Roadha Mihaaru
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ

އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ

30 އޯގަސްޓް 2019

ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކް ހަ ބާވަތެއް އެ ގައުމުގައި އަންނަ އޮކްޓޯބަރު މަހުގެ ދެ އިން ފެށިގެން މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކް ހަ ބާވަތެއް އެ ގައުމުގައި އަންނަ އޮކްޓޯބަރު މަހުގެ ދެ އިން ފެށިގެން މަނާކުރަން ނިންމައިފި އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނިގޮތުގައި ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ހަ ބާވަތެއް އިންޑިއާގައި މަނާކުރާނީ އޮކްޓޯބަރު 2 ގައި ފާހަގަކުރާ، އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ 150 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. މި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރި އިންޑިއާގެ 72 ވަނަ މިނިވަން ދުވަހު ދެއްވި ޚިތާބުގައި ވެސް މޯދީ ވަނީ ޕްލާސްޓިކާ ދެކޮޅަށް މުޅި އިންޑިއާ މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.

ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން މި މަހުގެ 20 އިން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ ސެކްރެޓަރިއަޓްގައި ވަނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިފަ އެވެ.

ނޫސްތަކުން ބުނިގޮތުގައި އޮކްޓޯބަރު 2 އިން ފެށިގެން އިންޑިއާގައި މަނާކުރާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ތެރޭގައި ހިމެނޭނި ބާޒާރު ކޮތަޅާއި ޖޫސްބޯ ހޮޅި އާއި ޕްލާސްޓިކް ތައްޓާއި ފުޅި އާއި ހަކުރު ކަހަލަ އެއްޗެހި ޕެކްކޮށްފައި ހުންނަ ކުދި ޕްލާސްޓިކް ބޭގް ޕެކިން ހިމެނެ އެވެ. މި ތަކެތި މަނާކުރުމުގެ އިތުރަށް މިފަދަ ބާވަތްތައް އިންޑިއާގައި އުފެއްދުމާއި ބޭރުން އެތެރެކުރުން ވެސް މަނާވާނެ އެވެ.

އިންޑިއާއަކީ އަހަރެއްގެ ތެރޭގައި 14 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދޭ ގައުމެއް.

ސަރުކާރުން ބުނިގޮތުގައި މި އުސޫލުތަކާ ހިލާފުވާ މީހުންނާ މެދު ކުރިއަށް އޮތް ތަނުގައި ފިޔަވަޅު ވެސް އަޅާނެ އެވެ. އޭގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެ އެވެ.

މޯދީގެ ސަރުކާރުގެ އަމާޒަކީ 2022 އާ ހަމައަށް އަންނަންވާ އިރަށް އިންޑިއާގައި އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކް އެއްކޮށް ބޭނުންކުރުން ހުއްޓައިލުމެވެ. އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބޭނުންކުރަން ހިތްވަރުދީ އެކަން ކުރިއެރުވުމެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔޭގައި އުފެދޭ ޕްލާސްޓިކް ކުނިބުނީގެ 50 ޕަސަންޓް އުކައިލަނީ މޫދާއި ކަނޑުފަޅުތަކަށެވެ. މީގެ ސަބަބުން އެތަންތަނުގެ ދިރުންތައް ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވެ އެވެ.

ކުނި މެނޭޖްކުރުުގެ ހަރުދަނާ ނިޒާމުތަކެއް ނެތް އިންޑިއާއަކީ އަހަރެއްގެ ތެރޭގައި 14 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި އުފެދޭ ގައުމެކެވެ. އެގޮތުން ހަ ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމުން އެ ގައުމުގައި އުފެދޭ ޕްލާސްޓިކް ކުނިން 5-10 ޕަސަންޓް މަދުވެގެން ދާނެ އެވެ.

ސަރުކާރުން މިހާރު ވަނީ އިންޑިއާގައި އޮންލައިން ފިހާރަ ހިންގާ އެމެޒޯން އާއި ފްލިޕްކާޓާއި ވޮލްމާޓް ފަދަ ކުންފުނިތަކަށް ވެސް ޕްލާސްޓިކް މަދުކުރަން އަންގައިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާފައި އުފެދޭ ޕްލާސްޓިކް ކުނީގެ 40 ޕަސަންޓް ހިއްސާކުރަނީ އޮންލައިން ވިޔަފާރިތަކުންނެވެ.