Roadha Mihaaru
ހަމޭސް ގަތަރުގެ އަލް ރައްޔާން އަށް ބަދަލު ވަނީ

އެވަޓަން ދޫކޮށް ހަމޭސް ގަތަރުގެ އަލް ރައްޔާން އަށް ބަދަލު ވަނީ

21 ސެޕްޓެމްބަރ 2021

އަލް ރައްޔާން، ގަތަރު (ސެޕްޓެމްބަރު 21) - ގަތަރު ލީގަށް ބަދަލުވާން ހަމޭސް ރޮޑްރިގޭޒް ގަތަރަށް ހިނގައްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަލް ރައްޔާން، ގަތަރު (ސެޕްޓެމްބަރު 21) - ގަތަރު ލީގަށް ބަދަލުވާން ހަމޭސް ރޮޑްރިގޭޒް ގަތަރަށް ހިނގައްޖެ އެވެ.

ގަތަރުގެ ލީގުގެ އައް ރައްޔާން އަށް ބަދަލުވުމަށް އެ ޓީމާ އެކު ހަމޭސް ވަނީ ވާހަކަތައް ފަށައިފަ އެވެ.

އެވަޓަންގެ ޓީމަށް މި ސީޒަންގައި އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތު ހަމޭސް އަށް ނުލިބެ އެވެ. މިދިޔަ ސީޒަންގައި އެވަޓަން އަށް އޭނާ ބަދަލުވީ އެވަޓަންގެ އޭރުގެ ކޯޗު ކާލޯ އަންޗެލޮޓީ ބޭނުންވުމުންނެވެ. ހަމޭސްގެ ކުރީގެ ޓީމު، ރެއާލް މެޑްރިޑުން އަލުން އަންޗެލޮޓީ އަށް މަގާމު ހުށަހެޅުމުން އޭނާ ބަދަލުވީ ރެއާލް އަށެވެ. އެކަމަކު ހަމޭސް ހުންނަން ޖެހުނީ އެވަޓަންގަ އެވެ.

އެވަންޓަންގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ ކުރިން ރެއާލްގައި ހަމޭސް އަށް ވެސް ކޯޗުކޮށްދިިން ރަފޭލް ބެނިޓޭޒް އެވެ. ރެއާލަށް ބެނިޓޭޒް ކޯޗުކޮށްދިން އިރު އޭނާ ވަނީ އެ ޓީމުގައި ހަމޭސް އަށް ގިނަ ފުރުސަތުތަކެއް ދީފަ އެވެ. ނަމަވެސް އެވަޓަން އަށް ބެނިޓޭޒް ބަދަލުވި ނަމަވެސް ހަމޭސްގެ ބޭނުން ހިފާކަށް ނުވިސްނި އެވެ.

އެވަޓަންގެ ކޯޗު ކަމާ ބެނިޓޭޒް ހަވާލުވުމަށް ފަހު އޭނާ ވަނީ ޓީމުގެ ޕްލޭންގައި ހަމޭސް ނުހިމެނޭކަން އަންގައިފަ އެވެ. އަދި އޭނާ އަށް އާ ކްލަބެއް ހޯދަން އެވަޓަންއިން އެންގި އެވެ. މިދިޔަ މަހު ނިމިގެން ދިޔަ ޔޫރަޕުގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ހަމޭސް ވަނީ ކްލަބު ބަދަލު ކުރަން މަސައްކަތް ކޮށްފަ އެވެ. އޭނާ އާއެކު އެވަޓަންއިން ހެދި ކޮންޓްރެކްޓް ނިމެން އަދި އެއް އަހަރު އެބައޮތެވެ.

މިދިޔަ ސީޒަންގައި ހަމޭސް އެވަޓަން އަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. މުސާރައިގެ ގޮތުގައި ހަފުތާއަކު 273,381 ޑޮލަރު އެވަޓަންއިން އޭނާ އަށް ދެ އެވެ. އެވަރުގެ މުސާރައެއް ހަމޭސް އަށް ދިނަސް އަނިޔާއާ ހެދި އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މިދިޔަ ސީޒަންގައި އޭނާ ކުޅުނު 26 މެޗުގައި ޖެހުނީ ހަ ލަނޑެވެ.

ޕޯޗުގަލްގެ ޕޯޓޯ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރްއާ އެކު ހަމޭސް ވަނީ ވާހަކަތައް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ޔޫރަޕުގެ ޓްރާންސްފާ ޕީރިއަޑް ނިމިގެން ދިޔައިރު ވެސް އޭނާ އަށް ކްލަބެއް ނުހޯދުނެވެ. އެހެންވެ ހަމޭސްގެ ފޯކަސް ބަދަލު ކުރީ ގަތަރަށެވެ.