Roadha Mihaaru
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ

ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ

13 ސެޕްޓެމްބަރ 2021

ޑިސްކަވަރީ ނެޓްވޯކުން ގެނެސްދޭ ބެއާ ގްރިލްސްގެ މަޝްހޫރު ޝޯ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބައިވެރިވާ ގޮތަށް ހަމަޖެހި، އޭގެ ޝޫޓިން އަށް ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިސްކަވަރީ ނެޓްވޯކުން ގެނެސްދޭ ބެއާ ގްރިލްސްގެ މަޝްހޫރު ޝޯ "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބައިވެރިވާ ގޮތަށް ހަމަޖެހި، އޭގެ ޝޫޓިން އަށް ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ އެޑްވެންޗަރަސްގެ ޝޯގައި އަޖޭއާ އެކު ރާއްޖޭގައި ޝޫޓްކުރާ މަންޒަރުތައް ނެގުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. ގްރިލްސްގެ ޝޯތަކުގައި މިި ފަހުން ބައިވެރިވެފައިވާ އިންޑިއާގެ މަޝްހޫރު މީސްމީހުންގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްޓަރު ރަޖްނީ ކާންތާއި އެކްޓަރު އަކްޝޭ ކުމާރު ހިމެނެ އެވެ.

"އިން ޓު ދަ ވައިލްޑް" ގެ ޝޫޓިން އަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ ރާއްޖެ އަށް އަންނަ އިރު، އޭނާއަކަށް ރާއްޖެ އަލެއް ނުވާނެ އެވެ. އަޖޭ މީގެ ކުރިން އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ. މީޑިއާތަކުން ބުނީ އަޖޭ ބައިވެރިވާ "އިން ޓު ދަ ވައިލްޑް" އެޕިސޯޑް ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭނީ ޑިސްކަރީ ޕްލަސް އެޕުން ކަމަށެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ މިހާރު އަންނަނީ އޭނާގެ އަލަތު ވެބް ސީރީޒް ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

އަޖޭ. 52، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އެސްއެސް ރާޖަމޯލީގެ އާރްއާރްއާރް" އާއި އިންދަރު ކުމާރުގެ "ތޭންކް ގޯޑް" އާއި އަމިތު ޝަރުމާގެ "މައިދާން" ގެ އިތުރުން އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅޭ "މޭޑޭ" ހިމެނެ އެވެ.