި މަހުގެ 10 ވަނަ ދުވަހު "ތަލައިވީ" ރިލީޒްކުރުމާ އެކު، ކްރިޓިކުންނާއި ބެލުންތެރިން ވެސް ކަންގަނާ ދެއްކި އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. އަދި ގިނަ ފޭނުންތަކެއް ފިލްމުގެ ދެަވނަ ބައެއް ހަދަން ޖެހޭ ކަމަށް ޓްވިޓާގައި ބުނެފައިވެ އެވެ.

"ތަލައިވީ" ގައި ކަންގަނާ ދެއްކި މޮޅު އެކްޓިން އަށް ތައުރީފުކޮށް، ރަޖަތު ކުރި ޓްވީޓެއްގައި މި ފިލްމަކީ ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އަށް އިތުރު ނެޝަނަލް އެވޯޑެއް ހައްގުވާ ފިލްމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ކަންގަނާއާ އެކު "ތަލައިވީ" ގެ އެންމެ މުހިއްމު ރޯލެއް ކުޅުނު ތަރި އަކީ އަރުވިންދު ސްވާމީ އެވެ.