Roadha Mihaaru
"ތަލައިވީ" އިން ކަންގަނާގެ ވިދުން މާ ގަދަކޮށްލާނެ

"ތަލައިވީ" އިން ކަންގަނާގެ ވިދުން މާ ގަދަކޮށްލާނެ

24 މާޗް 2021

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަދި އަންނަ މަހުގެ 23 ގައި ރިލީޒްކުރާ، ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަދި އަންނަ މަހުގެ 23 ގައި ރިލީޒްކުރާ، ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ 2016 ގައި އަވަހަރާވި އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ޖަޔަލަލީތާގެ ރޯލް ކަންގަނާ ކުޅެފައިވާ މި ފިލްމުން އެ ކަމަނާގެ އެންމެ ޒުވާން ދުވަސްވަރުގައި މުނިފޫހި ދާއިރާގައި އުޅުނު ގޮތާއި ފަހުން ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށް ބަދަލުވެގެން ދިޔަ ގޮތް ކިޔައިދޭނެ އެވެ.

"ތަލައިވީ" އަކީ ޔަގީނުން ވެސް ކަންގަނާގެ ވަރަށް މޮޅު އެކްޓިން އަށް ފެނިގެންދާނެ ފިލްމެކެވެ. ޓްރެއިލާ އިން އެކަނި އެކަން އެނގެ އެވެ. ޓްރެއިލާ އާންމުކޮށްފައި މި ވަނީ އޭނާ އަށް މި އަހަރު ބާއްވާ 67 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމު ލިބުކަން ހޯމަ ދުވަހު ކަށަވަރުވިތާ އެއް ދުވަސް ފަހުންނެވެ. ކެރިއަރުގައި ލިބޭ ހަތަރު ވަނަ ނެޝަނަލް އެވޯޑް ހުނަރުވެރި ބަތަލާ އަށް ލިބުނީ މިދިޔަ އަހަރުގެ "ޕަންގާ" އާއި 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.

"ތަލައިވީ" ކުޅެން ކަންގަނާ ބޮޑު ގުރުބާނީތަކެއްވެފައިވެ އެވެ. އެގޮތުން ޖަޔަލަލީތާގެ އެންމެ ޒުވާން ދުވަސްވަރުގެ ބައިތައް ކުޅެން ވަރަށް ބޮޑަށް ހިކުމާއި އޭނާގެ ހަޔާތުގެ ފަހުގެ ދުވަސްތައް ދައްކުވައިދޭން ބަރުދަން 20 ކިލޯ އިތުރުކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުން ފަދަ ކަންކަން ހިމެނެ އެވެ. އަދި މި ފިލްމުގައި ވާހަކަ ދައްކަން، ބަހުގެ ރާގު ދަސްކުރަން ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ "ތަލައިވީ" އަކީ ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭނެ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ "މަނިކަރްނިކާ" އާއި "ބާހްބަލީ" ލިޔުނު ކޭވީ ވިޖެންދުރަ ޕްރަސާދެވެ. އެހެންވެ ފިލްމުގެ ވާހަކަ ވަރަށް ވެސް ޝައުގުވެރިވެފައި މޮޅުވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

"ތަލައިވީ" ގެ ކާސްޓުން ކަންގަނާއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި އަރުވިންދު ސްވާމީ، ބަގިޔާޝްރީ، މަދޫ، ޕްރަކާޝް ރާޖް، ޖިއްޝޫ ސެންގުޕްތާ އަދި ޕޫރްނާ ހިމެނެ އެވެ.

މި ފިލްމުގެ ފަހުން ވެސް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ ކަންގަނާގެ ވަރަށް ވަރުގަދަ ދެ ފިލްމެކެވެ. އެއީ އެކްޝަން ރޯލަކުން ފެނިގެންދާނެ "ދާކަޅް" އާއި ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެންނާނެ "ތޭޖާސް" އެވެ.