Roadha Mihaaru
އިންދިރާގެ ރޯލު ކަންގަނާ ކުޅޭ ފިލްމަކީ "އިމަޖެންސީ"

އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅޭ ފިލްމަކީ "އިމަޖެންސީ"

25 ޖޫން 2021

އިންޑިއާގެ އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދަން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި ފިލްމަށް ބަތަލާ ކަންގަނާ ރަނާވަތު ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އަންހެން ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދަން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި ފިލްމަށް ބަތަލާ ކަންގަނާ ރަނާވަތު ތައްޔާރުވާން ފަށައިފި އެވެ.

"އިމަޖެންސީ" ގެ ނަން ދިފައިވާ ފިލްމުގައި އިންދިރާގެ ރޯލު ކުޅެން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކާ އެކު ކެޕްޝަނަކަށް ޖަހާފައި އިނީ "ޓައިމް ޓު ގެޓް އިން ޓު މެޑަމް ޕްރައިމް މިނިސްޓާ އިންދިރާ ގާންދީ ޖީޒް ސްކިން" އެވެ. އަދި ފިލްމާ ގުޅޭ އިތުރު ވާހަކަތަކެއް އިންސްޓަގްރާމްގައި ހިމަނާފައިވެ އެވެ.

މި ފިލްމުގެ ޑައިރެކްޓްކުރާނީ ކަންގަނާގެ 2014 ގެ ފިލްމު "ރިވޯލްވާ ރާނީ" ގެނެސްދިން ސައި ކަބީރް ކަމަށް ކުރިން ބުނި ނަމަވެސް މިހާރު އެ ޑައިރެކްޓްކުރާނީ އަމިއްލަ އަށް ކަމަށް ކަންގާ ބުންޏެވެ.

އޭނާ ބުނީ "އިމަޖެންސީ" އަކީ އަމިއްލަ ދެވަނަަ ޑައިރެކްޝަން ކަމަށާއި އޭނާ ނޫން މީހަކަށް އެ ފިލްމު ބޭނުންވާ ފެންވަރަށް ޑައިރެކްޓް ވެސް ނުކުރެވޭނެ ކަމަށެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދި ބަތަލާގެ ފުރަތަމަ ޑައިރެކްޝަނަކީ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ. "އިމަޖެންސީ" ގެ ސްކްރިޕްޓް ލިޔުނީ ވިދިޔާ ބާލަންގެ "ކަހާނީ" އާއި ރާޖްކުމާރު ރާއޯގެ "ސިޓީ ލައިޓްސް" އާއި އަކްޝޭ ކުމާރުގެ "އެއާލިފްޓް" އަދި އަމީތާބް ބައްޗަންގެ "ޕިންކް" ފަދަ ކާމިޔާބު ފިލްމުތައް ލިޔުނު ރިތޭޝް ޝާހް އެވެ.

"އިމަޖެންސީ އަކީ އަހަރެންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ފިލްމެއް. މިއީ ސްކްރީނުގައި ޖާދޫ ދައްކާނެ އިންޑިއާގެ ތާރީހުގެ އައިކޮނިކް ސޮފުތާކެއް ފެނިގެން ދާނެ ފިލްމެއް. އަދި މިއީ އަހަރެންގެ ކެރިއަރުގައި ވެސް އާ ސޮފުހާތަކެއް ލިޔެވޭނެ ފިލްމެއް،" ޕިންކްވިލާ އަށް ކަންގަނާ ބުންޏެވެ.

"އިމަޖެންސީ" ގައި ބޮޑަށް އަލިއަޅުވައިލާނީ އިންދިރާގެ ދައުރުގައި ގައުމުގައި ހިންގި މައްސަލަ ބޮޑު އިމަޖެންސީ އާއި އޮޕަރޭޝަން ބްލޫ ސްޓާއަށް ކަމަށެވެ. އިންދިރާ އަކީ މަގާމުގައި ހުންނަވިކޮށް 1984 ގައި އަވަހާރަކޮށްލާފައިވާ ބޭފުޅެކެވެ. އެއީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް 1991 ގައި އަވަހާރަކޮށްލި ރަޖީވް ގާންދީގެ މަންމާފުޅެވެ.

ކަންގަނާގެ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ޕްރޮޑިއުސްކުރާ "އިމަޖެންސީ" އަށް ތައްޔާރުވާން ފެށި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމުގެ އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އިންޑިއާގެ ވަރުގަދަ އިތުރު އަންހެން ސިޔާސީ ޝަހުސިއްޔަތެއްގެ ރޯލު ކުޅެން ހުނަރުވެރި ބަތަލާ ތައްޔާރުވާ އިރު، އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ވެސް ސިޔާސީ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެއީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮގަރްފިކަލް ޑްރާމާ "ތަލައިވީ" އެވެ.

ކަންގަނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އެކްޝަން ފިލްމު "ދާޅަކް" އާއި ވަތަނީ ފިލްމު "ތޭޖާސް" ހިމެނެ އެވެ.