Roadha Mihaaru
ސޯނޫ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު

ސޯނޫ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު

22 ސެޕްޓެމްބަރ 2021

އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި މަޝްހޫރު އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް އިންކަމް ޓެކްސް ޑިޕާޓްމަންޓުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި މަޝްހޫރު އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް އިންކަމް ޓެކްސް ޑިޕާޓްމަންޓުން ބުނެފި އެވެ.

މިދިޔަ އަހަރުން ފެށިގެން އެތައް ގޮތަކުން އެތައް ބަޔަކަށް އެހީވަމުން އަންނަ އެކްޓަރާ ބެހޭ ގޮތުން ޓެކްސް ޑިޕާޓްމަންޓުން ބުނީ ސޯނޫ ދައްކަން ޖެހޭ 20 ކްރޯޑް ރުޕީސްގެ ޓެކްސް ނުދައްކާ ކަމަށެވެ. އަދި ޓެކްސް ނުދައްކައި، މަކަރު ހަދާފައިވާތީ އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އިންކަމް ޓެކްސް ޑިޕާޓްމަންޓުން މިހެން ބުނެފައި ވަނީ ޓެކްހުގެ މައްސަލާގައި ސޯނޫގެ އޮފީހާއި ގެ ވެސް ރެއިޑްކޮށް ފާއިތުވި ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ފާސްކޮށް ބެލުމަށް ފަހު އެވެ.

ސޯނޫ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ފައުންޑޭޝަނުން ހޭދަކުރާ ކޮންމެ ރުޕީ އަކީ އިންސާނިއްޔަތަށް ހިދުމަތްކުރަން ހޭދަކުރާ އެއްޗެއް ކަމަށާއި ނާޖާއިޒުކޮށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެ ބަޔާނާ ގުޅިގެން ސޯނޫ އަށް ހިތްވަރު ދެއްވުމުގެ ގޮތުން، ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރު އަރުވިދު ކެޖްރިވާލް ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.

ސޯނޫ ހޯމަ ދުވަހު އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ބޮލުގައި ތުހުމަތު އަޅުވަނީ ސިޔާސީ ގޮތުން ބަޔަކު ބޭނުންވާ ފައިދާ އޭނާގެ ފަރާތުން ނުނެގޭތީ ބަދަލުހިފުމުގެ ގޮތުން ކަމަށެވެ. މި ފަހުން ދެ ޕާޓީއަކުން އޭނާ އަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ ގޮނޑިއަކަށް ވާދަކުރަން ހުށަހެޅުމުން އެކަން ގަބޫލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ. އެކަމަކު އެއީ ކޮން ކޮން ޕާޓީތަކެއްތޯ އެހުމުން، ސޯނޫ ތަފްސީލެއް ނުދިނެވެ.

އާންމުންނަށް އެހީވާން ފެށުމާ އެކު މިހާރު އިންޑިއާގެ ސިޔާސީ މީހަކަށް އާންމުކޮށް ނުލިބޭ ވަރުގެ ބޮޑު ތާއިދަކާއި ލޯތްބާއި ސަޕޯޓް ސޯނޫ އަށް ލިބެން ފެށުމުން އޭނާ އަށް ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ދާދި ފަހުން ވެސް ސޯނޫ ބުނެފައިވެ އެވެ. އެކަމަކު އޭނާ ބުނީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެންޑީޓީވީ އަށް ދިން އިންޓަވިއުގައި ސޯނޫ ބުނީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެކިއެކި ޕާޓީތަކުން އޭނާ އެތައް ހުށަހެޅުމެއް އައި ކަމަށެވެ. އަދި މި ފަހުން އޭނާ ސިޔާސީ ދާއިރާ އަށް ނުކުތުމަށް ލިބޭ ހުށަހެޅުންތައް ވަކިން އިތުރު ކަމަށް ބުންޏެވެ.

ސޯނޫ ބުނީ އޭނާގެ ބޮލުގައި ޓެކްހަށް މަކަރުހެދިކަމުގެ ތުހުމަތު އަޅުވަނީ އާންމުންގެ މެދުގައި އޮތް ލޯތްބާއި ތާއީދަށް ބުރޫއެރުވުމުގެ ގޮތުންނެވެ. އެކަމަކު އަބަދު ވެސް އޭނާ އެހީވުމުގެ ކަންކަމާއި އާމްދަނީއާ ގުޅުން ހުރި ކަންކަން ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ބުންޏެވެ.