Roadha Mihaaru
ކޮވިޑް-19އާ ދެކޮޅަށް ފިލްމީ ފަންނާނުންގެ މާލީ އެހީ

ކޮވިޑް-19އާ ދެކޮޅަށް އިންޑިއާ ފިލްމީ ފަންނާނުންގެ މާލީ އެހީ

31 މާޗް 2020

ގައުމު 21 ދުވަހަށް ލޮކްޑައުންކޮށް، އިންޑިއާ އިން ކޮރޯނާވައިރަހާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް އިންޑިއާގެ ފިލްމީ ފަންނާނުން މާލީ އެހީ ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގައުމު 21 ދުވަހަށް ލޮކްޑައުންކޮށް، އިންޑިއާ އިން ކޮރޯނާވައިރަހާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް އިންޑިއާގެ ފިލްމީ ފަންނާނުން މާލީ އެހީ ދޭން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބޮލީވުޑްގެ އިތުރުން އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ތަރިންނާއި ޕްރޮޑިއުސަރުން ވެސް އަންނަނީ ފަންޑަށް އެހީ ދެމުންނެވެ.

މިހާތަނަށް "ޕީއެމް-ކެއާޒް" އަށް އެހީ ދިން ތަރިންގެ ތެރޭގައި ހެމާ މާލިނީ ހަދިޔާކުރި އެއް ކްރޯޑް ރުޕީސް އާއި އޭނާގެ ދޮންދަރި ސަނީ ޑިއޯލް ހަދިޔާކުރި 50 ލައްކަ ރުޕީސް އާއި އަކްޝޭ ކުމާރު ދިން 25 ކްރޯޑް ރުޕީސް އާއި ވަރުން ދަވަން ހަދިޔާކުރި 55 ލައްކަ ރުޕީސް އާއި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ދިން 50 ލައްކަ ރުޕީސް ރަންދީޕް ހޫޑާ ދިން އެއް ކްރޯޑް ރުޕީސް އާއި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ދިން 12 ކްރޯޑް ރުޕީސް އާއި ތެލެގޫ އެކްޓަރު ޕަވަން ކަލިއާން ދިން 2 ކްރޯޑް ރުޕީސް އާއި މަހޭޝް ބާބޫ ދިން އެއް ކްރޯޑް ރުޕީސް އާއި ރަޖްނީކާންތު ދިން 50 ލައްކަ ރުޕިސް އާއި ޕްރަބާސް ހަދިޔާކުރި 4 ކްރޯޑް ރުޕީސްގެ އިތުރުން ރާމް ޗަރަން ހަދިޔާކުރި 70 ލައްކަ ރުޕީސްގެ ވާހަކަ މީޑިއާތަކުން ގެނެސްދީފައިވެ އެވެ.

މީގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް އަންނަނީ ފަންޑަށް އެހީ ދެމުންނެވެ.

ފައިސާގެ އެހީދެމުން އަންނަ ތަރިންގެ ތެރޭގައި ގިނަ އަދަދެއްގެ ޓީވީ ތަރިން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ފަންނާނުން އަންނަނީ މެޑިކަލް ސާމާނު ވެސް ހަދިޔާކުރަމުންނެވެ.

ގިނަ އަދަދެއްގެ އެކި ވައްތަރުގެ މެޑިކަލް މާސްކް ހަދިޔާކުރި ފަންނާނުންގެ ތެރޭގައި ރިތިކް ރޯޝަން ހިމެނެ އެވެ. އަދި ބައެއް ތަރިން އެހީ ދިން ނަމަވެސް އެ ވާހަކަ ހާމައެއްނުކުރެ އެވެ.

އިންޑިއާގެ ފިލްމީ އިންޑަސްޓްރީން "ޕީއެމް-ކެއާޒް" ފަންޑަށް އެހީވަމުން އަންނަ އިރު، ވީހާ ވެސް ގިނަ ބަޔަކު އެހީދޭން އެދިވަޑައިގެން މޯދީ ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.

ފަންޑަށް ތަރިން އެހީ ދެމުން އަންނަ އިރު، ކޮރޯނާވައިރަހާ ހެދި އިންޑިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކޮށް، އުފެއްދުންތަކުގެ ޝޫޓިންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެހެންވެ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ މިހާރު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

ކޮވިޑް-19 ގައި އިންޑިއާ އިން މިހާތަނަށް 30 ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ހާހަކާ ގާތްކުރެ އެވެ.