Roadha Mihaaru
މޯދީ އަށް ފަހު ބެއާ ގްރިލްސްއާ އެކު ރަޖްނީކާންތު

މޯދީ އަށް ފަހު ބެއާ ގްރިލްސްއާ އެކު ރަޖްނީކާންތު

30 ޖެނުއަރީ 2020

ތިމާވެއްޓާ ގުޅުން ހުރި އެކި މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޑިސްކަވަރީ ޗެނެލުން ގެނެސްދޭ ބެއާ ގްރިލްސްގެ ޝޯއެއްގައި އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތު ބައިވެރިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިމާވެއްޓާ ގުޅުން ހުރި އެކި މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ޑިސްކަވަރީ ޗެނެލުން ގެނެސްދޭ ބެއާ ގްރިލްސްގެ ޝޯއެއްގައި އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތު ބައިވެރިވެއްޖެ އެވެ.

އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ 69 އަހަރުގެ ރަޖްނީކާންތު ފެންނާނީ ގްރިލްސްގެ "އިން ޓު ދަ ވައިލްޑް ވިތު ބެއާ ގްރިލްސް" އިންނެވެ. މިއީ ސާފު ބޯފެނުގެ ދަތިކަން އިންޑިއާ އަށް ކުރިމަތިވެފައިވާ މިންވަރު ދައްކާ އެޕިސޯޑެކެވެ.

މި އެޕިސޯޑް ޝޫޓްކޮށްފައި ވަނީ ކަރުނާޓަކާގެ ބަންދިޕޫރް ޓައިގާ ރިޒާވްގަ އެވެ. ރަޖްނީކާންތު ބުނީ އޭނާޤ މުޅިން އަލަށް ޓީވީ ޝޯއެއްގައި ހިއްސާވާން ނިންމި މައިގަނޑު ސަބަބަކީ ގްރިލްސް ކަހަލަ ތަޖުރިބާކާރު މީހަކާ އެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ދޫކޮށްނުލުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ އުޅޭ އެޕިސޯޑްގެ ސަބަބުން، ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކަށް އިތުރު ސަމާލު ކަމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

"މި ސަވައިވަލް ޗެލެންޖާ އަހަރެން ކުރިމަތިލަނީ އާ ތަޖުރިބާއެއްގެ ގޮތުގައި،" އެތައް ފިލްމެއް ކުޅެފައިވާ އަދި "ތަލައިވާ" ގެ ނަމުން މަޝްހޫރު އެކްޓަރު ބުންޏެވެ. އަދި މިފަދަ ފުރުސަތެއް ދިން ކަމަށްޓަކައި އޭނާ ވަނީ ގްރިލްސް އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރަޖްނީކާންތު އުޅޭ އެޕިސޯޑާ ބެހޭ ގޮތުން ގްރިލްސް ކުރި ޓްވީޓެއްގައި ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފަހު، އަނެއްކާ ވެސް އިންޑިއާގެ ވަރުގަދަ ޝަހުސިއްޔަތަކާ އެކު އޭނާގެ ޝޯ އަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

ރަޖްނީކާންތަށް ތައުރީފުކުރަމުން ގްރިލްސް ބުނީ އޭނާގެ ޑެޑިކޭޝަނުން ހައިރާންކޮށްލި ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކަށް އެޕިސޯޑް ކަމުދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ގްރިލްސް ވަނީ އޭނާގެ ޝޯ "މޭން ވާސަސް ވައިލްޑް" ގައި މޯދީއާ އެކު ގެނެސްދިން އެޕިސޯޑަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދިންކަން ވެސް ފާހަގަކޮށްފަ އެވެ. މި އެޕިސޯޑް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.